ދިރިއުޅުމުގެ އޮއި ގަދަ ކަނޑަށް އަހަރެންނަށް ނިކުމެވުނީ މިސްރާބެއް ނެތް އޮޑިއެއްގައެވެ.

މިއަދު އަމިއްލަ ފައިމައްޗަށް ކޮޅަށް ހުރެވުނަސް ލައްކަ ދުވަހަކު ކޮރު ޖަހަން ޖެހުނެވެ. މީހުންގެ މަލާމާތުގެ ބަސްތަކާއި، ނުރުހުމުގެ ލޯތަކަށް ރެކެން ޖެހުނެވެ. މިހުރިހާ ކަމަކާވެސް އަހަރެން ކުރިމަތިލާން ޖެހުނީ ހަޔާތަށް ގެނެވުނު ބައިވެރިއެއްގެ ގޮތުންނެވެ. ޅަ ދުވަސްވަރު އެޅުނު އޮރި ފިޔަވަޅެއްގެ ނަތީއްޖާއަކަށް ވެގެން ދިޔައީ ދިރިއުޅުމުގެ އަރާމާއި ލައްޒަތުން މަހުރޫމުވުމެވެ. ޖަލެއްފަދަ ގެއެއްގެ ހަތަރު ފާރުގެ ތެރޭގައި ބަންދުވުމެވެ. އޭރުވެސް މައިންބަފައިން ބުނިބަސް އެހުނު ނަމައޭ މިހާރު ހިތަށް އަރައެވެ. ނަމަވެސް ހިނގާދިޔަ އެއްވެސް ކަމަކާއިމެދު އަހަރެންގެ ހިތުގައި ޝަކުވާއެއް ނެތެވެ. މިއަދު އަހަރެން މީހަކަށް ހަދައިދިނީ އެ ތަޖުރިބާއިން އަހަރެންނަށް ދަސްވި ފިލާވަޅުތަކުންނެވެ.

އެހެން ޒުވާނުންނެކޭވެސް އެއްފަދައިން އަހަރެންގެ ވިހީގެ ދުވަސްތައް ގުނަމުންދިޔައީ އައު ތަޖުރިބާތައް ކުރުމުގައެވެ. އަހަރެންގެ މައިންބަފައިންނަކީ އަހަރެން ކުރާ އެއްވެސް ކަމަކަށް ހުރަސްއަޅާ ބައެއް ނޫނެވެ. މާލޭގެ ތިޔާގި ފަސްގަނޑަށް އުފަން، އަމިއްލަ ގެދޮރު ހުރި މުއްސަންޖެއްގެ ދަރިއަކަށް ވުމުގެ އެތަކެއް ފައިދާއެއް އަހަރެންނަށް ދިޔައީ ލިބެމުންނެވެ. އަހަރެންނަށް ކިޔަވައި ދިނުމަށް މައިންބަފައިން ނުހިއްލާކަ ގަލެއް ނެތެވެ. ނަމަވެސް އެއީ އަހަރެން މާ ކުރާ ހިތްވި ކަމަކަށް ނުވިއެވެ. ކުޑަ އިރުއްސުރެ އަހަރެންގެ ޝައުގުވެރިކަން ހުރީ މުޅިން އެހެން ދިމާލަކަށެވެ. ކެއްކުމާއި، ފެހުމާއި ތަފާތު އަތްތެރި މަސައްކަތްތައް ކުރުމަށް އަހަރެން ވަރަށް ފޯރި ހުރެއެވެ.

އަހަރެންގެ ދިރިއުޅުމުގެ އޮމާން ފާގަތި ދުވަސްތަކަށް ނިމުމެއް އައީ ރަހުމަތްތެރިންނާއެކު ދަތުރަކު ދާން ނިންމި ހިސާބުންނެވެ. އިންޑިޔާގެ ތިން ހިސާބަކަށް ކުރާ ދިގު ދަތުރެކެވެ. މާ ބޮޑު ބޭނުމެއް ނެތިއެވެ. ހަމަ ބަލާލާ ހިތުންނެވެ. ފަސް ފިރިހެން ކުދިންނާއި އަށް އަންހެން ކުދިންނެވެ. މަންމަމެން ހިތްހަމަނުޖެހުނީ އަހަރެންނާއެކު ދާ ގްރޫޕުގައި ނުދަންނަ މޫނުތަކެއްވެސް ވާތީއެވެ. ނަމަވެސް މަންމަގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ދަރިއެއްވެސް މި ދަތުރުގައި ދާތީ، ފަސޭހަކަމާއެކު އާ ބަސް ލިބިއްޖެއެވެ. ދަތުރުގެ ތައްޔާރީތައް ހަލުއި ގޮތުގައި ކުރަމުންދިޔައިރު އަހަރެން ހުރީ ކެތްމަދުވެފައެވެ.

އިންޑިޔާއަކީ ރާއްޖެއާއި ވަރަށް ތަފާތު ތަނެކެވެ. އިމާރާތްތަކުގެ ބައްޓަންތަކުން ފެށިގެން ވާހަކަ ދައްކާ ބަހުރުވަ އުޑާ ބިމާހާ ތަފާތެވެ. ދިވެހިންގެ ސާފުތާހިރުކަމުގެ ކަންފުޅެއްވެސް މި މީހުންނަށް ލިބިފައި ނެތްކަހަލައެވެ. އަހަރެމެން ދަތުރުކުރަމުން ދިޔަ ހިސާބުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް މިއީ ޗުއްޓީ ހޭދަކޮށްލަން އަންނަން އެންމެ އެކަށޭނަ ތަނަށް ނުވެދާނެއެވެ. ހަމަ ގައިމުވެސް އަހަރެންނަށް އުޅެވޭނީ މިއަށްވުރެ ތާހިރު ތަނެއްގައިކަން ޔަގީނެވެ.
ބައެއް ފަހަރު އަހަރެންގެ ހިތަށް އަރާ މިފަދަ ޝުއޫރުތައް ދުލު ކުރިއަށް ގެންނަމުއެވެ. ދަތުރުގައި ބައިވެރިވި ބައެއް ކުދިން އެއްބަސް ވާނެއެވެ. އަނެއްބައި ކުދިން ބަހުޡް ކުރާނެއެވެ. އަހަރެމެންގެ މި ބަކަ ތެޅުމުން ދަތުރުމަތި ފަޅުފިލުވާދެއެވެ. މިހުރިހާ ވާހަކަތަކެއްގައިވެސް މަދުންނޫނީ ބައިވެރި ނުވާ ޒުވާނަކު އިނެވެ. ތެދުތެދަށް ބުނަންޏާ ދަތުރު ފެށުނީއްސުރެ އަހަރެންގެ ލޮލުގައި އަޅައިގަތް ހަމައެކަނި މީހަކީ އެއީއެވެ.

ވާނީވެސް އެހެންތާއެވެ. ބަލާލަންވެސް ހިތްގައިމީއެވެ. އަހަރެންނަކީ ފަސޭހައިން އަޅައިގަންނަ މީހަކަށް ނުވިޔަސް މި ޒުވާނާގެ ބެލުމުގައި މިވާ ތޫނުކަމަކުން އަހަރެންގެ ތޫނު ދުލުގައި ތަޅުއަޅުވާލައެވެ. ބަސްމަދަސް ބުނާ ބަހުގައި ބާރު ހުރެއެވެ. ބައެއްފަހަރު ސަމާސާ ކޮށްލާނެއެވެ. ބައެއް ފަހަރު ހިތްހަމަ ނުޖެހުމުގެ ކުލަވަރު މޫނުމަތިން ދައްކާލާނެއެވެ. ކޮންމެ ޖަޒުބާތެއް އެ މޫނުމަތިން ސިފަވިޔަސް އަހަރެންނަށް އެ ނޫން މޫނެއް ނުފެންނަ ކަހަލައެވެ. ދަތުރުގައި އައިސް އުޅުނު އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ބަސްތަކުން ވިއްޔާ، އަހަރެން ހުރީ އޭނާއަށް ގޮސް ހުސްވެފައެވެ. މަޑުމަޑުން އަހަރެންނަށްވެސް އެކަން ޤަބޫލުކުރެވެން ފަށައިފިއެވެ.

އިންޑިޔާގެ ތިން ހިސާބަށް ދަތުރުކުރެވިއްޖެއެވެ. ގޭގޭގެ ފުރާޅުގެ ގޮތްގަނޑުން ފެށިގެން ދިޔަ ތަންތަނުގެ ނަންތައް ކިޔަން ދަސްކޮށްފީމެވެ. މި ކަންތައްގަނޑުގެ ތެރޭ އަހަރެންގެ ހިތްވެސް އަތުން ދޫވެއްޖެއެވެ. ސަމާލުކަން ނުދީ ހުއްޓާ އެއްކަލަ ޒުވާނާގެ މުށުތެރެއަށްލައި ރަހީނުކޮށްލައިފިއެވެ. ލޯބި ވެވުނީ އެ ރީތި މޫނުދެކެ އެކަންޏެއް ނޫނެވެ. ވާހަކަ ދެއްކުމުގައި ހުންނަ އޯގާތެރިކަމާއެވެ. ބަސް ބުނުމުގައި ހުންނަ އާދަޔާޚިލާފް މަޑުމައިތިރިކަމާއެވެ. ލޯބިވެވުނީ އެ ދެ ލޮލާއެވެ. ބައެއްފަހަރު ގޮށް ޖެހިފައިހުންނަ ތުނި ދެ ބުމައާއެވެ. ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ޒަޚަމްކޮށްލާ އެ ހިނިތުންވުމާއެވެ. ކޮންމެއަކަސް ލޯބިވެވިއްޖެއެވެ. ނަސީބު ދިމާކުރިގޮތުން އޭނާގެ ހިތުގަގައި ޖަހަމުންދިޔައީވެސް އެއް ރާގެކެވެ.

ދަތުރު ނިންމާލާ ރާއްޖެ އައުމާއެކު ހީވީ ފޮނި މީރު ހުވަފެނަކުން ހޭލެވުނު ހެންނެވެ. ލޯބިވެރިޔާ މަތިން ހަނދާންނުވާ ވަގުތެއް ނުދެއެވެ. ކާހިތެއް ނުވެއެވެ. އެއްވެސް ކަމަކަށް ޝައުގެއް ނުހުރެއެވެ. މަންމައަށް މިކަން ފާހަގަކުރެވިގެން ލައްކަ ސުވާލެއް ކުރިއެވެ. އަހަރެން އެންމެފަހުން ޖަވާބެއް ދިނީމެވެ. ލޯބިވެވުނީއެވެ. އަހަރެންގެ ދިރިއުޅުމުގެ ބާކީ ހުރި ދުވަސްތައް ގުނާނެ މިތުރަކު ލިބުނީއެވެ. މަންމަ ދެންވެސް ކުރީ ސުވާލެކެވެ. ނަމެއް ނާހައެވެ. ކާކުތޯ ބަލާނުލައެވެ.

އަހާލީ ކޮން ރަށެއްތޯއެވެ. މިހާ ހިސާބުން އަހަރެން ކުޑަކޮށް މޯޅިވިއެވެ. ބައްޕަމެން ކިތަންމެ ތައުލީމީ ވިޔަސް ވިސްނުން އެހާ ނާތަހުޒީބު ވާނެއެވެ. މީގެ ކުރިންވެސް މިވާހަކައެއް ދެކެވުނެވެ. އަހަރެންގެ ކައިވެނި ކުރެވޭނީ މާލޭ މީހަކާ ޔޯލައެވެ. ރާއްޖެ ތެރޭ ދައްފަންތީގެ އާއިލާއަކަށް އަހަރެން ފޮނުވާލަން ބައްޕަ އެއްގޮތަކަށްވެސް އެއްބަސް ނުވާނެކަން އަހަރެންނަށް ޔަގީނެވެ. ނަމަވެސް އަހަރެން ހުރީ ގޮތްދޫކުރާނޭ ގޮތަކަށް ނޫނެވެ. މިކަމުގައި ކަނޑިއާ ކަނޑިއާ ވާން ޖެހުނަސް އިންނާނީ އަހަރެން ލޯބިވާ މީހަކާއެވެ.

ހީކުރެވުނީ ރަނގަޅަށެވެ. ބައްޕައާއި މިކަމުގައި ބޮޑު އަރާރުންގަނޑަކަށް ދާން ޖެހުނެވެ. އަހަރެންގެ ލޯބިވެރިޔާ ގެއަށްގެނެސް މައިންބަފައިންނަށް ތަޢާރަފްވެސް ކޮށްދިނީމެވެ. ބައްޕަގެ ނިންމުން ބަދަލުވޭތޯއެވެ. ނަމަވެސް ބައްޕަ ހުރީ ހުރި ގޮތުގައި ހިފަހައްޓައިގެންނެވެ. އަހަރެންވެސް ގޮތްދޫކުރާ ބޭނުމެއް ނުވިއެވެ. އަހަރެންގެ ލޯބިވެރިޔާވެސް އަހަރެންނަށް ވިސްނުވައިދޭން މަސައްކަތްކުރިއެވެ. އަހަރެންނަށް ރަށްފުށުގެ ދިރިއުޅުން ކަމަކުނުދާނެއޭ ބުންޏެވެ. ބައްޕަ އާ އެއްގަލަކަށް އަރައިގެން ކައިވެނިކޮށްގެން މި ގޭގައި އުޅެވޭނެ ގޮތެއް ހޯދަން ހިނގާށޭ ކިޔާ އާދޭސްކުރިއެވެ. ނަމަވެސް އަހަރެން އެއްބަހެއް ނުވީމެވެ. ކައިވެނިކޮށްގެން ދާނީ ހަމަ އެ ރަށްފުށަށެވެ. މި މާލޭ މަންޖެ އުޅޭނީ އެ ބުނާ ދަށު ފަންތީގެ ދިރިއުޅުމެވެ. ބައްޕައަށް ފިލާވަޅެއް މިކަމުން ލިބެން އަހަރެން ބޭނުންވިއެވެ. ނަމަވެސް އޭރު އަހަރެންނަށް ނުވިސްނުނީ ފިލާވަޅު ލިބެން މިއުޅެނީ އަހަރެންނަށް ކަމެވެ.

ކައިވެނި ކޮށްގެން ބަދަލުވީ ލޯބިވެރިޔާގެ ރަށަށެވެ. މަންމައާއި ބައްޕަގެ ނުގަބޫލުގައެވެ. އާއިލާގެ އިން ދިން އެތަކެއް ނަސޭހަތަކަށް ބީރުކަންފަތެއް ދީފައެވެ. އަހަރެން ހިތުން އަހަރެންނަށް ކެތްވާނެއެވެ. ކޮންމެ ކަމަކާވެސް ކުރިމަތިލެވޭނެއެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމުގެ އޮއިވަރު ބަދަލުވެއްޖެއެވެ. ލޯބިވެގެން ކައިވެނި ކުރި މީހާގެ އަސްލި ސިފަ ފެނިގެންދިޔައީ ކައިވެންޏަށް މަސްދުވަސް ވެސް ނުވަނީހެވެ.

ފިރިމީހާ ގެއަށް އައުން ލަސްވާން ފެށުމުން ފުރަތަމަ އަހަރެން ކަންބޮޑު ނުވިޔަސް އާދަޔަކަށް ވުމުން ސުވާލު ކުރެވެން ފެށުނެވެ. މިއިން އެއްވެސް ސުވާލަކަށް އަހަރެން ބޭނުންވާ ކަހަލަ ޖަވާބެއް ނުލިބެއެވެ. އަހަރެން އެ ހިނިތުންވުމެއް ދެކެ ލޯބިވި ހިނިތުންވުން ގެއްލި އަބަދު ފެންނަނީ ގެއަށް އަތުވެއްޖެއްޔާ ފުސްމޫނު ހެދިފައި ހުންނަ މަންޒަރެވެ. މިކަމާ ހިތް ކިތަންމެ ބޮޑާ ހޭކިޔަސް އަހަރެން މަސައްކަތް ކުރީ ކުރިން އުޅުނު ގޮތަށް ލޯބިން އުޅެވޭތޯއެވެ. ނަމަވެސް އެ ލޯބި އެ ހިތުން އެހާ އަވަހަށް ފިލައިފިކަމެއް އޭރު އަހަރެންނަކަށް ނޭނގެއެވެ.

ރަށްރަށުގައި މީހުން ނިކަން ވާހަކަ ދައްކާނެއެވެ. ގޭގެ އެއް ކަނުން އިވިގެންދާ ވާހަކަ ދެން އިވޭނީ ރަށުގެ އަނެއް ފަރާތުންނެވެ. އެހާވެސް އަވަހަށް ޚަބަރު ފެތުރިގެން ދެއެވެ. އެހެންކަމުން އަހަރެންގެ ފިރިމީހާގެ ބޭވަފާތެރި ވާހަކަތައް އަހަރެންގެ އަމިއްލަ ކަންފަތާ ހަމައަށް އައުމުން ވާން ޖެހޭ ކަންބޮޑުވާން މަޖުބޫރުވިއެވެ. ހަމަގައިމުވެސް އެއް އަތްޖަހައިގެން އަޑެއް ނުގޮވާނެއެވެ. އަހަރެންނަށް ނޭނގޭ ކޮންމެވެސް ކަންތައްގަނޑެއް އެބަ ހިނގައެވެ. އަހަރެން ހުރީ ކޮންމެ ގޮތަކަށް ހަދާފައިވިޔަސް މިކަމުގެ ފޭނެން އޮތް އެންމެ އަޑިއަކަށް ފީނާށެވެ. ފިރިމީހާ ރުޅިއަޔަސް ހެވެވެ.

ކަންވެ ނިމުނު އިރު މިއޮތީ ފަޅާއަރާފައެވެ. އެ ރަށުން އަހަރެންގެ އެންމެ ގާތް އެކުވެރިޔަކަށް ގެންގުޅުނު ސަންފަގެ ކޮޓަރީގައި ހެއްދެވި ހާލުގައި ތިއްބާ ފެނުނީ ދެވަނަ ދެމީހަކަށް ނޫނެވެ. އަހަރެންނަށެވެ. ކެތްކުރަން ވަރަށް ދަތިވިއެވެ. ދޫކޮށްލައިފައި ދާނަމޭވެސް އެތަކެއް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އޭރު އަހަރެން އިނީ މި ނުލަފާ ކަލޭގެގެ ދަރިއަކަށް ބަލިވެއެވެ. ދަރިފުޅުގެ ހައްގުގައިވެސް އަހަރެން މި ބޭވަފާތެރިޔާ ގާތު މަޑުކުރަން އެބަޖެހެއެވެ. ދެން ފެށިގެން އައީ މުޅި ޚަޔާތުގައިވެސް އަހަރެން ދުށް އެންމެ އަނދިރި ދުވަސްތަކެވެ.

ދަރިފުޅަށް ހަމަސް ވި އިރު އަހަރެން އިނީ ބުއްދިފިލާ ދާވަރަށް ބޯގޮވާފައެވެ. ހިތަށް އަރައެވެ. މި ދިރިއުޅުމެއް ދެނެއް ބޭނުމެއް ނޫނެވެ. ލޯބިވި މައިންބަފައިންގެ ހިޔާވަހިކަމުން މުޅިން ބީރައްޓެހި މާހައުލަކަށް އަހަރެން ހިޖުރަކުރީ ހަމަވިސްނުމާ ދެކޮޅަށް، ހިތަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ. މުޅި ދުނިޔެއިން އެންމެ އިތުބާރުކުރި އިންސާނާގެ ފަރާތުން އަހަރެންނަށް ވޭން ނޫން އެހެން އެއްޗެއް ނުލިބެއެވެ. ހިލޭ އަންހެނުންގެ ދާންތަކުން ދުވަމުން އެދަނީ ލަދެއް ހަޔާތެއް ނެތިއެވެ. ހިތަށް އަރައިފިއްޔާ އަތް އިސްކުރާ ފަހަރުވެސް ގިނަވެއްޖެއެވެ. މިފަދަ މާހައުލެއްގައި އަހަރެން ދަރިއެއް ބަލާބޮޑުކުރާނީ ވަކި ކިހިނެއްހެޔެވެ؟

އާ އަޒުމަކާއެކު އަހަރެން މަސައްކަތް ފެށީމެވެ. މި ނިކަމެތި ދިރިއުޅުމުން މިންޖުވެވޭތޯއެވެ. މާލޭގައި ހުރި އަހަރެންނާ ގުޅުން ކަނޑާ ނުލާ ހަމައެކަނި ފަރާތުގެ އެހީއަށް އެދި ގުޅީމެވެ. ނަސީބަކުން އޭނާހުރީ އަދިވެސް އަހަރެންގެ ފަރާތުން އިޝާރާތަކަށް އެދިއެދިއެވެ. ފިރިމީހާއަށް ނޭނގި ރަށުން ފިލައިގެން މާލެދާން މާ އުނދަގުލެއް ނުވިއެވެ. އެހެންނޫނަސް އެއީ އަހަރެންގެ ހާލުއަހުވާލު ބަލާލަން މާ ގިނައިން ގެއަށް އައިސް އުޅޭ މީހެއް ނޫންތާއެވެ. މާލޭގެ ބިމުގައި ފައި ޖެހުމާއެކު ކަރުނަހިލިގެންދިޔައެވެ. އަމިއްލަ ބިމަށް އާދެވުމުގެ އިހުސާސަކީ ބަޔާންކުރަން ދަތި އިހުސާސެކެވެ. ފާލަމުގައި މަޑުކޮށްލައިގެން އެ ހުރީ އަހަރެންގެ ޅަ ފުރާގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާގެ ހިތުގައި އަހަރެންނަށް އުފެދުނު ލޯތްބެއްގެ ސަބަބުން އަހަރެމެންގެ ގުޅުން ހީނަރުވިޔަސް، އޭނާ އަހަރެން ދެކެ ވީ ހަގީގީ ލޯބިކަން މިއަދު ތަސައްވަރުކުރެވިއްޖެއެވެ. އަޅާލާނެ މީހެއް ނެތް މިދުނިޔޭގައި އެހީތެރިކަމުގެ އަތެއްދިއްކޮށްލި ހަމައެކަނި އިންސާނަކީ އެއީއެވެ. ދޫ ފުރާ ޝުކުރުގެ ސަނާ ކިޔަސް މަދުވާނެކަން ޔަގީނެވެ.

ފުރަތަމަވެސް އަހަރެންގެ މަސައްކަތަކަށް ވީ އަހަރެންގެ ގޮތެއް ނެތް ފިރިމީހާގެ ފަރާތުން މިންޖުވުމެވެ. ވަރަށް ހާލުން، އެތަކެއް ކޯޓު އަޑުއެހުމަކަށްފަހު އެކަންވެސް ކާމިޔާބު ވެއްޖެއެވެ. ދިރިއުޅެމުން އައީ އެއްކަލަ ރަހުމަތްތެރިޔާގެ އެހީތެރިކަމުން ކުއްޔަށް ހިފައިގެން އުޅޭ ކުޑަ އެއްކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. މައިންބަފައިންގެ ފަރާތަށް ދެތިން ފަހަރު މަޢާފަށް އެދެން ދިޔުމުން އެވެސް ހާސިލްވެއްޖެއެވެ. ނަމަވެސް އަހަރެން ނިންމީ އަމިއްލަ ދިއިރުޅުމެއް ބިނާކުރާށެވެ. މައިންބަފައިންގެ އެހީތެރިކަމާ ނުލައެވެ. ދިރިއުޅުމުން އަހަރެންނަށް ލިބުނު ފިލާވަޅަކީ އެއީއެވެ. އެއްވެސް މީހަކަށް މިތަނުގައި އިތުބާރުކުރަން ހެޔޮ ނުވާނެއެވެ. އެންމެ ފުރަތަމަ ހިތަށް ކޮޅުފައިން އަރާނީ އެންމެ ގާތުގައި ގެންގުޅޭ މީހުންނެވެ.

މިއަދު އަހަރެންނަކީ އެއް އަހަރުގެ ކުޑަކުޑަ ޝާޔަންގެ ފަޚުރުވެރި މަންމައެވެ. އަމިއްލަ ބޭކަރީ ޝޮޕެއްގެ ވެރިޔާއެވެ. އަމިއްލަ މަސައްކަތުން އާމްދަނީ ލިބެއެވެ. ދަރިފުޅުގެ ކަންތައްތައް ފަސޭހަކަމާއެކު ކޮށްދެވެއެވެ. ލޯތްބާ ދުރުނަމަވެސް މުޅިން އަލްވަދާއެއް ނުކިޔަމެވެ. އެއްފަހަރު ހިތް ނުބައި ވެރިއެއްގެ ތައްޕާހުގައި އުޅެން ޖެހުނަސް އެންމެން އެއް ގޮތެއް ނުވާނެތާއެވެ. ނަމަވެސް އަދި އެ ސަފްހާ ހުޅުވާކަށް ހިތެއް ނޭދެއެވެ. އަދި އަހަރެން މިދަނީ ދަސްކުރަމުންނެވެ. ޒަޚަމްތަކުގެ ދިލަ ކަނޑުވަމުންނެވެ. އެދުވަހެއް އައުމުން އަހަރެން ހުންނާނީ ތައްޔާރަށެވެ.

އަހަރެންނަށް ދިރިއުޅުމުން ދަސްވި ފިލާވަޅަކީ މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލާ123

    މަރިޔަމްގެ ވާހަކަތަކާއި ލިޔެ އުޅޭ އިސްޓައިލަކީ މިކަހަލަ ސައިޓަކުން ފެނިގެން ސަނާ ނޯއްސިޔަސް "ކަލާ"އަށް ވަރަށް ކަމުދާ އެއްޗެއް. މުބާރިކުބާދީ!