ޣައްޒާގަައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމަށް ޓަކައި ދުނިޔޭގެ އެހީ ދޭ ޖަމިއްޔާތަކުންނާއި ގައުމުތަކުން ފޮނުވާ އިންސާނީ އެހީތެރިކަމުގެ ތަކެތި ހިފައިގެން އަންނަ ގާފިލާތައް ޣައްޒާއަށް ވަންނަމުންދާ ކަމަށް ޔަހޫދީ އިސްރާއީލުގެ ސަރުކާރުން ބުނެފިއެވެ.

އިސްރާއީލުގެ ސަރުކާރުގެ އިދާރާއެއް ކަަމަށްވާ އޮފީސް ފޯ ކޯޑިނޭޝަން އިން ފަލަސްތީނިއަން ޓެރިޓަރީސް އިން ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ހިފައިގެން އައި 237 ޓުރަކް ބަލައި ފާސް ކުރުމަށްފަހު ޣައްޒާ އަށް އެތެރެވުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ. އަދި މިއީ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހިނގަން ފެށި ހަމަނުޖެހުންތަކަށް ފަހު ޣައްޒާ އަށް މިހާ ބައިވަރު އެހީގެ ޓުރަކްތައް އެތެރެވި ދުވަސް ކަމަށް ވެސް ޔަހޫދީ ދައުލަތުގެ އެ އިދާރާއިން ބުނެފައިވެއެވެ.

ހަނގުރާމައިގެ ކުރިން ދުވާލަކަށް ޣައްޒާ އަށް ވަންނަ އެހީގެ ޓުރަކް ތަކުގެ އަދަދު އުޅެނީ 500 އަށް ވުރެ މަތީގައެވެ. އެހެންކަމުން އިއްޔެ މިއީ ހަގީގަތުގައި މަދު އަދަދެއް ކަމަށާއި އެހީގެ ގޮތުގައި ޣައްޒާއަށް އެ ލިބެނީ 2 މިލިއަން މީހުންގެ އާބާދީއަކަށް ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް މަދު އަދަދެއް ކަމަށް އިންސާނީ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނެއެވެ.

ދެކުނު އެފްރިކާ އިން ދުނިޔޭގެ ކޯޓަށް އިސްރާއީލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އިސްރާއީލު ދިފާއުކުރުމަށް ވަކާލާތުކުރި އިސްރާއީލުގެ ވަކީލު ޑރ. ގަލިތް ވެސް ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމަށް ބުނެފައެވެ. އެހެން ކަމުން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަނީ ގަތުލްއާންމެއް ނޫން ކަމަށާއި އެއީ އަމިއްލަ ގައުމުގެ ދިފާއުގައި ހިންގާ އަސްކަރީ ހަރަކާތްތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

ނަމަވެސް އދ ގެ އެތައް ޖަމިއްޔާތަކުން ވެސް ވަނީ އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް ލިބެން ޖެހޭ އިންސާނީ އަސާސީ ހައްގުތަކުން މަހްރޫމުވެފައި ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އެގޮތުން ކަރަންޓާއި ކާނާގެ އިތުރުން ބޯނެ ސާފު ފެނުގެ ދަތިކަން ވެސް މިހާރު އިންތިހާއަށް ގޮސްފައިވާ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ. އަދި ހޮސްޕިޓަލް ތަކަށާއި ސުކޫލުތަކަށް ހަމަލާދޭތީ އދ އިން ވަނީ އެކަމުގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.