ދަންވަރުގެ ވަގުތުގައި މޭބިސްކަދުރު ކެއުމަކީ އައު އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ސްޕޭނުގައި ކުރަމުން އަންނަ ކަމެކެވެ. މިއީ އެޤައުމުގެ ބައެއް ސަރަޙައްދުތަކުގައި އެތައް އަހަރެއް ކުރިންސުރެ އަމަލު ކުރަމުން އަންނަ ސަގާފަތެކެވެ.

2019 ވަނަ އަހަރަށް މަރުހަބާ ކިޔުމަށްޓަކައި އެއްފަހަރާ ގިނަ އަދަދެއްގެ މޭބިސްކަދުރުތަކެއް ކޭ ކުއްޖަކު ވަނީ މަރުވެފައެވެ. ބުނެވޭ ގޮތުގައި މި ކުއްޖާވަނީ އެއްފަހަރާ 12 މޭބިސްކަދުރު ކައިފައެވެ. އަދި ކުއްޖާ މަރުވާން މެދުވެރިވީ މިހާ ގިނަ އަދަދެއްގެ މޭބިސްކަދުރުތަކެއް ކެއުމުން ކަރުގައި ތާށިވުމުގެ ސަބަބުންނެވެ.

ސްޕޭނުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް ގޮސް ހުރި އިކުއެޑޯގެ ކުއްޖަކަށް މިކަން ދިމާވިއިރު، ކުއްޖާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. އެހެންނަމަވެސް، ގަޑިއިރަށް ވަންދެން މަސައްކަތް ކޮށްގެންވެސް ޑޮކްޓަރުންނަށް މިކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ސްޕޭނުގެ މި ސަގާފަތް ފުރިހަމަ ކުރުމަށް އާއްމުކޮށް ކުޑަކުދިން ބައިވެރިކޮށް ނޫޅެއެވެ. ސަބަބަކީ އެކުދިންނަށް އެހާ އަވަހަށް މި އެއްޗެހި ރަނގަޅަށް ނުދިރުވެވޭތީއެވެ.

މީގެކުރިންވެސް، ޑޮކްޓަރުން ވަނީ މޭބިސްކަދުރަކީ މިފަދަ ގޮތަކަށް ކެއުމަށް އެހާ ރަނގަޅު އެއްޗެއް ނޫންކަމަށް ބުނެފައެވެ. އެއީ އޭގެ ސަބަބުން ކަރުގައި ތާށިވުމުގެ ސަބަބުން މި ކުއްޖާއަށްވީފަދަ ގޮތެއް މެދުވެރިވެދާނެތީއެވެ.