އެމެރިކާގެ ޕެންސިލްވޭނިއާގެ މަގުމަތީގައި ކުއްލިއަކަށް ހެދުނު ވަޅުގަނޑަކަށް ބަހެއް ވެއްޓިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާ ހިނގީ އިއްޔެ ހެނދުނު އެވެ. މަގުމަތީގައި ހެދުނު ވަޅުގަނޑަށް ބަސް ވެއްޓުނުއިރު ބަހުގައި ޑްރައިވަރުގެ އިތުރުން ފަސެންޖަރަކު ވެސް އިނެވެ. އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކުދިކުދި އަނިޔާތަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ.

ހާދިސާ ހިނގީ ބަހުގައި ތިބި ގިނަ އަދަދެއްގެ ފަސެންޖަރުން ބަހުން ފޭބިތާ އިރުކޮޅެއް ފަހުންނެވެ. ހާދިސާ ހިނގިއިރު ބަހުގައި ގިނަ ބަޔަކު ތިބި ނަމަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕެންސިލްވޭނިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކުއްލިއަކަށް މަގުމަތީގައި ވަޅުގަނޑެއް ހެދުނު ސަބަބެއް އަދި ނޭނގެއެވެ. ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހްޤީޤު ކުރަމުން ގެންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ވަޅުގަނޑުގެ ތެރެއަށް ވެއްޓުނު ބަސް ކްރޭނެއްގެ އެހީގައި މިހާރު ވަނީ ނަގާފައެވެ.

މަގުމަތީގައި ހެދުނު ވަޅުގަނޑު ބެއްދުމަށް ފަހު މިހާރު އެސަރަހައްދުގައި ވަނީ ތާރު އަޅާފައެވެ.

މަގުމަތީގައި ކުއްލިއަކަށް ވަޅުގަނޑުތައް ހެދި ބައެއް ވެހިކަލްތައް ވަޅުގަނޑުތަކުގެ ތެރެއަށް ވެއްޓުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ. މިފަދަ ހާދިސާ އެއް މިދިޔަ އަހަރު ޖަޕާންގައި ހިނގުމުން އެހާދިސާ އަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު