ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 33،899 އަށް އަރައިފިއެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ހަމަސް ދުވަސް ވެފައިވާ މި ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 33،899 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން ތަފާތު އެކި ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 56 މީހަކު ޝަހީދުވެ، 89 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އަނިޔާވެރި ޔަހޫދީން ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 76،664 މީހުން ވަނީ ޣައްޒާ އިން ޒަހަމްވެފައެވެ. ހޮސްޕިޓަލް ތަކަށާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް ހަމަލާދީ ޣައްޒާގެ ސިއްހީ ނިޒާމު ވެސް ޔަހޫދީން ވަނީ ހަލާކުކޮށްލާފައެވެ.

ޝަހީދުވެފައިވާ މީހުންގެ ތެރޭގައި 14،520 އަށް ވުރެ ގިނަ ކުޑަކުދިންނާއި 10،000 އަންހެނުން ހިމެނެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ވަޅުލެވިފައި ވުމުން ޝަހީދުވި މީހުންގެ އަދަދު މިއަށްވުރެ މާ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިސްރާއީލުން ދަނީ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީ ވެސް ޣައްޒާ އަށް ވެއްދުމަށް ހުރަސް އަޅަމުންނެވެ. މި ފަހުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ދުނިޔޭގެ ގައުމުތަކުގެ ފިއްތުންތަކާއި ގުޅިގެން ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އެހީ ވައްދާނެ އިތުރު ދޮރުތައް ހުޅުވާދީފައެވެ. ނަމަވެސް އަދިވެސް ޣައްޒާއަށް ވެއްދެ އެހީ އިތުރު ނުވާ ކަމަށް އެހީދޭ ޖަމިއްޔާތަކުން ބުނެއެވެ.