ފިލިޕީންސްގެ ސްކޫލެއްގައި ކިޔަވައިދެމުންދާ ޒުވާން ޓީޗަރަކު، އެ ސްކޫލަށް ކިޔަވަންދާ ކުދިންނާއި އެއްގޮތަށް ކުޑަކުއްޖަކާއި މާ ވައްތަރުވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އުމުރުން 23 އަހަރުގެ އިއާން ފްރާންސިސް މަންގާ ނަމަކަށްކިޔާ އެ ފިރިހެން މީހާ ކިޔަވައިދެމުން ދަނީ ޕްރީސްކޫލުން ފަށައިގެން އާއި ޕްރައިމަރީ ގްރޭޑު 3 ގެ ދަރިވަރުންނަށެވެ. މި ޓީޗަރުގެ މޫނުމަތިން ކުޑަކުއްޖަކާއި މާވައްތަރު ގޮތެއް ހުންނާތީ ކުރިންވެސް ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބިފައިވާއިރު، އޭނާގެ އަޑުވެސް ހުންނަނީ ކުޑަކުއްޖަކާއި އެއްގޮތަށް ކަމަށް ވެއެވެ.

މި ކަމާއި ގުޅިގެން ބައެއް މީހުން ސްކޫލަށް ދަރިން ބަލާގޮސް އުޅޭ އުޅުމުގައި، ޓީޗަރު ފެނުނަސް އެއީ ސްކޫލް ނިންމާފައިދާ ކުއްޖެއް ކަމަށް ހީކުރެވޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކުޑަކުއްޖަކާއި ވައްތަރުވެގެން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މަންގާގެ އިސްކޮޅުގައި ހުންނަނީ 162 ސެންޓިމީޓަރެވެ. އޭނާ އެ އުމުރުގެ އެހެން މީހުންނާއި އަޅާބަލާއިރު ހުންނަނީވެސް ކުޑަކޮށެވެ. މިގޮތަށް ދިމާވެފައި ވަނީ، ޅަ އުމުރުގައި އޭނާއަށް ކުރިމަތިވި ސިއްޙީ މައްސަލައެއްގެ ސަބަބުން ކަމަށް ވެއެވެ.

ސިފަ ކިތަންމެ ޅަ ކުއްޖެއްގޮތަށް ފެނުނު ނަމަވެސް މަންގާއަކީ ހަރުދަނާ، ރަނގަޅު ޓީޗަރެއް ކަމަށް އޭނާ ކިޔަވައިދޭންދާ ސްކޫލުން ޤަބޫލުކުރެއެވެ. އެގޮތުން ދަރިވަރުންނަށް ކިޔެވުމަށް ބާރުއަޅައި އުނގަންނައި ދިނުމުގައި އޭނާއަކީ އެހެން ހުނަރުވެރި ޓީޗަރުންނާއިވެސް އެއްފަދަ މޮޅު މީހެކެވެ. އަދި މަންގާއަކީ ސްކޫލުގެ އެހެން ޓީޗަރުންނާއިވެސް ގުޅޭ އެންމެންގެ ލޯބި ލިބިފައިވާ މީހެކެވެ.

މަންގާއަށް ދިމާވެފައިވާ ސިއްހީ މައްސަލަ އާއި ގުޅިގެން އޭނާއަށް ކުރިމަތިވެފައިވަނީ ނަސީބެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެއީ ޒުވާންކަންމަތީ ގިނަ ދުވަހަށް ދެމިހުރުމަކީ ވަރަށް ގިނަ ބައެއްގެ ހުވަފެނަކަށް ވާތީއެވެ.