ކޮންމެ ކަމެއް ކުރުމުގައިވެސް ވަކި އިންތަކަކާއި މިންތަކެއް ހުންނަން ވާނެ ކަމަށް ޤަބޫލު ކުރަން ވާނެއެވެ. ނަމަވެސް ގިނަ ފަހަރަށް އެއްޗެއް ބޭނުން ކުރަން ފެށުމާއިއެކު ކޮންމެ ކަމެއްގައިވެސް އެކަމުގެ ހައްދުން ނެއްޓޭތަން ބައެއް ފަހަރު އާދެއެވެ. މިގޮތުން ޓިކްޓޮކްއަކީ މީގެ ތެރެއިން އެކައްޗެވެ.

މީގެ ކުރިންވެސް ޓިކްޓޮކްގައި އެކްޓް ކުރުމުގެ ނަމުގައި ބައެއް އަންހެން ކުދިން ބަރަޙަނާވާ ވާހަކަ ދައްކައިފީއެވެ. ބަނޑުގެ އެއްބައި ދައްކާ އެއީ ފެޝަނެއް ކަމަށް ޤަބޫލު ކުރި ވާހަކަވެސް ދެއްކިއްޖެއެވެ. ނަމަވެސް އެފަހަރުވެސް ގިނަ ބަޔެއްގެ ގާތަށް އައީ ރުޅިއެވެ. އެތައް މެސެޖްތަކެއް ފޭސްބުކްއިން އަޅުގަނޑަށް ކުރިއިރު، ސްޓޭޓަސްތަކުގައި އަޅުގަނޑުގެ ނަންޖަހާ އައުގުރާނަ ގޮވި މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް އެއީ މާޒީއެވެ. މިއަދު މިދައްކަން އުޅެނީ ތަފާތު ވާހަކައެކެވެ. ގިނަ ބައެއްގެ ލެޔާއި ކުޅެލި ވީޑިއޯއެއްގެ ވާހަކައެވެ.

މިވީޑޯ ފުރަތަމަ ފެނުނީ ރަޙްމަތްތެރިޔައަކު ފޭސްބުކް ޕޭޖްއެއް ކަމަށްވާ ޓިކް ޓޮކް މޯލްޑިވްސްއިން ޝެއަރކޮށްފައިވާ ޕޭޖް ޕޯސްޓްއަކުންނެވެ. ވީޑިއޯގައި ފެންނަނީ ދިވެހި ފިލްމު ނިއުމާގެ ޑައިލޮގްއެކެވެ. ދިވެހި ފިލްމު ނިއުމާ އަކީ ޢާއިލާގެ ތެރޭގައި ކުއްޖަކު އެތައް ފަހަރެއްގެ މަތިން ރޭޕްކޮށް އެކުއްޖާއަށް ދިމާވި އުނދަގޫ ތަކުގެ ވާހަކަ ދައްކައިދޭ ފިލްމެކެވެ. އެކުއްޖާއަށް އޭނާ ބައްޕައާއި ބޭބެގެ ފަރާތުން ކުރިމަތިވަމުން ދިޔަ ޖިންސީ ފުރައްސާރަތަކުގެ ވާހަކަ އާއި އޭނާގެ މަންމަ އެކަމަށް ދިން ބީރު ކަންފަތުގެ ވާހަކަ ސިފަކޮށްދޭ ފިލްމެކެވެ. މިފިލްގެ ޑައިލޮގް ބޭނުންކޮށްގެން އެކްޓިންގް ގެ ނަމުގައި ޓިކްޓޮކްގައި އުޅޭ ދެ މީހަކު ކޮށްފައި އޮތީ މަލާމާތެކެވެ.

މި ޑައިލޮގްއިން ސުވާލުކޮށްފައިވަނީ މީގެ ކުރިން ބަނޑުބޮޑު ނުވީ ކީތްވެގެންތޯއެވެ. އަދި ޖަވާބުގައި އަންހެން ކުއްޖާ ބުނެފައިވަނީ މިހާރު ކުރަމުން އަންނަނީ މީގެ ކުރިންކޮށްފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ. މި ޑައިލޮގްތަކަށް އެކްޓް ކުރަން ހުރީ އަންހެނަކާއި ފިރިހެނެކެވެ. ފިލްމުގައި އުޅޭ ނިއުމާގެ ކެރެކްޓަރއަށް ވެގެން ހުރީ ފިރިހެނެކެވެ. އަދި ބަނޑަށް އެއްޗެއް ލައްވައިގެން ހުރެ މޫނަށް ތަފާތު ހަޑި ވައްތަރު ތަކެއް ޖައްސަމުން ދިޔައެވެ. މިވީޑިއޯ ބަލާފައި މިއީ ކުރި މަލާމާތެކޭ ނުބުނާނެ މީހަކު މަދުވާނެއެވެ.

މިވީޑިއޯ އާއްމު ވުމާއިއެކު ދިވެހިންގެ ތެރެއިން ގިނަ ބަޔަކުވަނީ މިވީޑިއޯއަށް ފާޑު ކިޔުންތަކެއް އަމާޒުކޮށްފައެވެ. މިގޮތުން ފޭސްބުކްގައި ޓިކްޓޮކްގެ ވީޑިއޯ ގެނެސްދޭ ބައެއް ދިވެހިން ބުނަމުން ދިޔައީ މިއީ ސީރިޔަސް ކަމަކަށް ބޮޑު ޖޯކެއް ޖެހުން ކަމަށާއި މިއީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. ނަމަވެސް އަމިއްލައަށް މަޖާވެގެން "ހަަހަހަ" ރިއެކްޓް ކުރި މީހުންވެސް މަދެއް ނޫނެވެ.

އެއްވެސް ހާލެއްގައި އެކްޓް ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލަ އުފެދޭ ހިސާބަކީ ތިމާއަށް ކުރެވޭ ނުކުރެވޭ ކަމަކީ ކޮބައިކަން ނޭނގޭ ހިސާބެވެ. އެފިލްމުގެ ޑައިލޮގް އެއް ބޭނުންކޮށްގެން މިފަދަ ގޮތަކަށް މަންޒަރެއް ކުޅުނުއިރު، މިހާރުވެސް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ ހިތުގައި މި ވީޑިއޯ ބަލާލުމަށްފަހު އަޅާނެ ވޭން ތަސައްވަރުކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޒާ

    ﷲ ހަރާމް ކުރައްވާފައިވާ ކަންކަމަށް ފާޅުގައި އަރައިގަންނަ މީހުންނަށް ކޮން އިމަކާއި މިނެއް..؟؟؟؟

  2. ނާޒް

    އަހަރެންވެސް ޓިކްޓޮކް ވީޑިއޯތައް ބަލާ އުޅެން. މި ފިރިހެން ކުއްޖާ މީ ވަރަށް ހަޑި މުޑުދާރު ވައްތަރުތަކެއް މޫނަށް ޖައްސާ ކުއްޖެއް. މިކުއްޖާގެ ވީޑިއޯއެއް ފެނުނަސް މުޅި ދުވަސް ހަރާބު.. އަހުލާގޭ މިކިޔާ އެއްޗެއްގެ ކަންފުޅެއްވެސް ނެތް އާދަމުގެ ދަރިއެއް އެއީ..

    • ާސަންތި

      އެހެން ވީޔާ ޓިކްޓޮކް އަށް ނުވަންނަން ވީ އެއްނު! އޭރުން ގައިމުވެސް ތި ކިޔާ ހަޑި މުޑުދާރު ވައްތަރެއް ނުފެންނާނެ އެއްނު? ބަލަން ވެސް ވޭ ޖޯކު ޖަހަން ވެސް ވޭ. އެހެންވެ އޭ ބުނެވެނީ ދިވެހިންނަކީ ހަމަ ދިވެހިންގެ ގަޅިކަމާ ކޮސް ކަން މަތީ ތިބޭނެ ބައެކޭ. ??‍♀️

  3. ސޮރީމައިނޭމް

    ނިއުމާ ބުނެގެން ލިޔުނު އާޓިކަލްއެއް ދޯ މިއީ..!