ފްލޮރިޑާގައި 11 އަހަރުގެ ކުއްޖަކު އޮޅުކޮށްގެން ގެންގުޅުނު ބޮނޑެއް ގޭގައި އެކަނި ވެދާނެތީ ދަބަހަށް ލައިގެން ސްކޫލަށް ގެންގޮސްފިއެވެ.

ބެއްލާ ސެލާސް ނަމަކަށް ކިޔާ މިކުއްޖާ ވަނީ ސްކޫލަށް ދިޔަ ގަޑީ ދަބަހަށް ފޮތުގެ އިތުރުން ބޮނޑުވެސް ލަައިގެން ގެންގޮސްފައެވެ. ބެއްލާ ބުނެފައިވަނީ ޖަންގޯ ނަމަކަށް ކިޔާ އެ ބޮނޑަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. އަދި އެއާއި ދުވަހަކުވެސް ވަކި ނުވާނެ ކަމަށެވެ.

ބެއްލާގެ މަންމަ ބުނީ، ޖަންގޯ ނިދަންވެސް އޮންނަނީ ބެއްލާގެ ނިދާ ހެދުމުގެ މަތީގައި ކަމަށާއި އެމީހުންދާ ކޮންމެ ތަނަކަށް ދާ ކަމަށެވެ.

"ނިދަނީ ވެސް ބެއްލާގެ ނިދާހެދުމުގެ މަތީ. ބޭރަށް ދާ ކޮންމެ އިރެއްގަ ކޮންމެ ތަނަކަށް ދިޔަޔަސް ދާނެ. ޖަންގޯ ބޭނުން ވަނީ އިންސާނުން އުޅޭ ތަންތަނުގައި އުޅެން." ބެއްލާގެ މަންމަ ބުންޏެވެ.

ބެއްލާ މިހާރު ޖަންގޯ ގޮވައިގެން ސްކޫލަށް ދާކަށް ނުޖެހެއެވެ. ބެއްލާ ބުނެފައިވަނީ އެދުވަހު އޭނާ ޖަންގޯ ގޮވައިގެން ސްކޫލަށް ގޮސްފައިވަނީ ދޮންބައްޕަ ހޮސްޕިޓަލުގައި އެޕޮއިންޓްމެންޓް އެއް އިނުމުން ކަމުގައެވެ. އެހެން ނޫންނަމަ ނުގެންދާނެ ކަމަށެވެ.

"ދޮންބައްޕަ އެޕޮއިންޓްމެންޓް އިނުމުން އެދުވަހު ޖަންގޯ ގޮވައިގެން ސްކޫލަށް ދިޔައީ. ގޭގައި ބާއްވާފައި ދިޔަ ނަމަ ފޫހިވާނެ. ދޮންބައްޕަ ގޭގައި ހުންނަ ދުވަހު ޖަންގޯވެސް އޮންނާނީ ގޭގަ." ބެއްލާ ބުންޏެވެ.

ސްކޫލްގައި ބެއްލާ ވަނީ ޖަންގޯ އާއި އެއްކޮށް 5 ގަޑިއިރު ހޭދަކޮށްފައެވެ. ވަކި ހިސާބަކުން ބެއްލާގެ ޓީޗަރަށް ވަނީ ފެނިފައެވެ. ބެއްލާ ކައިރިން ސްކޫލަށް ޖަންގޯ ގެނައި ކީއްވެގެން ހޭ އަހާލުމުން ބުނެފައިވަނީ ގޭގައި މީހަކު ނެތީމަ ޖަންގޯ ފޫހިވާނެތީ ކަމަށެވެ.