މީސް މީޑިޔާ ސިނާއަތުގެ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ކުންފުނިކަމުގައިވާ ފޭސްބުކުގެ ދަށުން ހިންގަމުން އަންނަ މަޝްހޫރު ތިން މީސް މީޑިޔާއެއް ކަމުގައިވާ އިންސްޓަގްރަމް، ފޭސްބުކް މެސެންޖަރ އަދި ވަޓްސްއެޕްގެ މެސެޖިންގ ޚިދުމަތް އެއްކޮށްލުމަށް ފޭސްބުކުން ނިންމައިފިއެވެ.

އެމެރިކާގެ "ނިއު ޔޯކް ޓައިމްސް" އިން ބުނެފައިވާ ގޮތުގައި ތިން އެޕްލިކޭޝަނުގެ މެސެޖިންގ ބައި އެއްކޮށްލުމަށް ނިންމާފައިވަނީ 2020 ވަނަ އަހަރު އެވެ.

އެނޫހުން ބުނެފައިވާ ގޮތުގައި މެސެޖިންގ ބައި އެއްކޮށްލިކަމުގައިވިޔަސް ތިން އެޕްލިކޭޝަންވެސް އޮންނާނީ ވަކި ވަކި އެޕްލިކޭޝަންތަކެއްގެ ގޮތުގައެވެ. އަދި އެޕްލިކޭޝަންތަކުގެ މަގުސަދަށްވެސް މާ ބޮޑު ބަދަލެއް ނާންނާނެއެވެ. އެއް ވާނީ ހަމައެކަނި މެސެޖު ކުރުމުގެ ބައެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މި ބަދަލު ގެންނަން އުޅޭކަން ހާމަކޮށްފައިވަނީ ފޭސްބުކުގެ ކޯ-ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް، މާކް ޒަކަބާގް އެވެ. އަދި އެންޑް ޓު އެންޑް އެންކްރިޕްޓް ކުރުމަށްވެސް ތިން ސަބްސިޑަރީ ކުންފުންޏަށް ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން ފޭސްބުކުގެ ތަރުޖަމާނަކު، މީޑިޔާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ މެސެޖިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުންފުނިން އަޅަން ނިންމާފައިވާ ފިޔަވަޅެއްކަމުގައެވެ.

ފޭސްބުކުން އިންސްޓަގްރަމް ގަނެފައިވަނީ އެއް ބިލިއަން ޑޮލަރުގެ އަގަކަށް 2012 ވަނަ އަހަރުއެވެ. ވަޓްސް އެޕް ގަނެފައިވަނީ 19.3 ބިލިއަން ޑޮލަރަށް 2014 ވަނަ އަހަރުއެވެ. ފޭސްބުކް މެސެންޖަރ އަކީ ސީދާ ފޭސްބުކުގެ އުފެއްދުމެކެވެ.