ތުއްތު ކުއްޖަކު ގެންގުޅުމަކީ އުނދަގޫ ކަމެކެވެ. އެ ކުދިންނަށް ކާން ދިނުމާއި، އެ ކުދިންގެ ކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑަށް ސަމާލުވެސް ވާން ޖެހެއެވެ. އަދި ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. އެފަދަ ކުއްޖަކީ ހަ މަސް ނުވާ ކުޑަކުއްޖެއް ނަމަ ހަރު ކާންދީގެން ނުވާނެއެވެ. ކާންދީފި ނަމަ މިކަހަލަ ކަމަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

ފޭސްބުކް ބޭނުން ކުރާ މީހެއްކަމަށްވާ ލިއާ އެމެލްދާ ސިއެގާރް ވަނީ ހަ މަސް ނުވާ ކުޑަކުދިންނަށް ހަރު ކާތެކެތި ނުދިނުމަށް ގޮވާލާ ތުއްތު ކުއްޖަކަށް ދިމާވި ހާދިސާއެއް ހިއްސާކޮށްފައެވެ.

އޭނާ ހިއްސާކުރި ވާހަކައިގެ ވާނީ ތުއްތު ކުއްޖަކަށް އޭނާގެ މާމަ ދޮންކެޔޮ ޗަސްކޮށްފައި ކާންދިނުމުން މަރުވިގޮތުގެ ވާހަކައެވެ. އެ މާމަ އޭނަގެ ދަރިންނަށްވެސް ކާން ދެނީ މިހެންނެވެ.

އެ ތުއްތު ކުއްޖާ މަރުވީ، ކާންދިން ތަކެތި ހަޖަމްނުވެގެން އަނގަޔާއި ނޭފަތް އަދި ފުރަގަސް ފަރާތުން ލޭ ފައިބައިގެންނެވެ.

އެ ތުއްތު ކުއްޖާގެ ހަށިގަނޑުން ބައިވަރު ލޭ ފޭބުމުން ވަގުތުން ހޮސްޕިޓަލަށްވެސް ގެންދިޔައެވެ. އެހެން ނަމަވެސް ޑޮކްޓަރުންނަށްވެސް އެ ކުއްޖާއަށް އެއްވެސް ފަރުވާއެއް ދެވޭނެ ގޮތެއް ނުވިއެވެ. އެއީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ތުއްތު ކުއްޖާ މަރުވެފައިވުމުންނެވެ.

އެކަމާއި އެ ކުއްޖާގެ މާމަ ހުރީ ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގައެވެ.

"ފޫޅުމައިން މީގެ ކުރިންވެސް އަހަންނަށް އެންގި މިގޮތަށް ކާން ނުދިނުމަށް. އަހަރެން އެ ވާހަކަތައް އަޑެއް ނާހަން. އެ ދަރިފުޅު ވިހެއިރު އިރު 1.8 ކިލޯގައި ހުރި. އެކަމަކު 10 ދުވަސް ތެރޭގައި 1.3 ކިލޯއަށް ބަރުދަން ލުއިވި. އެހެންވެ ކާން ދިނީ". އެ މާމަ ބުންޏެވެ.