ލޯބި ލޯބި އެއްމާބަނޑު ދެކުދިންގެ މަރުގެ ތުހުމަތު އެކުދިންގެ މަންމަގެ މައްޗަށް ކުރެވިއްޖެއެވެ. މި މަހުގެ ތެރޭގައި މަރާލާފައިވާ މި ދެކުދިންގެ މަރުގެ ތުހުމަތު މަންމައަށް ކުރެވިފައިވާއިރު އެކަމާ ގުޅިގެން އާއިލާއިން ވަނީ ވާހަކަ ދައްކާފައެވެ.

މިކަމާ ގުޅިގެން، އުމުރުން 80 އަހަރުގެ އެކުދިންގެ މާމަ ބުނެފައިވަނީ އެއީ ވަރަށް ލޯބި ލޯބި ދެކުދިން ކަމުގައެވެ. އެކުދިންނަށް އަދި ދެ އަހަރުވެސް ފުރިފައި ނުވާއިރު މިއީ ވަރަށް ހިތާމަވެރިކަމެއްކަމަށް ބުނެފައިވެއެވެ.

މިކަމުގައި ކުށްވެރިވާ އަންހެން މީހާއަކީ އުމުރުން 37 އަހަރުގެ ސަމަންތާ ފޯޑް ނަމަކަށް ކިޔާ މީހެކެވެ. މިކަމާ ގުޅިގެން ސަމަންތާގެ ބޭބެ ބުނެފައިވަނީ މިކަމުގެ ބަދަލު ހޯދާނެކަމުގައެވެ.

އިނގިރޭސިވިލާތުގައި މިކަން ހިނގާފައިވާއިރު، އެޤައުމުގެ ނޫސްތަކުން ވަނީ މިކަން ހިނގާދިޔަ ގޮތް ހާމަކޮށްފައެވެ. އެގޮތުން، އެފަރާތްތަކުން ބުނެފައިވާ ގޮތުން، ސަމަންތާ އޭނާގެ ދަރިންތައް މަރާލާފައިވަނީ ދުއްވާފައި ދިޔަ ކާރެއް، ލޮރީއެއްގެ ފަހަތުގައި ޖައްސައިގެންނެވެ.

ލޮރީއެއްގައި ޖައްސާ ކާރު އެކްސިޑެންޓް ކޮށްލައިގެން ދަރިންތައް މަރާލިއިރު، އޭގެ ކުޑަ ވަގުތުކޮޅެއްފަހުން ވަނީ ސަމަންތާ ހައްޔަރުކޮށްފައެވެ. މި އެކްސިޑެންޓުން ސަމަންތާ ވަނީ ސަލާމަތްވެފައެވެ. އަދި އޭނާއަށް ލިބިފައިވަނީ ކުޑަ އިންޖަރީތަކެކެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުން ފޮރެންސިކް ތަޖުރިބާކާރުން ވަނީ ސަމަންތާއާ ދެކޮޅަށް ހެކި ހޯދުމަށް އެގެއަށް ގޮސްފައެވެ. އަދި ހެކީގެ ގޮތުގައި ކުދިން ނިންދަވަން ގެންގުޅޭ ބާލީސްފަދަ ތަކެތިވެސް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.