ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ރޯދަ މަސް ކަމުން ދުވާލުގެ ވަގުތުތަކުގައި ފެން ނުބޮމުގެ ހުރުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ފެން ބުއިމަކީ މުހިންމު ކަމެކެވެ.

ފެން ގިނައިން ބުއިމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރެއިން ބައެއް ފައިދާތައް ތިރީގައި އެވަނީއެވެ.

ބަރުދަން އެއްވަރެއްގައި ހިފަހައްޓަން އެހީވުން:

ކެއުމުގެ ކުރިން ފެން ބޯނަމަ، ކެވޭ މިންވަރު މަދުވެއެވެ. އެހެންކަމުން ގިނައިން ފެން ބުއިމަކީ މަދުން ކެވުި، ބަރުދަން އެއްވަރެއްގައި ހިފަހައްޓަން އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މާ ގިނައިން ކެވޭނަމަ، ކާން ފެށުމުގެ ކުރިން 1 ނުވަތަ 2 ތަށި ފެންބޯން އާދަކުރާށެވެ. މީގެ އިތުރުން، ގިނައިން ފެން ބުއިމަކީ ހަޖަމު ކުރުމުގެ ނިޒާމަށް ދިމާވާ އެކި މައްސަލަތަކުންވެސް ދުރުކޮށްދޭ ކަމެކެވެ. މިއީވެސް ބަރުދަން އެއްވަރެއްގައި ހިފަހައްޓަން އެހީތެރިވެދޭ ކަމެކެވެ.

ހަށިގަނޑުން ވިހަ މާއްދާތައް ބޭރު ކުރުން:
ގިނައިން ފެން ބުއިމުން، ގިނައިން ކުޑަކަމު ދެވި، ދާ ހިއްލުމަށް މެދުވެރިވެއެވެ. އެދެކަމުންވެސް ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ބޭރު ކޮށްދެއެވެ.

ގައިގެ ހަން ރީތި ކޮށްދިނުން:
ހަށިގަނޑުގެ 60% ހިއްސާ ކުރަނީ ފެނެވެ. އެހެންކަމުން ހަށިގަނޑުން ފެން މަދުވުން ނުވަތަ ޑީހައިޑްރޭޓް ވުމަކީ ގައިގެ ހަމަށް އެކަމުގެ ސަބަބުން ގެއްލުން ލިބޭނެ ކަމެކެވެ. ފެން މަދުވުމުން ގައިގެ ހަމަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ހަން ކުރަކި ވުން ހިމެނެއެވެ. ަދި ހަމުގެ ތާޒާކަން ގެއްލި، ރޫ ޖެހުމަށްވެސް މަގުފަހި ކޮށްދެއެވެ.

ބޮލުގެ ރިހުމުން ދުރުކޮށްދިނުން:
ހަށިގަނޑުން ފެން މަދުވުމަކީ، ބޮލުގައި ރިހުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މެޑިކަލް ނިއުސް ޓުޑޭއިން ބުނީ، ހަށިގަނޑުން ފެން މަދުވުމުން ބޮލުގައި ރިހުމަށް މަގުފަހި ކުރުވަނީ ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މިންވަރަށް ވުރެ ދިޔާ އެއްޗެހި ހަށިގަނޑުން މަދުވުމުގެ ސަބަބުން ކަމަށެވެ.

އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދިނުން:
އަނގައިން ނުބައި ވަސް ދުވުމަކީ ޑީހައިޑްރޭޝަން، ނުވަތަ ހަށިގަނޑުން ފެން މަދުވުމުގެ އަލާމާތެކެވެ. ގިނައިން ފެން ބޯނަމަ، އަނގައިގައި އުފެދޭ ބެކްޓީރިއާތައް ސާފު ކޮށްދެއެވެ. އެފަދަ ބެކްޓީރިއާ ތަކަކީ އަނގައިން ނުބައި ވަސް ދުވުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.