ދެމަފިރިއަކު އެމީހުންގެ ދެ ދަރިންގެ ކަރު ބުރިކޮށްލުމަށްފަހު އިމާރާތެއްގެ 8 ވަނަ ފަންގިފިލާއިން ފުންމާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ދިއްލީ ކައިރީގައި އޮންނަ ސިޓީއެއް ކަމަށްވާ ޣަޒިއަބަދްގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެދަމަފިރިންނާއި އެކު އިތުރު މީހަކުވެސް ވަނީ އެ އިމާރާތުން ފުންމާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެ ފިރިންހެން މީހާގެ ވިޔަފާރީގެ އެހީތެރިއެކެވެ. އެދެމަފިރިން މަރުވެފައިވާއިރު އެ އަންހެން މީހާ އަށް ލިބުނު ސީރިއަސް އަނިޔާތަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެމީހުން އަމިއްލަޔަށް މަރުވެފައިވަނީ މާލީ ނުތަނަވަސް ކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން މަރުވުމުގެ ކުރިން ކަރުދާސްކޮޅެއްގައި ވާހަކައެއްވެސް ލިޔެފެއިވާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. ފުލުުން ބުނެފައިވަނީ އެ ކަރުދާސް ކޮޅާއި އެކީ ފައިސާ ފެނިފައިވާ ކަމަށެވެ. އަދި އެލާރިއަކީ އެމީހުންގެ ޖަނާޒާގެ ކަންތަކުގައި ބޭނުން ކުރަން ދޫކޮށްފައިވާ ފައިސާ ކަމަށެވެ. މީގެ އިތުރުން ފުލުހުން އެމީހުން ދޫކޮށްލާފައިދިޔަ ގަނޑުކޮޅުގައި ލިޔެފައިވާ އެއްޗެށް މީޑިއާތަކަށް ހިއްސާއެއް ނުކުރެއެވެ.

ފުލުހުން ބުނެފައިވަނީ މި ދެމަފިރިން އެމީހުންގެ ދެ ދަރިންގެ ކަރު ބުރި ކުރުމުގެ ކުރިން ވަނީ ހޫނު ފެނަށް އަޅާފައި ކަމަށެވެ. އެމީހުންގެ އަންހެން ދަރިފުޅަކީ 11 އަހަރުގެ ކުއްޖެކެވެ. އަދި ފިރިހެން ކުއްޖާއަކީ 13 އަހަރުގެ ކުއްޖެކެވެ.

މި ދެމަފިރިން ފެނިފައިވަނީ އެ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ މީހާއަށެވެ. އަދި ވަގުތުން ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެ ހިސާބުގައި ދިރިއުޅެމުން އަންނަ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމީހުން އެތަނަށް ބަދަލުވެފައިވާތާ މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ.