ރަތް ކަނޑުން ދަތުރު ކުރަމުންދާ ބޯޓުތަކަށް ޔަމަނުގެ ހޫތީން ދެމުންދާ ސިލްސިލާ ހަމަލާ ތަކުގެ ސަބަބުން ރަތް ކަނޑު ހުރަސްކޮށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން މެދު ކަނޑާލަން ދުނިޔޭގެ މައި ދެ ޝިޕިން ކުންފުންޏަކުން ނިންމައިފިއެވެ.

ރަތް ކަނޑުގެ ބާބުލް މަންދަބް މަގުން ކުރާ ހުރިހާ ދަތުރުތަކެއް މިވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް ޑެންމާކުގެ މައެސްކު ޝިޕިން ކުންފުނިންނާއި، ޖަރުމަނުގެ ކޮންޓެއިނަރ ޝިޕިންގް ލައިން ހަޕަގް ލޮއިޑް އިން ވަނީ ބުނެފައެވެ.

އެ ކުންފުނިތަކުން މިކަން އިއުލާނު ކޮށްފައި މިވަނީ އިއްޔެ ބާބުލް މަންދަބް މަގުން ދަތުރު ކުރި ލައިބީރިއާގެ ދިދަ ނެގި ދެ ބޯޓަށް ހޫތީންގެ ހަމަލާތަކެއް އަމާޒުވުމަށް ފަހުގައެވެ. އެމެރިކާގެ ދިފާއީ އޮފިޝަލަކު ބުނެފައިވަނީ އެއް ބޯޓަށް އަމާޒުވި ކަމަށް ބެލެވެނީ ޑްރޯން ހަމަލާއެއް ކަމަށާއި، ހަމަލާގެ ސަބަބުން އަލިފާން ރޯވެފައި ވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އެ ބޯޓަކީ ޖަރުމަނުގެ ހަޕަގް ލޮއިޑް އަށް ނިސްބަތްވާ ބޯޓެކެވެ.

ދެވަނަ ބޯޓަށް ހޫތީންގެ ދެ ބެލިސްޓިކް މިސައިލް އަމާޒުވެފައިވާ ކަމަށާއި އެ ބޯޓަކީ މައެސްކު ކުންފުނީގެ ބޯޓެއް ކަމަށް އޮފިޝަލް ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގް ކުންފުނި ކަމަށްވާ މައެސްކު އިން ބުނެފައިވަނީ ބާބުލް މަންދަބު މަގުން ދަތުރު ކުރުމަށް ރޭވިފައިވާ އެ ކުންފުނީގެ ހުރިހާ ބޯޓަކަށް އިތުރު އެންގުމެއް އަންގަންދެން ދަތުރުތައް މަޑު ޖައްސާލަން އަންގާފައިވާ ކަމަށެވެ.

އެ ދެ ބޯޓަށް ދިން ހަމަލާގެ ޒިންމާ ހޫތީން ނަގާފައިވާ އިރު، ހޫތީން ބުނެފައިވަނީ އެ ދެބޯޓުވެސް ދަތުރު ކުރަމުން ދިޔައީ އިސްރާއީލަށް ކަމަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި އެ ދެބޯޓުގެ މަންޒިލަކީ ސައުދީ އަރަބިއްޔާ ގެ ޖިއްދާ އެވެ.

ހޫތީން ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެން ދެން އިސްރާއީލުގެ ބަނދަރުތަކަށް މިސްރާބު ޖަހާ ހުރިހާ ބޯޓުތަކެއް ހުއްޓުވާނެ ކަމަށެވެ. އަދި އިސްރާއީލުގެ ބަނދަރުތައް ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ބަނދަރުތަކަށް ދަތުރުކުރާ އެއްވެސް ބޯޓަކަށް އެއްވެސް ގެއްލުމެއް ނުދޭނެ ކަމުގެ ޔަގީންކަންވެސް ހޫތީން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާ

    ހޫތީން ހަމަލާދެނީ އެމެރިކާއާއި ޔޫރަޕްގެ ފުރިހަމަ އެއްބާރުލުމާއިއެކު ބައިނަލްއަޤްވާމީ ހުރިހައި ޤާނޫނަކަށް ގޮންޖަހައި އިޒްރޭލުން ޣައްޒާއަށް ޙަމަލާދޭތީ. އިޒްރޭލުން ޣައްޒާގެ ރައްޔިތުން މެރުން ހުއްޓުވުމަށްވުރެ ހޫތީން ރަތްކަނޑުން ދަތުރުކުރާ ބޯޓްތަށް ހުއްޓުވައި ޔޫރަޕް އިނދަޖެހުންވެސް މިވަނީ ރަނގަޅުވެފައި.

    24
  2. ޙާސިމް

    ޖިއްދާގަ ހުންނާނީ އިޒްރޭލްގެ ޕޯޓްތައް

    17
    1