ރޭޕް ވާހަތައް އިންތިހާއަށް ގިނައެވެ. އިންސާނިއްޔަތުގެ ކިތަންމެ ކުޑަ މިންވަރެއް ހުރި މީހެއް ނަމަވެސް ރޭޕް ބަލައެއް ނުގަންނާނެކަން ޔަގީނެވެ. އަނެއްކާވެސް ދައްކާލަން މި ޖެހެނީ އެންމެ ރޭޕް ގިނަ އެއް ގައުމުގެ ވާހަކައެކެވެ. އިންޑިއާގެ ވާހަކައެކެވެ.

ޕަންޖާބުގެ ލުދިއާނާ ސްޓޭޓްގައި 21 އަހަރު އަންހެނަކު ރޭޕް ކުރި ހާދިސާއާއެކު މުޅި އެ ސަރަހައްދަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. ޒުވާން އަންހެން ކުއްޖާ ކާރުގައި ދަތުރުކުރަމުން ދަނިކޮށް، ހަ ފިރިހެނުން ތިން ސައިކަލެއްގައި އައިސް މަޑުކޮށް، އޭނާއަށް ބިރުދެއްކި ކަމަށް ފުލުހުން ބުނެއެވެ.

އަންހެން މީހުން ކާރުން ބޭލުވުމަށްފަހު އޭނާގެ އާއިލާގެ މީހާކަށް ގުޅާ އެއް ލައްކަ ރުޕީސްއަށް ޑިމާންޑް ކުރި ކަމަށާއި، އެ ފޯން ކޯލް އަޑުއިވުމާއެކު ފުލުހުން ރެސްޕޮންޑްކޮށް އެ ސަރަހައްދަށް ދިޔަ އިރު، އެ އަންހެން މީހާ އޮތީ ރޭޕްގެ ޝިކާރަޔަކަށް ވެފައި ކަމަށްވެސް ސަރަހައްދުގެ ފުލުހުން ނެރުނު ރިޕޯޓެއްގައިވެއެވެ.

ސީސީޓީވީ ކެމެރާތަކުގެވެސް އެހީގައި މައްސަލަ ތަހުގީގުކޮށް ފުލުހުން ހަ މީހަކު ހައްޔަރުކޮށްފައިވާ އިރު، އެ މައްސަލަ ހިނގާ ދިޔަކޮށް ކެމެރާތަކުން ފެންނަ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރަމުންދާތީ އެކަމަށް އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.