އިނގިރޭސިވިލާތުގެ އަންހެނަކު އެންމެ 31 ޕައުންޑް (530 ރުފިޔާ) ނުދައްކަންވެގެން އޭނާގެ ހެދުމުގެ ތެރޭގައި ލެޕްޓޮޕް ފޮރުވައި، މާބަނޑު މީހަކަށް ހެދިގެން ފްލައިޓަކުން ދަތުރުކުރަން އުޅެފިއެވެ.

އޮސްޓްރޭލިއާގެ މެލްބަން އިން ސިޑްނީ އަށް ކުރި ދަތުރުގައި ޖެޓްސްޓާގެ ފްލައިޓުން ހޭންޑް ލަގެޖް ގޮތުގައި ފަސިންޖަރުންނަށް ދީފައިވަނީ 7 ކިލޯގެ ފްރީ އެލަވަންސް އެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުން، ލިޔާ އިނގިރޭސި އަންހެނެއް ކަމަށްވާ ރެބޭކާ އެންޑްރިއުސް އިތުރުވާ ލަގެޖަށް ފައިސާ ނުދައްކަންވެގެން، ހަށިގަނޑުގައި ލެޕްޓޮޕްގެ ބައިތައް އޮޅައިގެން 'ޖެޓްސްޓާ' ފްލައިޓަކަށް އަރައިގެން ފުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

އެންޑްރިއުސް ވަނީ އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންނަށް ހަށިގަނޑުގައި އެކި ސާމާނު އޮޅާނެ ގޮތް ދައްކާލާފައެވެ. އޭނާ ހިއްސާކޮށްފައިވާ ވީޑިއޯގައި، ފޮލޯވަރުންނަށް "ނަސޭހަތްތެރިވެފައި" ވަނީ ސެކިއުރިޓީ ޗެކް ނިންމުމަށްފަހު އެއާޕޯޓް ތެރޭގައި އެކަން ކުރުމަށެވެ. އެގޮތުން އެންޑްރިއުސް ގެންގުޅޭ ލެޕްޓޮޕާއި، އޭގެ ކޭބަލްތައް އޭނާ ލައިގެން ހުރި ޖަމްޕްސުއިޓުން ތެރެއިން ބަނޑު މައްޗަށް ވާ ގޮތަށް ވަނީ އޮޅާފައެވެ. އެއާއެކު އޭނާ ބަނޑުބޮޑު ކަމަށް ދައްކަން ފަސޭހަވެގެން ދިޔައެވެ.

ލެޕްޓޮޕްގެ ކޭސް އެންޑްރިއުސް ލާފައިވަނީ ހެދުމުގެ ފަހަތަށެވެ. ޖަމްޕް ސުއިޓާއި، އޭގެ މައްޗަށް ޖެކެޓެއް ލައިގެން ވަރަށް ރަނގަޅަށް ޕްލޭން އާ އެއްގޮތަށް އެންޑްރިއުސް ބޯޑިން އަށް ދިޔަ ގަޑީގައި، އަމާޒު ހާސިލްނުވެ، ނާކާމިޔާބުވީ، އެންޑްރިއުސް އަތުން އޭނާގެ ޓިކެޓު ބިން މައްޗަށް ވެއްޓުމުންނެވެ. ޓިކެޓް ނަގަން އޭނާ ގުދުވި ގަޑީގައި، ބޭއިޙްތިޔާރުގައި އެންޑްރިއުސް އަށް ހަޅޭއްވެސް ލެވުނެވެ.

އެއާއެކު، ބޯޑިން ސަރަޙައްދުގައި ތިބި ފަސިންޖަރުންނާއި، ފްލައިޓް އޮފިޝަލުންގެ ސަމާލުކަން އޭނާ އަށް ހުއްޓިގެން ދިޔައެވެ. އެންޑްރިއުސް ލައިގެން ހުރި ހެދުމުގެ ފަހަތުން ލެޕްޓޮޕްގެ ކޭސިންގ ފްލައިޓް އޮފިޝަލަކަށް ފާހަގަވުމުން، އިތުރަށް ބެލިބެލުމުން އެންޑްރިއުސްގެ "ޗައްކަރު" އޮފިޝަލުންނަށް އެނގިގެން ދިޔައެވެ. ލެޕްޓޮޕާއި ބެހޭގޮތުން އޮފިޝަލުން އޭނާއާ ސުވާލުކުރަން ފެށުމުންވެސް އެންޑްރިއުސް ވަނީ 500 ރުފިޔާ ނުދައްކައި ފުރޭނެ ގޮތެއްވާނެތޯ އެމީހުން ކައިރިން އޮޅުންފިލުވާފައެވެ. ނަމަވެސް އެންމެ ފަހުން އޭނާ ޖެހުނީ އެ ފައިސާ ދައްކާށެވެ.

އެންޑްރިއުސް އޭނާގެ އިންސްޓަގްރާމް ވީޑިއޯ އާ ގުޅޭގޮތުން ފޮލޯވަރުންނަށް ޚާއްސަ މެސެޖެއް ދީފައިވެއެވެ. "އަހަރެން މި ކިޔާދިން ގޮތަށް ކަންތައް ކޮށް، ހައްޔަރު ވެއްޖެއްޔާ، މި ވީޑިއޯ އަކީ ހެއްދެވި ވީޑިއޯ އެއްވެސް ނޫން. ދަޢުވާ ނުކުރާތި އަހަރެންގެ މައްޗަށް" އެންޑްރިއުސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު