ޅަ އުމުރުގައި އާދަޔާ ހިލާފަށް ފަލަވާ ކުދިންނާއި ޒުވާނުން ވަރަށް ގިނައެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި މިކަން މިހެން ވަނީ ކާއެއްޗެހީގެ ސަބަބުންނެވެ. އެހެންނަމަވެސް، ނޭނގޭ އެއްކަމަކީ އުޅޭ މާހައުލުންވެސް މިހެން ވާން ދިމާވާކަމެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަންސް އިން މިކަމާ ބެހޭގޮތުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނު ސައި ނުބޮއި އަދި ރޭގަނޑު ރަނގަޅަށް ނުނިދާ ކުދިންނާއި ޒުވާނުން އާދަޔާ ހިލާފަށް ފަލަވެއެވެ. ސަބަބަކީ ހެނދުނުގެ ސައި ނުބުއިމުން ބަނޑުހައިވާގޮތް އަވަސްވެ، މެންދުރާއި ހަވީރު ކޮންމެވެސް އެއްޗެއް ކައިގެން ނިދާތީއެވެ. މީގެ ނަތީޖާއަކަށް ވަނީ އާދަޔާ ހިލާފަށް ފަލަވުމެވެ. މީގެ ކުރިން ސައިންސްވެރިން ކޮށްފައިވާ ދިރާސާތަކުން ދައްކަނީ ކައިގެން ނިދާ ކަމުގައި ވަނީ ނަމަ ފަލަވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހަމަ އެހެންމެ، ހަމަ ނިދި ނުލިބޭ ކަމުގައި ވަނީނަމަވެސް، މިހެން ވުމުގެ ފުރުސަތު ބޮޑެވެ.

ހައްދެއްނެތި ކެއުމާއި މާގިނައިން ޓީވީ ބެލުމަކީވެސް އާދަޔާ ހިލާފަށް ފަލަވާން ދިމާވާ ސަބަބެއް ކަމުގައި ވާއިރު، ކުޑަ އިރު އާދަޔާ ހިލާފަށް ފަލަވުމަކީ އޭގެ ސަބަބުން ދަރިފުޅުގެ މުސްތަގުބަލަށް އޭގެ ނޭދެވޭ އަސަރު ކުރާކަމެކެވެ. ކުޑަކުދިންނަކީ އަމިއްލަ އަށް ކާން ފުރުސަތު ދިނުމަކީ ވެސް ނުރައްކަލެއް ކަމަށް ދިރާސާ ރިޕޯޓް ބުނެއެވެ. އެކުދިންނަށް ކާންދީ، ނިންދަވައިދެނީ އެކުދިންގެ މައިންބަފައިންނެވެ.

ވަކި ހައްދެއްނެތި ފަލަވުމަކީ އޭގެ ސަބަބުން ހަކުރު ބައްޔާއި ހިތުގެ ބަލި އަދި ކެންސަރުފަދަ ނުއްކާތެރި ބަލިތައްވެސް ޖެހުމަށް މަގުފަހިވާ ކަމަކަށް ވާއިރު، މިކަމާއި މެދު މައިންބަފައިން ތަންކޮޅެއް ފުންކޮށް ވިސްނާލުން ބުއްދިވެރިއެވެ.