އެތައް އަހަރެއް ވަންދެން ލޯބިވާ މީހަކު ގެއްލިފައި ހުރުމަށްފަހު އަލުން ފެނުމުން ކުރެވޭނީ ކޮން ކަހަލަ އިހުސާސްތަކެއް ބާވައެވެ. ހިތަށް އަރާނީ ކޮން އެއްޗެއް ބާވައެވެ. ހަމަ ގައިމުވެސް މި ދެމަފިރިން ވާނީ އެކަން ތަޖުރިބާކޮށް، ތަހަންމަލު ކޮށްފައެވެ.

އެގޮތުން، މީގެ 72 އަހަރު ކުރިން ގެއްލުނު ދެމަފިރިއަކު ވަނީ ދާދި މިދާކަށްދުވަހު އަނެއްކާވެސް އެކަކު އަނެކަކާ ދިމާވެފައެވެ. މިކަމަށްވަނީ އެތައް ބައެއްގެ ސަމާލުކަންވެސް ލިބިގެން ގޮސްފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ބައްދަލުވި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ ނަމަކީ ނާރާޔަން ނަމްބިއަރު އެވެ. އަންހެން މީހާގެ ނަން، މީޑިޔާ އިން އާއްމުކޮށްފައި ނުވެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ނާރާޔަން، އޭނާގެ އަންހެނުންނާ ކައިވެނި ކޮށްފައިވަނީ އުމުރުން އެންމެ 17 އަހަރުގައެވެ. އޭރު އަންހެނުންގެ އުމުރަކީ އެންމެ 13 އަހަރެވެ.

އެހެންނަމަވެސް، އެމީހުންގެ ކައިވެންޏަށް އެންމެ 10 މަސްވެފައިވީތަނާ ޤައުމުގައި ބޮޑެތި ކަންތައްތަކެއް ހިނގައިގެން ދިޔައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ނާރާޔަން އަށް މަޖުބޫރުވީ އޭނާގެ ބައްޕައާއެކު ފިލުމަށެވެ. އެއީ ރައްކަލަކަށްޓަކައެވެ. އެހެންނަމަވެސް، ދެ މަސް ފަހުން ދެބަފައިންވަނީ ޖަލަށް ލައިފައެވެ.

މިކަންތައްތަކުގެ ތެރެއިން ނާރާޔަންގެ އަންހެނުންނަށާއި އޭނާގެ އާއިލާއަށްވެސް ހިތި ކަންތައްތަކެއް ކުރިމަތިވިއެވެ. އޭރު އިންޑިޔާއަށް އަތްގަދަކޮށްފައި އޮތް ފަރާތްތަކުން އެމީހުންގެ ގޭގައި ހުޅުޖަހާފައިވެސްވެއެވެ.

އޭގެ އަށް އަހަރުފަހުން ނާރާޔަން ވަނީ ޖަލުން މިނިވަން ކޮށްފައެވެ. ޖަލުގައި އޭނާއަށް އެތައް އަނިޔާއެއްކުރިއިރު، އޭނާގެ ބައްޕަ މަރުވީ ޖަލުގައެވެ.

ފަހުން އަންހެން މީހާގެ އާއިލާއިން ވަނީ އޭނާ އެހެން މީހަކާ ކައިވެނިކުރުވާފައެވެ. ހަމައެހެންމެ، ނާރާޔަންވެސް ވަނީ އެހެން މީހަކާ ކައިވެނިކޮށްފައެވެ.

72 އަހަރު ފަހުން ދެ މީހުން ދިމާވާން މެދުވެރިވީ އަންހެން މީހާގެ ދަރިއެއްގެ ސަބަބުންނެވެ. އޭނާއަށް ނާރާޔަންގެ އާއިލާގެ ބައެއް މެންބަރުންނާ ބައްދަލުވެ، ދެބައިމީހުން ގުޅިފައިވާ ގޮތް އެނގިގެން ދިޔައެވެ.

ފަހުން ދެ މީހުންގެ ބައްދަލުވުމެއް ހަމަޖެއްސިއެވެ. އެހެންނަމަވެސް، އަންހެން މީހާ ނާރާޔަންއާ ބައްދަލު ކުރަން ބޭނުންނުވިކަމަށްވެއެވެ. އެހެންނަމަވެސް، އެތައް ބައެއްގެ އެދުމުގެ މަތިން ދެ މީހުން ވަނީ ބައްދަލުކޮށްފައެވެ.