ފަލަސްތީނާއި ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކަމުން އައި، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ، އިޓަމާ ބެން-ވީރު އެކްސިޑެންޓްވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ ދަތުރު ކުރަމުން ދިޔަ ކާރު އެކްސިޑެންޓްވެފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ހުދު ކުލައިގެ ކާރެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އޭނާ ދަތުރު ކުރަމުން ދިޔަ ކާރު ވަނީ ފުރޮޅާލާފައެވެ.

އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ރަމްލާގައި ހިނގި މި ހާދިސާގައި އޭނާއަށް ކުދިކުދި އަނިޔާވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގައި އުމުރުން 18 އަހަރުގެ އަންހެނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހާދިސާގައި އޭނާ އެސަރަހައްދަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ބެން-ވީރު ދަތުރު ކުރަމުން ދިޔަ ކާރު އެކްސިޑެންޓްވެ، ފުރޮޅާލާ މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާރު މީސްމީޑިއާގައި ދައުރު ވަމުން އަންނައިރު، ވީޑިއޯއިން އެ ކާރު ފުރޮޅާލާ މަންޒަރު ވަރަށް ރީއްޗައް ފެނިގެންދެވެ. އަދި ކާރު ފުރޮޅާލުމާއި އެކީ އޭނާގެ ހަށިފާރަވެރިން ވަގުތުން ފަހަތުގައި އޮތް ކާރުން ފައިބައިގެން ދުވެފައި ފުރޮޅި ކާރާއި ދިމާލަށް ދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެއެވެ.

މި ހާދިސާއާއި ގުޅިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި ނަމަވެސް އެއީ ކޮން ހޮސްޕިޓަލެއް ކަމެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ.

ބެން-ވީރަކީ ފަލަސްތީނުގެ ކުށެއް އެތަކެއް ބަޔަކާއި ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ ޖަރީމާތަކަށް ތާއިދުކޮށް، އެކަންކަން ކުރިއަށް ގެންދިއުމަށް ހިތްވަރުދެމުން އަންނަ، ފަލަސްތީނުގެ ރައްޔިތުން ނެތިކޮށްލަން ވާހަކަ ދައްކަވަމުން އަންނަ މިނިސްޓަރުންގެ ތެރެއިން ކުރީ ސަފުގައި އުޅޭ އެއް މިނިސްޓަރެވެ.