ރީތި ހަންގަނޑެއް ބޭނުންވެގެން އުޅޭ މީހަކުނަމަ، މޫނު ދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްޙީ މާހިރުން ބުނެއެވެ. އެހެންނަމަވެސް، މޫނު ދޮވުމުގައިވެސް ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން ހުންނާނެއެވެ. ވަކިން ހާއްސަ ގޮތެއްގައި، ފޭސް ވޮޝްއެއްގެ އެހީގައި މޫނު ދޮންނައިރުގައެވެ. އެހެންނޫންނަމަ، ހަންގަނޑު ރީތިވެ، ތާޒާވުމުގެ ބަދަލުގައި ކުރަކި ވުމަކީވެސް ވުން ގާތް ކަމެކެވެ. އެގޮތުން، މޫނު ދޮވުމުގައި ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން ތިރީގައި އެ ވަނީއެވެ.

ރަނގަޅު ފޭސް ވޮޝްއެއް ބޭނުން ކުރުން

ފޭސްވޮޝްގެ ކޮންމެ ކޮންމެ އުފެއްދުމަކީ ތިބާ އާއި ގުޅޭ ނުވަތަ ރަނގަޅު ފޭސްވޮޝް އަކަށް ނުވެދާނެއެވެ. އެފަދަ ތަކެތި ބޭނުން ކުރުމުގެ ކުރިން، އެއީ ތިމާގެ މޫނާއި ގުޅޭ އެއްޗެއްކަން ޔަޤީން ކުރަން ޖެހޭނެއެވެ. ފުރަތަމަ ފޭސް ވޮޝްއެއް ގަންނައިރުވެސް، އޭގެ ބޭރުގައި ލިޔެފައި ހުންނަ ލިޔުން ކޮޅު ކިޔާލުން ބުއްދިވެރިއެވެ. މިސާލަމަށް ހަންގަނޑު ތެޔޮ ވާނަމަ، އިޚްތިޔާރު ކުރަން ޖެހޭނީ އެކަމަށް ޚާއްސަ ފޭސްވޮޝްއެކެވެ.

ފެނުގެ ފިނި ހޫނު މިނަށް ރައްކާތެރިވުން

މާ ފިނި ނުވަތަ މާ ހޫނު ފެނެއް ވެސް މޫނު ދޮންނާކަށް ކަމަކު ނުދާނެއެވެ. ފެނުގެ ފިނި ހޫނު މިން އެއްވަރު ވާން ވާނެއެވެ. އެހެންނަމަވެސް، މޫނު ތެޔޮވާނަމަ އެންމެ ރަނގަޅުވާނީ، މޫނު ދޮވުމަށް އައިސް ޕެކްފަދަ ފިނި އެއްޗެއް ބޭނުން ކުރުމެވެ.

ފޭސް މާސްކު އެހާ އަވަހަށް ދޮވެނުލުން

ފޭސް މާސްކެއްގެ އަސަރު ކުރާނީ ކުޑައިރުކޮޅަކު އެ ނުފިލުވާ ބެހެއްޓުމުންނެވެ. މޫނުގެ ސެލްތަކަށް އޭގެ އަސަރު ކޮށްލަންދެން ކުޑައިރަކު މަޑުކުރުން ރަނގަޅެވެ.

މަދުވެގެން ކޮންމެ ދުވަހަކުވެސް ދެ ފަހަރު މޫނު ދޮވުން

ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން، ބައެއް މީހުންނަށް ރޭގަނޑު ނިދާ ގަޑީގައި ރީތިކޮށް މޫނު ދޮވުން ވެފައި އޮންނަނީ އުނދަގޫ ކަމަކަށެވެ. ހަމަ އެ ގޮތަށް ހެނދުނު ހޭލައިގެން އެކަން ކުރުން ވެސް ބައެއް މީހުންނަށް ބޮޑުކަމަކަށްވެއެވެ. އެހެންނަމަވެސް، މޫނުގެ ރީތިކަން ދަމަހައްޓަން އެދޭނަމަ ހެނދުނު ހޭލައިގެންނާއި ރޭގަނޑު ނިދުމުގެ ކުރިން މޫނު ދޮންނަން އާދަކުރާށެވެ.