އީރާނުން ހަތިޔާރު އުފެއްދޭ ފެންވަރުގެ ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް ހަލުވި ކޮށްފައިވާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓުތަކާ މެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާނު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވާފައިވަނީ އީރާނުން ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް ހަލުވި ކޮށްފައިވާ ކަމަށް ބުނެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ.

"މިފަހުން އިރާގާއި ސީރިއާގައި ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކާއި ރަތް ކަނޑުގައި މުދާ އުފުލާ ބޯޓު ފަހަރަށް ހޫތީން ދެމުންދާ ހަމަލާތައް ހިމެނޭހެން އިރާނުން ވާގިވެރިވާ ޖަމާއަތްތަކުން އެ ސަރަހައްދުގައި ނުރައްކާތެރި އަދި ހަމަޖެހުން ގެއްލޭ ފަދަ ހަރަކާތްތައް ހިންގަމުންދާ ދަނޑިވަޅެއްގައި އިރާނުން ނިއުކްލިއަރ މަސައްކަތް ހަލުވި ކުރުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް." އެމެރިކާގެ ތަރުޖަމާނު ބުނެފައި ވެއެވެ.

އދ ގެ އެޓޮމިކް ވޮޗްޑޯގް އައިއޭއީއޭގެ ރިޕޯޓުގައި ބުނެފައިވަނީ އީރާނުން ހަތިޔާރު އުފައްދާ ފެންވަރުގެ ޔުރޭނިއަމް ފައްކާ ކުރުމުގެ ރޭޓް ފާއިތުވި ހަފްތާތަކުގައި ހަލުވި ކޮށްފައިވާ ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ ހަކަތައާއި ބެހޭ ވެރިޔާ މުހައްމަދު އެސްލާމީ ވަނީ އައިއޭއީއޭ ގެ އިންޒާރުތަކަކީ މާނައެއް ނެތް އިންޒާރުތަކެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އިރާނުން “ވަކި އާކަމެއް” ކޮށްފައި ނުވާ ކަމަށާއި އިރާނުން މަސައްކަތް ކުރަމުން ދަނީ “ގަވާއިދުތަކާއި އެއްގޮތަށް” ކަމަށެވެ.

ނިއުކްލިއަރ އެއްބަސްވުން އަލުން އިއާދަކުރުމާއި ގުޅޭ ގޮތުން އެމެރިކާ އާއި އެކު މަޝްވަރާގެ ވާހަކަތައް ފެށިފައިވުމުން އިރާނުން މި އަހަރުގެ ކުރީކޮޅު ވަނީ ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތުގެ ދުވެލި މަޑު ކޮށްލާފައެވެ. ނަމަވެސް އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އާއި އެކު އިރާނާއި އެމެރިކާއާއި ދެމެދުގެ މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.