ސްރީލަންކާގައި ކުދިން އުފަންވާ އަދަދު ދަށަށް ހިނގައްޖެއެވެ.

އެގައުމުގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް އިން ދައްކާގޮތުގައި ލަންކާގައި 2019 އާއި 2022 އާ ދެމެދު ވިހެއުމުގެ ނިސްބަތް ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ވިހެއުމުގެ ނިސްބަތް މެދުނުކެނޑި އަންނަނީ ދަށްވަމުންނެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2019 އިން 2022 އާ ދެމެދު ލަންކާގައި ވިހެއުމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސެންސަސް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި 01 ޖުލައި 2023 ގެ ނިޔަލަށް ޖުމްލަ 268،920 ކުދިން ވިހަފައިވާއިރު 2022 ވަނަ އަހަރު ޖުމްލަ 275،321 ކުދިން ވިހެއި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުދިންގެ އަދަދު 6،401 ދަށްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރީ އަހަރުތަކުގެ މައުލޫމާތު ހާމަކުރަމުން އެ ޑިޕާޓްމަންޓުން ބުނީ 2021 ވަނަ އަހަރު 284،848 ކުދިން ވިހާފައިވާއިރު، 2020 ވަނަ އަހަރު 300،000 އަށް ވުރެ ގިނަ ކުދިން ވިހެއި ކަމަށް ރެކޯޑްކޮށްފައިވާ ކަމަށެވެ.

މިގޮތަށް ދިމާވަނީ ވަރަށް ގިނަ ކަންތައްތަކާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮޮތުން އިޖުތިމާއީ އަދި އިގްތިސާދީ ދަތިތަކާއި، އުފަންވުން ކޮންޓްރޯލް ކުރުމުގެ ޕްލޭންތަކާއި، ފެމިލީ ޕްލޭނިންގ އުސޫލުތަކާއި، ދުނިޔޭގެ ބަލިމަޑުކަމުގެ ސަބަބުން ދަރިން ނުހޯދުމަށް ރައްޔިތުން ނިންމުމުން ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފެމިލީ ހެލްތު އޮފިސަރުންގެ ޖަމިއްޔާ (އެފްއެޗްއޯއޭ)ގެ ޗެއާޕާސަން ޑެވިކާ ކޮޑިޓޫވަކު ވެސް ވަނީ މުޅި ލަންކާގައި އެޑޮޕްޝަންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަދު ހެނދުނު އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ސުސިލް ޕްރޭމަޖަޔަންތާ ވެސް ވިދާޅުވީ، ހެލްތު މިނިސްޓްރީގެ ރިޕޯޓްތަކުން ވެސް ވިހެއުމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު