ލިއެނާޑޯ ޑާވިންސީގެ "މޮނަލީސާ"ގެ އާޓަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުރެހުމެވެ. އެތައް ދުވަހެއްވި ނަމަވެސް، އެންމެ އަގުމަތިކޮށް އަގުކުރެވޭވެސް ކުރެހުމެވެ.

ކެނެޑާގެ ޓޮރޮންޓޯގައި ދިރިއުޅޭ ރޮބާޓް ގްރީންފީލްޑް، އިިންޓަނެޓްގެ ސަމާލުކަން ހޯދީ ތަފާތު ގޮތަކަށެވެ. ސްނޯ ކަހަން ގެންގުޅޭ ފަކީރާއެއްގެ އިތުރުން ހޮކީ ދަނޑިގަނޑެއް ބޭނުން ކޮށްގެން މޮނަލީސަގެ ތަސްވީރެއް ސްނޯގައި ކުރަހައިގެންނެވެ.

އޭނާ ދިއިރިއުޅޭ ގޭގެ ކައިރީގައި ސްނޯއިން މޮނަލީސާ ކުރަހާ އޭގެ ފޮޓޯ މަތިން ނަގާ، މީސް މީޑިއާއަށް ދޫކޮށްލި ފޮޓޯއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. "ސްނޯނަލީސާ" ޖަހާ އޭނާ ފޭސްބުކަށް ލާފައިވާ ފޮޓޯ ވައިރަލް ވެފައިވާ އިރު، އޭނާ ޖޯކަކަށް ބުނެފައި ވަނީ އޭނާގެ މާސްޓާޕީސްއަށް ދާރުލް އާސާރުން ޖާގައެއް ލިބެން ޖެހޭނެ ކަމަށެވެ.

ރޮބާޓް ގްރީންފީލްޑް ހަމައެކަނި ހިއްސާކުރީ ފޮޓޯއެއް ނޫނެވެ. އޭނާ އެ މަސައްކަތް ކުރާތަން ދައްކުވައިދޭ ވީޑިއޯއެއްވެސް އާންމުކުރިއެވެ.

އެތައް ބަޔަކު ފާހަގަކޮށްފައި ވަނީ ގްރީންފީލްޑްގެ މަސައްކަތް ފުރިހަމަ ކަމަށާއި، އޭނާއަށް އެކަމުގެ އަގުވެސް ވަޒަން ކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިންވެސް މޮނަލީސާގެ ތަފާތު އާޓްތައް ފެނިފައިވާ އިރު، ޕާނެއްގައިވެސް މޮނަލީސާ ކުރެހި މީހަކު ވަނީ އިންޓަނެޓްގެ ސަމާލުކަމަށް އައިސްފައެވެ.