2016 ވަނަ އަހަރު ޗައިނާގެ ކުންފުންޏަކުން ތައާރަފު ކުރި ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓިކް ޓޮކް ވެގެން ގޮސްފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ޒުވާނުންގެ މެދުގައި އެންމެ މަޝްހޫރު ވަމުންދާ އެއް އެޕްލިކޭޝަންގެ ގޮތުގައެވެ. ޗައިނާ ކުންފުންޔެއްގެ އުފެއްދުމަކަށް ޓިކް-ޓޮކް ވިއަސް، އެމެރިކާގެ ޒުވާނުންގެ މެދުގައިވެސް މި އެޕްލިކޭޝަން މިހާރު ވަރަށް މަގުބޫލު އެޕްލިކޭޝަން އަކަށް ވެގެން ގޮސްފިއެވެ. މިހާރު އުފެދިފައިވާ ސުވާލަކީ ޗައިނާ އިން ޓިކް-ޓޮކް ސެންސަރު ކުރޭ ބާވައެވެ؟

ޓްވިޓާގައި 'ހޮންގްކޮންގް' ޖަހާފައި ސާޗެއް ކޮށްފިއްޔާ އެ ގައުމުގައި ހިނގާ ހަމަނުޖެހުންތަކުގެ އެންމެ ފަހުގެ ފޮޓޯ ތަކާއި ޙަބަރުތައްް ލިބޭ ގޮތަށް މަންޒަރު ތައް ފެނިގެންދާނެއެވެ. އެކަމަކު ޓިކް-ޓޮކް ގައި ހަމަ އެހެން ޖަހާފައި ހޯދަން އުޅެފިއްޔާ ފެންނާނީ މީހުންގެ ރީތި ސެލްފީ ފޮޓޯތަކާއި، ކާ އެއްޗެހީގެ ފޮޓޯ އެހެންނޫނީ ބަޔަކު ލަވައެއް ކިޔާ ތަނެވެ. ޗައިނާ ސަރުކާރާ އެއްކޮޅުގައި މިހާރު އޮތް ހޮންގްކޮންގް ސަރުކާރާ ދެކޮޅަށް އެގައުމުގެ އެތައް ލައްކަ ބަޔަކު ކުރަމުން އަންނަ މުޒާހަރާގެ ނިޝާނެއްވެސް ނުފެންނާނެއެވެ. އެމެރިކާ ގައި މިހާރު މިކަން ފެންނަ ފޮޓޯތަކެއް ދައުރުވަމުން އެބަދެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން ޓިކް-ޓޮކް އަކީ ދުނިޔޭގައި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ޗައިނާ އަށް ބޭނުން ހިފޭނެ އެންމެ ވަރުގަދަ ހަތިޔާރަށް ވެގެން ގޮސްދާނެ ކަމަށެވެ. އެއީ ދުނިޔޭގައި ހިނގާ މުހިއްމު ހާދިސާތައް ޗައިނާ ބޭނުންވާ ގޮތަކަށް 'ސެންސަރު' ކޮށްގެންނެވެ. މެމްބަރުން ޓިކްޓޮކްގައި އެއްކުރާ ބައެއް ވީޑިއޯތަކާއި މީމްތައް ޓިކް-ޓޮކް އިން ނަގައެވެ. އެއާ ބެހޭގޮތުން އެޕުން މާ ބޮޑު ތަފްސީލެއް ނުދެއެވެ.

ޓިކް-ޓޮކް އުފެއްދި ކުންފުނި، 'ބައިޓް ޑާންސް' އިން މިކަން ދޮގުކުރެއެވެ. އެމީހުން ބުނާ ގޮތުގައި އެމެރިކާގައި އެޕްގެ މަޢުލޫމާތު ބަލަހައްޓަން ތިބޭނީ އެމެރިކާގެ ޓީމެއް ކަމަށާއި، އޭގައި ޗައިނާ ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.

"ޓިކް-ޓޮކް އަކީ މުނިފޫހިފިލުވުމަށް ހަދާފައިވާ އެޕް އެއް. ސިޔާސީ ކަންތަކަށް ނޫން. ޓިކް-ޓޮކް އަށް މީހުން ވަންނަނީ މަޖާ ކުރަން."ބައިޓް ޑާންސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ތަފާތު މޮޅު ގޮތްގޮތަށް ޑާންސް ކުރުމާއި، އެކި މީހުންގެ ޑައިލޮގް ތަކަށް ވާހަކަ ދެއްކުމާއި، އަދި މަޖާ އެތައް 'މީމްސް' އެއް އެކުލެވޭތީ ޓިކް-ޓޮކް އަށް ވަންނަ މީހުން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އެމެރިކާގައި މިހާރު ޓިކް-ޓޮކް 110 މިލިއަން ފަހަރު މީހުން ޑައުންލޯޑް ކޮށްފިއެވެ. މުޅި ދުނިޔޭގައި ޓިކް-ޓޮކް ބޭނުންކުރާ 1.3 ބިލިއަން މީހުން އެބައުޅެއެވެ.