ހަވީރުގެ ފިނި ފިނި ވައި ރޯޅިތައް މުޅި ދުނިޔެއަށް މަރުޙަބާ ކިޔަމުން ދިޔައެވެ. އިނާޝާ ވަރަށް ރީއްޗަށް ފެންވަރާލައިގެން ފާޚާނާއިން ނިކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އެޔާއި އެކު ލޯގަނޑުން ވިދުވާލި އިނާޝާގެ ރީތި މޫނު ފެނި އޭނާގެ ހިތް އުފަޅުން ފޮޅުނެވެ.

"އަހަރެން ހާދަ ރީއްޗޭ...." ލޯގަނޑުން ފެނުނު އަމިއްލަ ނަފުސާއި މުޚާތަބުކޮށް އިނާޝާ ބުނެލިއެވެ. މިއީ އިނާޝާގެ މިޒާޖެވެ. އަބަދުވެސް އިނާޝާ އޭނާގެ އަމިއްލަ ޟަމީރާއި ވާހަކަ ދައްކާނެވެ. ލިބިފައި ހުރި ރީތި ކަމުގެ ސަބަބުން އެހެން މީހުންގެ ކުރިމަތީގައި އަމިއްލައަށް މޭ ފުއްޕާލުމަކީ އޭނާ ވަރަށް ކުރާ ހިތްވާކަމެކެވެ.

އިނާޝާއަށް ލިބިފައިވާ ރީތިކަމާއި އެއްވަރަށް އޭނާ ވެގެން ދިޔައީ ވަރަށް ކެރޭ، ކުދިންނާއި ދިމާކުރާ މިޒާޖުގެ ކުއްޖަކަށެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް ހަލަނި، ސަކަރާތް ބޮޑު ކުއްޖެއްގެ ގޮތުގައި އިނާޝާ ވަނީ ފާހަގަ ކުރެވިފައެވެ.

"ދަރިފުޅާ.." އިނާޝާ ސިއްސައިގެން ގޮސް ކޮޓަރީގެ ދޮރަށް ބަލައިލީ ކޮޓަރި ތެރެއަށް އޭނާގެ މަންމަ މާހިދާ ވަނުމުންވެ.

"މަންމާ.... ކީކޭ؟؟؟" އިނާޝާ ވަރަށް ހަމަޖެހިލަމުން ބުނެލިއެވެ.

" ދަރިފުޅާ.... މިއަދުވެސް ސުކޫލަށް ގޮސް އައިޝާއަށް އުނދަގު ކުރިން ދޯ.....؟ ޖެއްސުން ކުރިން ދޯ.؟ މަންމަ ކިތައްފަހަރު ބުނާނީ ކުދިންނާއި ދިމާ ނުކުރާށޭ..... ދަރިފުޅަށް މިހާރު 17 އަހަރުވަނީ... އަދިވެސް ދަރިފުޅުގެ ތި އާދައެއް ދޫކޮށްލަން ނުވިސްނަންތަ؟؟" މާހިދާ ވާހަކަ ދެއްކީ ވަރަށް ހިތްހަމަނުޖެހޭ ރާގެއްގައެވެ.

"މަންމާ... އެއީ އަޅެ މަށެއް ނޫނޭ..... އައިޝާއަށް ޖެއްސުމެއް ނުކުރަމޭ..... މަންމާ.... އެކަން ޤަބޫލު ނުކުރޭ.... އިނާ އެހެނެއް ނޫޅެމޭ...." އިނާޝާ ޅަވެލަމުން އޭނާގެ މަންމައާއި ވާހަކަ ދައްކަމުން ގެންދިޔައެވެ. އަބަދުވެސް ކޮންމެވެސް ބެލެނިވެރިއެއްގެ ފަރާތުން އިނާޝާގެ ޝަކުވާ މާހިދާއަށް ލިބެއެވެ. އެހެނަސް ކޮންމެ ފަހަރަކު ވެސް އިނާޝާ ގެންދިޔައީ އޭނާގެ މަންމަގެ ބޮލަށް އެރިގެން ކަމުގެ ހަޤީޤަތް އޮޅުވާލަމުންނެވެ. ސިއްރުކުރަމުންނެވެ. އިނާޝާގެ ވާހަކަތައް މާހިދާ ދިޔައީ ވަރަށް ފަސޭހަ ކަމާއި އެކުގައި ޤަބޫލުކުރަމުންނެވެ. ތިމަންނަގެ ދަރި ކިތަންމެ ހަލަނިކޮށް ހުޅުނަސް އެފަދައިން ކުދިންނާއި ޖެއްސުން ކުރާނެ ކަމަކަށް މާހިދާގެ ހިތް އެއްބަސްވާކަށް ބޭނުމެއްނުވިއެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނެތާއެވެ.

"މަންމައަށް އެނގޭ ދަރިފުޅު ކުދިންނަށް އެހެން ޖެއްސުންކޮށް ދިމާކޮށް ނުހަދާނެކަން.... މަންމަ ދަރިފުޅަށް އިތުބާރުކުރަން...." އިނާޝާގެ ބުރިކަށީގައި ފިރުމާލަމުން މާހިދާ ކޮޓަރިން ނިކުތެވެ.

އެއާއި އެކު އިނާޝާ ދަތްކުނޑުވިކަމުން އޭނާގެ ފޯނުނަގައި ލައިޝާއަށް ގުޅަން ޑައިލްކޮށްލިއެވެ. ލައިޝާއަކީ އިނާޝާގެ ގާތް އެކުވެރިއެކެވެ. އިނާޝާ ކުދިންނަށް ޖެއްސުންކޮށް އުޅެނީ 3 އަންހެން ކުދިން ހިމެނޭ ގޭންގެއް ހަދައިގެންނެވެ. އެގޮތުން ލައިޝާއަކީ އެ ގޭންގުގެ އެއް ބައިވެރިޔާއެވެ.

"ހަލޯ ލައިޝާ.... އެއްކަލަ އައިޝާ ގަނޑު އަހަރުންގެ ވާހަކަ އޭނަ މަންމަ ގާތު ކުޓުވާލައިފި...... މަ ގޮލާ މަންމަ އައިސް މަށަށް ބަވާލީ..... ހިނގާ ފާތުންއަށް ގުޅައިގެން ތިން ގޮލާ ދާން... އައިޝާ ނޮޅައިލަން...." އިނާޝާ ހިތްހަމަ ނުޖެހިގެން ބުނެލިއެވެ.

"އާނ.. ހިނގާބިޔަ..... އެ ގޮލާ ދުއްވާޔަން....." ލައިޝާ ވަރަށް ބޮޑަށް ގަދަވެލިއެވެ.

ގަޑީގެ ސިކުންތުގެ ކަށި އޭގެ އެންމެ ބާރު ދުވެލީގައި ދުވަމުން ގޮސް އިރު އުދަރެހުން އޮބައިލާން ގާތްވެއްޖެއެވެ. ލައިޝާއާއި ފާތުން އާއި އިނާޝާ މިސްރާބު ޖެހީ އައިޝާގެ ގެއާއި ދިމާއަށެވެ. އެ ތިން ކުދިން ވެސް ހުރީ އައިޝާއާއި ދިމާކުރަން ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ. އެހެން ހުއްޓާ އައިޝާ ގެއިން ނިކުތް ތަން އިނާޝާއަށް ފެނުނެވެ.

މާހައުލުގެ ހަމަހިމޭން ކަމުގެ ފައިދާ އިނާޝާގެ ގޭންގުން ފުރިހަމަ ގޮތުގައި ހިފިއެވެ.

"އޭ... ކަޅުކަޅު އައިޝާ... ކަލޭ ނުފުއްޕައްޗޭ..... ލަޑާޔަން ޖެހިދާނެ...." އިނާޝާ ގޮސް އައިޝާގެ ހެދުމުގައި ހިފައި ބާރުކޮށްލިއެވެ.

"މީ ކަޅު ގޮލަޔެއް.... ހުރި ފާޑު ބަލާ.... އަމިއްލައަށް މަރުވާން ޝޯ މި ގޮލާ ބޭނުންވަނީ....." ފާތުން އައިޝާގެ ކޯތާފަތުގައި ހޫނު ތަފާލެއް އަޅާލިއެވެ. އެއްވެސް އެއްޗެއް ނުބުނެެ އައިޝާ އޭނާގެ ބޯ އޮބައިލައިގެން ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. ބިރުގެންފައެވެ. މޭ ޖެހޭގޮތް ވެފައެވެ.

އިނާޝާއާއި ފާތުން ވެގެން އައިޝާއަށް އަނިޔާކޮށް ދިމާކުރަމުން ދިޔަ މަންޒަރު ހެމުން ލައިޝާ ގެންދިޔައީ ވީޑިއޯ ކުރަމުންނެވެ.

"ދެންވެސް ކަލޭ އަހަރުންނަށް ނުގެޅޭތި..." އައިޝާ ކޮށްޕާލަމުން އިނާޝާގެ ގޭންގު ދުއްވައިގަތެވެ.

ދުވަސްތައް ފައްވަމުންދިޔައެވެ. މިހާރު މުޅި ސޯޝިއަލް މީޑިއާގައި ދައުރުވަމުން ދިޔައީ އައިޝާއަށް އިނާޝާގެ ގޭންގުން ކުރި ފުރައްސާރައާއި އަނިޔާގެ ވީޑިއޯއެވެ. ލައިޝާގެ ފޯނުން އެ ވީޑިއޯ މުޅި ރާއްޖެއަށް ވައިރަލް ވެގެން ދިޔުމާއި އެކު އެތައް ދިވެހިންނެއްގެ ރުޅި އިނާޝާއާއި އޭނާގެ އެކުވެރިންނަށް އެކި ގޮތްގޮތުން ބާލަމުން ދިޔައެވެ. މައްސަލަ ހޫނުވެ އިނާޝާއާއި އޭނާގެ ގޭންގު ހޫނު އަލިފާނަށް ވެއްޓުނެވެ. މުޅި ރާއްޖެ ދިޔައީ އެ އަލިފާނަށް އިތުރަށް ދަރު އަޅައި ހުޅުގަނޑު ބޮޑުކުރަމުންނެވެ.

މައްސަލަ ފުލުހާއި ހިސާބަށް ދިޔައެވެ. އިނާޝާ އާއި އޭނާގެ ތިން އެކުވެރިން ފުލުހަށް ހާޟިރުކުރުވިއެވެ. އިނާޝާއާއި އެކު އޭނާގެ މަންމަ ވެސް ފުލުހުންގެ މަރުކަޒަށް ދިޔައެވެ. މާހިދާގެ މޫނުމަތިން ފެންނަމުން ދިޔައީ އިނާޝާ ދެކެ އިންތިހާއަށް ރުޅި އައިސްފައި ހުރި ކުލަވަރެވެ.

"ކީއްވެ އެ ގޮތަށް އައިޝާ އާއި ދޭތެރޭ ކަންތައް ކުރީ....؟" ފުލުހަކު އިނާޝާގެ މޫނަށް ބަލައިލިއެވެ.

"ޕޮލިސް... ދެޓްސް ނޮޓް މީ އަޅެ...." އިނާޝާ ފުލުސް މީހާއަށް ހަތަރު ކަޅި ހަމަކޮށްލިއެވެ.

"ހުސް ދޮގު... މުޅިން އޮޅުވާލުން.... މަކަރު.... މަންމަ ގާތު އަބަދު ތިމަންނައެއް ނޫނޭ ބުނެ އޮޅުވާލީ... މިހާރު ފުލުހަށް އައިސް ހަމަ އެކައްޗެއް އިނގެރޭސިން ތިބުނީ.... ދަރިފުޅާ.... ހެޔޮނުވާނެ..... ތި ދޮގު ހެދުން ހުއްޓާލާ... އެ އޮތީ ވީޑިއޯ ވެސް ފެންނަށް.... އަވަހަށް އަދިވެސް ކުރެވުނު ކުށް ޤަބޫލުކޮށް އިސްލާހުވޭ... ދަރިފުޅު ތީ އަދި 18 އަހަރު ނުވާ ކުޑަ ކުއްޖެކޭ.... ތިހެން އުޅޭ ކަން ނުވާނެ..." މާހިދާއަށް ރޮވުނެވެ. ހިތަށް ވަރަށް ހިތި އަސަރެއް ކޮށްގެންނެވެ.

އިނާޝާއަށް ކުރެވުނު ކުށަށް އޭނާ ފަހުން ވަރަށް ދެރަވިއެވެ. އަބަދު އޮޅުވާލައިގެން ސަލާމަތް ވިޔަސް މިފަހަރު "ދެޓްސް ނޮޓް މީ އަޅެ" އަކުން އިނާޝާއަކަށް ސަލާމަތެއް ނުވެވުނެވެ. އައިޝާގެ ގާތުން މަޢާފަށް އެދި ދުވަހަކުވެސް މީހުންނަށް ޖެއްސުންކޮށް ދިމާ ނުކުރަން އިނާޝާ ޢަޒުމް ކަޑައެޅިއެވެ.

--- ނިމުނީ--

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމް

    މަވެސް އަމީނިއްޔާގެ 9 ގައި އުޅެނިކޮށް މިކަހަލަ ގްރޫޕެއް ފުރައްސާރަކުރި. އެގްރޫޕް އެންމެން ދާނީ އެންމެން އެކައްޗެއް ކިޔައިގެން ފިޒިކްސް ހޯމް ވޯރކްވެސް ނަހަދާ. ދެން އަހަރެން ހޯމް ވޯރކް ހަދައިގެން ދިޔައީމަ މުޅި ކްލާހަށް އަޑުއިވޭވަރަށް ކިޔާނެ 'އޭ މިކްލާހުގައި ނާރޑެއ އެބައުޅެއޭ. މިއަދު އައީ ހޯމް ވޯރކް ވެސް ހަދައިގެންނޭ...' . މިގްރޫޕްގައި މުޅިންވެސް އުޅުނީ މާލޭގެ ބޭފުޅު އާއިލާތަކަށް ނިސްބަތްވާ ކުދިން. މިކުދިންގެ ފުރައްސާރ ކުރުން ތައް ހުއްޓުމަކަށް އައީ ޚުދު އަހަރެންގެ ހުށިޔާރު ކަމުން. އެއް ދުވަހު ކޮރިޑޯ ތެރޭގައި އަހަރެންގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތީމަ، އެނބުރި ވަރުގަދަ އެތިފަހަރެއް އަޅާލިފަހުން ނުބެހޭ.

    16