ރޭގަނޑުގެ ވަގުތުގައި ފޭސްބުކް މެސެންޖަރއިން މެސެޖް ކުރާ ފަރާތްތަކަށް ދިމާވާ ތަކުލީފެއް އޮވެއެވެ. މެސެންޖަރގެ ޔޫސަރ އިންޓަފޭސް ހުދު ކުލައިގައި ހުރުމުގެ ސަބަބުން ފޯންގެ އަލި ގަދަވެ، ލޮލަށް އުދަގޫވުމެވެ. ނަމަވެސް މިތަކްލީފްތައް މިއަދު މިވަނީ ނިމުމާއި ގާތްވެފައެވެ.

ފޭސްބުކް މެސެންޖަރގެ ބްލެކްވާޝަން، ކަޅުކުލައިގެ މެސެންޖަރ، ދުނިޔޭގެ ބައެއް ޤައުމުތަކަށް ފޭސްބުކްއިންވަނީ ދޫކުރަން ފަށާފައެވެ. ފޭސްބުކްއިން މިކަން އަދި ކަަށަވަރުކޮށްފައިނުވާއިރު، ބައެއް ޤައުމުތަކަށް މި ގޮތަށް ބްލެކް މެސެންޖަރ އަޕްޑޭޓެއް ދީފައިވަނީ ޓެސްޓް ކުރުމުގެ ގޮތުންނެވެ. އަދި ބްލެެކް މެސެންޖަރ ދައުރުވާން ފެށި ޤައުމުތަކުގައިވެސް މި ފީޗަރ ބޭނުން ކުރެވޭނީ ވަކި ޚާއްސަ ބަޔަކަށެވެ.

މަހެއްގެ މައްޗަށް 1.3 ބިލިޔަން މީހުން ބޭނުން ކުރަމުން އަންނަ ފޭސްބުކް މެސެންޖަރ އިން މިދިޔަ އަހަރު މެއި މަހު މެސެންޖަރ ރީޑިޒައިން ކުރާނެ ވާހަކަވަނީ ހާމަކޮށްފައެވެ. އަދި މިދިޔަ އަހަރު ފަހު ކޮޅު މެސެންޖަރއަށްވަނީ ގިނަ އަޕްޑޭޓް ތަކެއް އައިސް ޔޫސަރ އިންޓަފޭސްއަށް ބަދަލުތަކެއް އައިސްފައެވެ.

ޓްވިޓަރ އަދި ރެޑިޑްގައިދަނީ މެސެންޖަރގެ ބްލެކް ވާޝަންގެ ސްކްރީން ޝޮޓްތަކެއް ދައުރުވަމުންނެވެ. މެސެންޖަރ ބްލެކް ވާޝަންއަކީ ގިނަ ބަޔަކު އެކަމަށް އިންތިޒާރުކޮށްގެން ހުރި ފީޗާއެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި މިހާރު ވަރަށް ގިނަ އެޕްލިކޭޝަން ތަކަށް ޑާކް މޯޑް ތަޢާރަފް ކުރާކަން ފާހަގަކޮށްލެވެއެވެ. ޓްވިޓަރ އަދި ޓެލެގްރާމްއިން ޑާކް މޯޑް ބޭނުން ކުރަމުން އަންނަތާ ދުވަސް ކޮޅެއް މިހާރު ވެއްޖެއެވެ.