އިސްރާއީލުން ޣައްޒާގައި ކުރަމުން ގެންދާ ހަނގުރާމަޔަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ދަނޑިވަޅުގައި، ސީރިއާގެ ސަރުކާރުންނާއި ރަޝިއާއިން ހުޅަނގުއުތުރު ސީރިއާއަށް ދޭ ހަމަލާތައް އިތުރު ކޮށް، ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު މަރަމުން، އިތުރު އެތައް ސަތޭކަ ބަޔަކު ޒަހަމް ކުރަމުން އެބަ ގެންދާ ކަމަށް އިދިކޮޅު ލީޑަރުންނާއި، އިމަޖެންސީ ވޮލެންޓިއަރުން ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު މަހު ރަޝިއާ އަދި ސީރިއާގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވީ އިދުލީބު އަދި އަލެއްޕޯގެ ރަށްފުށުގެ ސިޓީތަކަށާއި އަވަށްތަކަށެވެ. މި ހަމަލާތަކުގައި އާންމުންގެ 66 މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 23 ކުޑަކުދިންނާއި، 13 އަންހެނުން ހިމެނޭ އިރު، 79 ކުޑަކުދިންނާއި 47 އަންހެނުން ހިމެނޭހެން 270 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ސީރިއާގައި މަސައްކަތް ކުރާ އިމަޖެންސީ ރެސްކިއު ގުރޫޕުން ބުނެފައި ވެއެވެ.

މި ނޮވެމްބަރު މަސް ފެށުނު ފަހުން ހަމަލާތަކަށް ކުޑަ މަޑު ޖެހުމެއް އައިސްފައިވީ ނަމަވެސް، ސީރިއާގެ ސަރުކާރުގެ ސިފައިން ވަނީ އެމީހުންގެ ސަމާލުކަން އާންމުންގެ އުޅަނދުތަކަށް މިސައިލު ހަމަލާތައް ދިނުމަށް އަނބުރާލާފައެވެ.

ސީރިއާގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް ގެ ނަމުން ނަންދެވިފައިވާ ސީރިއާގެ ސިވިލް ޑިފެންސުން ބުނެފައިވަނީ މިއަހަރު ފެށުނީއްސުރެ މިހިނގާ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، އެ ޓީމުން ވަނީ ސަރުކާރުގެ ސިފައިންގެ 17 މިސައިލު ހަމަލާއަށް ފަހު ހަރަކާތްތެރިވެފައި ކަމަށެވެ. އެ ހަމަލާތަކުގައި އެ ޖަމާއަތުގެ ވޮލެންޓިއަރެއް ހިމެނޭހެން އާންމުންގެ 4 މީހުން މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައި ވެއެވެ.

ސީރިއާގައި އިދިކޮޅުގެ ކޮންޓްރޯލުގެ ދަށުގައި އޮތް އެންމެ ފަހުގެ ޕްރޮވިންސަކީ އިދްލީބެވެ. އަދި އެ ސަރަހައްދުގައި ހަމަލާތައް ހުއްޓާލުމަށް 2020 ވަނަ އަހަރު ތުރުކީ އާއި ރަޝިއާ އާއި ދެމެދު ވަނީ އެއްބަސްވުމެއް ވެވިފައި ނަމަވެސް، ދޭތެރެ ދޭތެރެއިން ސީރިއާގެ ސަރުކާރުގެ ސިފައިން އެ އެއްބަސްވުމާއި ހިލާފުވެ ހަމަލާތައް ދެއެވެ.

ސީރިއާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ މުސްތަފާ އަލް ބަކޫރު ބުނެފައިވަނީ އައްސަދުގެ ސަރުކާރުންނާއި، ރަޝިއާއިންނާއި، އިރާނުން އުތުރު ސީރިއާގެ އާންމުންނާއި ދެކޮޅަށް ދޭ ހަމަލާތައް އެންމެ ދުވަހަކަށްވެސް ހުއްޓާލާފައި ނުވާ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ދާހިލީ ހާލަތްތަކަށް ބިނާކޮށް ހަމަލާތައް ވަރުގަދަ ކޮށް، މަދުކޮށް ހަދާކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އޭނަ ބުނެފައިވަނީ މިފަހަރުވެސް ހަމަލާތައް އިތުރު ކޮށްފައިވަނީ ދުނިޔޭގެ ސަމާލުކަން އިސްރާއީލު ޣައްޒާގެ ހަނގުރާމައަށް އެނބުރިފައި ވުމުން ކަމަށެވެ.

އދ އިން ބުނެފައިވާ ގޮތުގައި މިފަހުން ހަމަލާތައް އިތުރުވެފައި ވުމުން، 120،000 އަށް ވުރެ ގިނަ މީހުން މަގުމަތިވެފައިވާ ކަމަށެވެ.

މީގެ 8 އަހަރު ކުރިން، 2015 ވަނަ އަހަރު، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ރަޝިއާއިން ސީރިއާގައި އަސްކަރީ ހަރަކާތްތައް ފެށި ފަހުން، ރަޝިއާގެ ސިފައިން އެކަނި އާންމުންގެ 7000 މީހުން މަރާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި 2046 ކުޑަކުދިންނާއި 978 އަންހެނުން ހިމެނޭ ކަމަށް ސީރިއާގެ ހިއުމަން ރައިޓްސް ނެޓްވޯކުން ރިޕޯޓު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮހޮނު

    އެމެރިކާއާއި އިޒްރާހެލްއިން ބައިނަލް އަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ސީރިޔާއަށް ދޭ ހަމަލާތަކުގެ ވާހަކަވެސް ވާނެ ލިޔެލަން...

    9
    1