އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އަދި އެމެރިކާގެ މަޝްހޫރު އެކްޓަރު މެގަން މާކެލްގެ ކައިވެނީގެ ދައުވަތު އެއްވެސް ސިޔާސި ލީޑަރަކަށް ނުދިނުމަށް ނިންމައިފިއެވެ.

އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކުރީގެ ރައީސް ބަރަކް އޮބާމާ އަދި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ އަދި އެގައުމުގެ ލޭބާރ ޕާޓީގެ އިސް ލީޑަރު ޖެރެމީ ކޯބިންއަށްވެސް ދައުވަތު ނުދިނުމަށް ވަނީ ނިންމައިފައެވެ. އެ ނިންމުން އެގޮތަށް ނިންމާފައިވަނީ ކައިވެނިކުރުމަށް ހަމަޖެހިފައިވާ ޗާރޗްގެ ޖާގަކުޑަވުމުގެ ސަބަބުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

1200 މީހުން އެ ކައިވެންޏަށް ހާޒިރުވާނޭކަމަށް ބެލެވިފައިވާއިރު އިނގިރޭސިވިލާތުގެ މެންޗެސްޓާރގައި މިދިޔަ އަހަރު ދިން ޓެރަރިސްޓު ހަމަލާގައި ޒަހަމްވި 12 އަހަރުގެ ކުޑަ އަންހެންކުއްޖަކު ވެސް ހާޒިރުވާނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޝާހީ ކައިވެންޏަށް ގާތް އެކުވެރިންނާއި އާއިލީ މީހުންނަށް އެކަނި ދައުވަތުދިނުމަށް ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ސަރުކާރާއި މަޝްވަރާކުރުމަށްފަހުކަމަށް ކެންސިންގްޓަން ޕެލަސްއިން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް މީގެ ކުރިން ކުރެވުނު ޝާހީ ކައިވެނިތަކަށް ސިޔާސީ އިސް ލީޑަރުން ހާޒިރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން 2011 ވަނަ އަހަރު ބޭއްވުނު ޑޫކް އެންޑް ޑަޗެސް އޮފް ކެމްބްރިޖްގެ ކައިވެންޏަށް އިނގިރޭސިވިލާތުގެ އޭރުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރޮން އަދި އޮސްޓްރޭލިއާ އަދި ނިއު ޒީލޭންޑްގެ ބޮޑު ވަޒީރުންވެސް ވަނީ ހާޒިރުވެފައެވެ. އެހެންނަމަވެސް ޕްރިންސް ހެރީގެ ކައިވެންޏަކީ ވަރަށް ތަފާތުވާނޭ ކައިވެންޏެއްކަމުގައި ވަނީ ބެލެވިފައެވެ. އެގޮތުން ކައިވެނީގެ ހަފްލާ އޮންނަ ދުވަހު އާންމުންގެ ތެރެއިން އެތައް ބަޔަކަށް ވަނީ ގަނޑުވަރުގެ ތެރެއަށް ވަނުމުގެ ދައުވަތުދެވިފައެވެ.