ދުނިޔެ ފިޔަވައި ދިރުންތަކަށް އެކަށީގެންވާ މާހައުލެއް އޮތް އިތުރު ގުރަހަތައް ހޯދުމުގައި ސައިންސްވެރިން ކުރާ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ. ނަމަވެސް މިހާތަނަށް މި މަސައްކަތަށް މާބޮޑު ކާމިޔާބެއް ލިބިފައި ނުވާއިރު، ދުނިޔެފަދަ ގުރަހަތައް ހޯދުމުގެ މަސައްކަތްތަކުގެ ތެރެއިން އާދަޔާއި ޚިލާފު އެތައް ގުރަހައެއް ސައިންސްވެރިން ވަނީ ހޯދާފައެވެ. އެގޮތުން ދާދި ފަހުންވެސް ފެނިފައި މި ވަނީ އެފަދަ ތަފާތު ގުރަހައެކެވެ.

"ވެސްޕް-121ބީ" ގެ ނަމުން ނަންދީފައިވާ މި ގުރަހަ ސިފަ ވަނީ އެމެރިކަން ފުޓުބޯޅަ ކުޅުމަށް ބޭނުންކުރާ ބޯޅައެއްގެ ސިފައިގައެވެ. އެ ގުރަހަ ދައުރުވާ މާހައުލުގެ ސަބަބުން ގުރަހައިގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައެވެ. ހަމަ އެހެންމެ އެ ގަދަ ހޫނުގެ ސަބަބުން ފަޒާގެ ތެރެޔަށް "ވެސްޕް-121ބީ" ވިރެމުންދާ ކަމަށްވެސް ހޯދުންތަކުން ވަނީ އެނގިފައެވެ.

"ވެސްޕް-121ބީ" އަކީ މިހާތަނަށް ސައިންސްވެރިން ހޯދާފައިވާ އެތައް ހާސް ގުރަހައެއްގެ ތެރެއިންވެސް ތަފާތު ގުރަހައެކެވެ. މި ގުރަހައިގެ ހޫނުމިން، 2500 ޑިގްރީ ސެލްޝިއަސް އަށްވުރެ މަތީގައި އުޅޭއިރު، މިއީ ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގެ އެންމެ ހޫނު ގުރަހަ ކަމަށްވާ ވީނަސްގެ ހޫނުމިނަށްވުރެ ގާތްގަނޑަކަށް ތިންގުނަ މަތީ ހޫނުމިނެކެވެ.

ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުގައި ނާސާއިން ދައުރުކުރާ ބާރުގަދަ "ހަބްލް ޓެލެކްސްކޯޕް" މެދުވެރިކޮށް "ވެސްޕް-121ބީ"ގެ ހޯދުންތައް ހޯދާ ސައިންސްވެރިން ބުނެފައިވާގޮތުގައި މި ގުރަހައަކީ މިހާތަނަށް ހޯދިފައިވާ އެންމެ ހޫނުގަދަ ގުރަހަތަކުގެ ތެރޭގައި ހިމެނޭ އެއް ގުރަހަ ކަމަށެވެ. މި ގުރަހައަށް އާދަޔާއި ޚިލާފަށް ހޫނުވުމުގެ މައިގަނޑު އެއް ސަބަބެއް ކަމަށް އެފަރާތްތަކަށް ފާހަގަކުރެވިފައި ވަނީ، "ވެސްޕް-121ބީ" އޭގެ އިރުފަދަ ތަރި އާއި އާދަޔާއި ޚިލާފަށް ކައިރިވުމެވެ.

ހޯދުންތަކުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، "ވެސްޕް-121ބީ" އޭގެ ސޫރުދަ ނިޒާމުގެ ތަރި އާއި ކައިރި ކަމުން ގުރަހައިގެ އެތެރޭގައި ހުރި ބައެއް މައުދަންތައްވެސް ދަނީ އާވީގެ ގޮތުގައި ގުރަހައިން ބޭރުވަމުންނެވެ. މިކަމުގެ ސަބަބުން އެ ގުރަހަ ވިރިގެން ގޮސް، ވަކި ހިސާބަކުން ގުރަހައެއްގެ އެންމެހައި ސިފައެއް ގެއްލި ފަނާވެގެން ގޮސްދާނެ ކަމަށް ވެސް ވަނީ ޤަބޫލުކުރެވިފައެވެ.

ކައުނުން މިހާތަނަށް ހޯދާފައިވާ ގުރަހަތަކުގެ ތެރެއިން އެންމެ ހޫނުގަދަ ގުރަހައިގެ ހޫނުމިން ގާތްގަނޑަކަށް 7800 ޑިގްރީ ސެލްޝިއަސް އަށް އަރައެވެ. އަދި ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގެ އިރުގެ ހޫނުމިނަކީ 5778 ޑިގްރީ ސެލްޝިއަސް އެވެ. ތަރިއެއްގެ ގަދަ ހޫނުގެ ސަބަބުން އާދަޔާއި ޚިލާފަށް ހޫނުގަދަވާ ގުރަހަތައް މީގެ ކުރިންވެސް ކައުނުގެ ތެރެޔަށް ނެތި ފަނާވެގެން ގޮސްފައިވާކަން ހޯދުންތަކުން އެނގިފައި ވެއެވެ. އަދި އެފަދަ އިތުރު ގުރަހަތައް އެހެން ބައެއް ސޫރުދަ ނިޒާމުތަކުގައި ދައުރުވަމުން ދެއެވެ.