ފިރިހެން ބޭފުޅުންގެ އޮފީސް ބޫޓް ދުވަހަކަށްވުރެ ދުވަހެއް އަގުބޮޑުވަމުންދާތީ، އަވަސް އަވަހަށް އައު ކޮށްލުން މިވަނީ ބޮޑުކަމަކަށްވެފައެވެ. ވަކީން ޚާއްސަކޮށް ލެދާ ބޫޓެވެ. ނަމަވެސް ބޫޓުތައް އަވަހަށް ހަލާކުވެ ބައުވާތީ، އައު ބޫޓެއް ގަތުމަށް މަޖުބޫރު ވަނީއެވެ. މިކަމަށް އަވަސް ހައްލެއް ބޭނުންނަމަ، މިހާރު ބޭނުން ތި ކުރާ ބޫޓްތައް، ތިރީގައި މިވާ ފަދައިން ބޭނުން ކުރާށެވެ.

ބަންދުކޮށްފައި ނުބަހައްޓާތި!

 

އޮފީހުގެ ގިނަވަގުތު ތަކުގައްޔާއި އެނޫން ވަގުތު ތަކުގައިވެސް، ގިނައިރުތަކެއް ވަންދެން އަރައިފައިވާ ބޫޓެއް ނަމަ، ބަންދުކޮށްފައިވާ ފޮއްޓެއް ކަހަލަ އެއްޗެއްގައި ނުބަހައްޓާށެވެ. އޭގެ ސަބަބުން ދައު ވަސް ބޫޓްގެ އެތޭރޭގައި ހިފުމަށް މެދުވެރިދާނެއެވެ. މިއާ ޚިލާފަށް، ބޫޓް ބެހެއްޓުމަށް ޚާއްސަކުރެވިފައިވާ ރެކެއް ކަހަލަ އެއްޗެއްގައި ތަރުތީބުން ބެހެއްޓުން ބުއްދިވެރިއެވެ.

ތެމުމުން ކަރުދާސް ބޭނުންކުރޭ!

 

ވާރޭގެ ސަބަބުން ނަމަވެސް ބޫޓް ތެމިއްޖެނަމަ، އަވަހަށް ބޫޓުގެ އެތެރެ ހިއްކުމަށްޓަކައި 'ހީޓާރ' ފަދަ ތަކެތި ބޭނުން ކުރެވޭ ތަން އާދެއެވެ. ނަމަވެސް މިއީ މުޅިއަކުން ރަނގަޅު ގޮތެއް ނޫނެވެ. ގިނަގިނައިން އެހެން ހަދާ ކަމުގައި ވަނީނަމަ، ލެދާރ އަވަހަށް ހަލާކުވާނެއެވެ. މިކަމުގެ ހައްލެއްގެ ގޮތުން، ނޫސްކަރުދާސް ފަދަ ބޭނުން ނުކުރާ ކަރުދާހެއް ބޫޓްގެ އެތެރެއަށް ލެއްވިދާނެއެވެ. އޭރުން އެ ތެތްކަން ކަރުދާސް ގަނޑުގައި ހިފައި، ޚަރަދުކުޑަ ފަސޭހަ ގޮތަކުން ބޫޓް ވެސް ހިއްކުނީއެވެ.

ޤަވައިދުން ސާފުކުރާތި!

 

މިއީ ކުރަން އުނދަގޫ ކަމަކަށް ވުން ގާތެވެ. އެކަމަކު ޤަވައިދުން ސާފު ނުކުރާ ނަމަ، ލެދާ ގަނޑު ބައުވެ، އަވަހަށް ހަލާކުވުމަށް މަގުފަހިކުރުވާނެއެވެ. މީގެ ބަދަލުގައި، ރަނގަޅު 'ލެދާރ ކޮންޑިޝަނާރ' އެއްގެ އެހީގައި، ހިރަފުސްތައް ވެސް ސާފުކުރެވިދާނެއެވެ. އޭރުން ދެންމެ ދެންމެ ގަތް ބޫޓެއް ފަދައިން ރީތިވެގެން ދާނެއެވެ.

ޕޮލިޝް ކުރަންވާނެ!

 

ސާފުކުރިޔަސް އަދި އެހިސާބުން ނިމުނީކީ ނޫނެވެ. ޕޮލިޝް ނުކުރާ ކަމުގައިވާނަމަ، އޮފް ކަމެއް، ރީތި ބެބުޅުމެއް ނުހުންނާނެއެވެ. އެކަމަކު ޕޮލިޝް ކުރުމުގައިވެސް، ލެދާރ ގަނޑަށް ގެއްލުމެއް ނުވާފަދައަކުން ޕޮލިޝްކުރަން ހަނދާން ބަހައްޓާށެވެ.