ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީހު އަނެއްކާވެސް ބަދަލު ކޮއްފިއެވެ.

ބޮންޑްގެ ރޯލުން ޑެނިއެލް ކްރެއިގް ފެނިގެންދާ ފަހު ފިލްމު އަދި އޭނާ އެ ކެރެކްޓާ ކުޅޭ ފަސް ވަނަ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އެޕްރީލް، 8، 2020 ގަ އެވެ.

ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު އެންމެ ފުރަތަމަ އިއުލާން ކުރީ މި އަހަރުގެ ނޮވެމްބަރު 8 ގައި ސިނަމާތަކަށް ގެނަސްދޭ ގޮތަށެވެ. އެކަމަކު ފަހުން ފިލްމު އަންނަ އަހަރަށް ފަސްކޮށް، ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ މި ފިލްމު ރިލީޒްކުރާ ތާރީހު ބަދަލު ކުރި ތިން ވަނަ ފަހަރެވެ. އަދި ފިލްމުގެ ތާރީހަށް ގެނައި ބަދަލާ އެކު މިހާރު ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އެންމެ ފަހުން ކަނޑައެޅި ތާރީހަށް ވުރެ ދެ މަހެއްހާ ދުވަސް ފަހުންނެވެ.

މިފިލްމުގެ ޕްރޮޑިއުސާ ބާބަރީ ބްރޮކޮލީ އާއި މައިކަލް ޖޭ ވިލްސަން ޓްވިޓާގައި ބޮންޑްގެ 25 ވަނަ ފިލްމު ރިލީޒް ކުރާ ތާރީހު ބަދަލު ކުރިކަން ހިއްސާ ކުރަމުން ބުނީ އައު ތާރީހުގައި ފިލްމު ގެނެސް ދިނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. ނަމަވެސް ތާރީހު ބަދަލު ގެންނަން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ބޮންޑުގެ 25 ވަނަ ފިލްމު ޑައިރެކްޓް ކުރަނީ ކެރީ ޖޯޖީ ފުކްންގާއާ އެވެ. އޭނާއާ ފިލްމު ހަވާލުކުރީ "ސްލަމްޑޯގް މިލިއަނާ" ގެ ޑައިރެކްޓަރު ޑެނީ ބޮއިލް ފިލްމަށް އެއްބަސްވުމަށް ފަހު، ފިލްމު ދޫކޮށްލުމުންނެވެ.

ޑެނިއަލް ބޮންޑްގެ ރޯލް ކުޅުނު ފަހު ހަތަރު ފިލްމުގެ ތެރެއިން އެންމެ ފަހު ދެ ފިލްމު ޑައިރެކްޓް ކުރީ "ޓައިޓޭނިކް" ގެ ބަތަލާ ކުރީގެ ފިރިމީހާ ސޭމް މެންޑޭޒެވެ.