ދަތް އުނގުޅަން ޚާއްސަ ބުރުހެއް އުފައްްދާ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

އޯރަލްބީ އަކީ ދަތް އުނގުޅުމަށް ބޭނުންވާ އެކި ކަހަލަ ޕްރޮޑަކްޓުތައް އުފައްދާ ކުންފުންޏެކެވެ. އެމީހުންގެ ސްމާޓް ބުރުސް ލައިން "ޖިނިއަސް" ލައިންގެ އާ މޮޑެލް، އޯރަލްބީ ޖިނިއަސް އެކްސް މިހާރު ވަނީ ލޯންޗުކޮށްފަ އެވެ.

މި ބުރުސް ބޭނުންކުރުމަށް ޖެހެނީ ފޯނަށް ހާއްސަ އެޕެއް އަޅާށެވެ. މި ދަތް އުނގުޅާ ބުރުހާއި ފޯނު ކަނެކްޓުކޮށްދޭނީ ބްލޫޓޫތު މެދުވެރިކޮށެވެ. ދަތް އުނގުޅާ މި ބުރުސް ތައްޔާރުކޮށްފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ފީޗާއަކާ ވެސް އެކު އެވެ. މިބުރުހުގެ އަގަކީ 220 ޑޮލަރެވެ.

އެގޮތުން މިބުރުހުގައި ހާއްސަ ފީޗާތަކެއް ވެއެވެ. އެގޮތުން ދަތް އުނގުޅަން އެމީހަކު ހޭދަކުރާ ވަގުތު އެޕުން ދައްކައިދޭއިރު، ދަތް ރަނގަޅަށް އުނގުޅުމަށް ބޭނުންވާ އިރުޝާދުވެސް ދީ، މީގައި ހަރުކޮށްފައިވާ ސެންސާއިން އުނގުޅަންވާ ވަރަށް ވުރެ ބާރަށް އުނގުޅަންޏާ އަންގާ ދޭނެ އެވެ. އަދި މާ ގިނައިރު އެއް ތަނެއް އުނގުޅަންޏާ ވެސް އަންގައިދިނުމުގެ އިތުރުން ދަތް އުނގުޅާ ނިމުމުން އާޓިފިޝަލް އިންޓެލިޖެންސް ފީޗާގެ އެހީގައި މީހާގެ ހާލަތު ބުނެދޭނެ އެވެ.

ބުލޫޓޫތާއި ކަނެކްޓުކޮށްގެން ބޭނުންކުރާ ދަތް އުނގުޅާ ބުރުހެއް އޯރަލްބީން އެންމެ ފުރަތަމަ ތައްޔާރުކުރީ 2014 ވަނަ އަހަރު އެވެ. "ޖިނިއަސް" ލައިންގެ ފުރަތަމަ ދަތް އުނގުޅާ ބުރުސް ނެރުނީ 2016 ވަނަ އަހަރު އެވެ.

އޯރަލްބީގެ އިތުރުން އެހެން ބްރޭންޑުތައް ކަމަށްވާ ފިލިޕްސް ސޮނީކެއާ އާއި ކޯލްގެޓާއެކު ޕާޓްނާޝިޕް އޮންނަ ކޮލިބްރީން ވެސް ސްމާޓް ދަތް އުނގުޅާ ބުރުސް ވިއްކަ އެވެ. ފިލިޕްސް ސޮނީކެއާގެ ބުރުހެއް 149.99 ޑޮލަރަށް ލިބޭއިރު، ކޮލިބްރީގެ ބުރުހެއް ލިބެނީ 99.95 ޑޮލަރަށެވެ.