އެއާ އިންޑިއާގެ ފްލައިޓަކުން ދަތުރުކުރި މުސްލިމް ފަސެންޖަރަކާއެކު އެ ބޯޓުގައި މަސައްކަތް ކުރި ކްރޫ ކަންތައް ކުރިގޮތުން އެތައް ބަޔަކު ތައުރީފް ކުރަން ފަށައިފިއެވެ.

ދިއްލީއަށް ދަތުރުކުރަމުންދިޔަ ރިފާތް ޖަވާދީ ނަމަކަށް ކިޔާ މި ފިރިހެން މީހާ ހުރީ ރޯދައަށެވެ.

މަތިންދާބޯޓު ތެރޭގައި އިންދާ އޭނާ ރޯދަވީއްލާ ވަގުތުޖެހުނެވެ. އަދި އޭނާ ގޮޑިން ތެދުވުމަށްފަހު ކެބިން ކްރޫ ގާތުގައި އެދުނީ ފެންފުޅިއެއް ދިނުމަށެވެ. ކްރޫ އޭނާއަށް ފެންފުޅިއެއް ދިނެވެ. އަދި ރިފާތް އިތުރު ފެންފުޅިއެއް ހޯދަން ބޭނުންވެ އެ ކްރޫ ކައިރީގައި އޭނާއަށް ރޯދައަށް ހުރި ވާހަކަ ބުންޏެވެ.

ބަދަލުގައި އެ ކްރޫ އެ މީހާގެ ގާތުގައި އެދުނީ ގޮޑީގައި އިށީންދެލުމަށެވެ.

މަންޖުލާ ނަމަކަށް ކިޔާ އެ ކްރޫ އެނބުރި އެ މީހާގެ ގާތަށް އައީ ސޭންޑްވީޗާއެކު އިތުރު ފެންފުޅިއެއްވެސް ހިފައިގެންނެވެ. އަދި އިތުރު ކެއުންތައް ބޭނުންވާނަމަ ބުނުމަށްވެސް މަންޖުލާ އެދުނެވެ.

މަންޖުލާ ކަންތައްކުރިގޮތުން އެތައް ބަޔަކު އޭނާއަށް ތައުރީފް ކުރަމުން އެބަދެއެވެ. އަދި މިއީ އެންމެންނަށް ހުރި ނަމޫނާއެއް ކަމަށްވެސް ގިނަބަޔަކު ބުނަމުންދެއެވެ.