އިރާގުގެ ގޭސް ފީލްޑް ތަކުގައި މަސައްކަތް ކުރަން ޗައިނާގެ އެންމެ ބޮޑު ތެޔޮ ކުންފުނި ޕެޓްރޯޗައިނާ އާއި އިރާގުގެ ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ޕެޓްރޯޗައިނާ އަކީ ޗައިނާގެ ސަރުކާރުގެ ހިއްސާ އޮންނަ، ތެލާއި އެހެނިހެން ހަކަތައިގެ ބާވަތްތަކުގެ ވިޔަފާރި ކުރާ ޗައިނާގެ އެންމެ ބޮޑު ކުންފުންޏެވެ.

ޗައިނާ އިން އެ ގައުމުގެ ނުފޫޒު މެދުއިރުމަތީގައި ދަނީ ހަލުވިކަމާއި އެކީ ފަތުރަމުންނަވެ. ގައުމު ތަކަށް ޗައިނާގެ އިންވެސްޓްމެންޓް ތައް އަންނަމުންދާ އިރު މިއީ މިހާ ބޮޑު ދަރަޖައެއްގައި ޗައިނާ އިން އިރާގުގެ ހަކަތައިގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފުރަތަމަ ފަހަރެވެ.

އިރާގުގެ ތެޔޮ ވަޅުތަކާއި ގޭސް ވަޅުތަކުގެ ބޮޑު ކޮންޓްރޯލެއް ކުރިން އޮންނަނީ އެމެރިކާގެ ކުންފުނިތަކުގެ އަތް މަތީގައެވެ. ހާއްސަކޮށް އެމެރިކާގެ ހަކަތަ ކުންފުންޏެއް ކަމަށްވާ އެކްޒޯންމޮބިލް އަތުގައެވެ.

އިރާގުގެ ސަރުކާރުން ވަނީ އެ ގައުމުގެ ދެކުނުގެ ސަރަހައްދުގައިވާ ނަހްރު ބިން އުމަރު ގޭސް ވަޅުތައް ތަރައްގީކޮށް އެ ގޭސް ވަޅުތަކުން ގޭސް ނަގައި ވިއްކުމުގެ އިހުތިޔާރު ޕެޓްރޯޗައިނާ ކުންފުންޏަށް ދީފައެވެ. އަދި އެ ގައުމުގެ ދެކުނުގައިވާ ބޮޑު ގޭސް ވަޅެއް ކަމަށްވާ ޤުރްނާ 1 ގޭސް ވަޅުން ގޭސް ނެގުމާއި އެ ގޭސްވަޅު ހިންގުމުގެ ހުރިހާ އިހުތިޔާރެއް އެމެރިކާގެ ވަރުގަދަ އަދި ބޮޑު ހަކަތަ ކުންފުނި އެކްޒޯމޮބިލް އަތުން ނަގައި ޗައިނާގެ ޕެޓްރޯޗައިނާ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ.

އިރާގުގެ ތެޔޮ ވަޅުތަކުގައި އޮޕަރޭޓް ކުރުމުގެ ހުއްދަ އަދި ޗައިނާގެ ޕެޓްރޯޗައިނާ އަށް އިރާގުގެ ސަރުކާރުންދީފައި ނުވިޔަސް އިރާގުގެ ގޭސް ވަޅު ތަަކަކީ އިރާގުގެ ތެޔޮ ވަޅުތަކާއި އެއްވަރަށް ޗައިނާއަށް މުހިންމު ވަޅުތަކެކެވެ.

އިރާގުގެ 70 އިންސައްތަ ތެޔޮ ވަޅުތައް ހުންނަނީ ގޭސް ވަޅުތަކާއި ގުޅިފައި ކަމުން މުސްތަގުބަލު ގައި މި ތެޔޮ ވަޅުތައް އޮޕަރޭޓްކުރުމުގެ ހުއްދަ ޕެޓްރޯޗައިނާ ކުންފުންޏަށް ލިބުން ވަރަށް ގާތެވެ.

އިރާގަކީ ތެލާއި ގުދުރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތަކުގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ ގައުމެކެވެ. އެ ގައުމުގައި ތެލާއި ގޭސް ހުރި ސީދާ މިންވަރު އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ހޯދި ހޯދުންތަކުން ކަށަވަރުވާ ކަމަކީ އިރާގުގައި 145 ބިލިއަން ފީފާގެ ތެޔޮ ހުންނާނެކަމެވެ. ނަމަވެސް އިރާގުގެ ތެލާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި އެގައުމުގައި 215 ބިލިއަން ފީފާގެ ތެޔޮ ހުރުން އެކަށީގެންވެއެވެ.