ބޮޑުތަކުރުފާނު މަގު ދުވާ ޓްރެކާ ދިމާލު ފަޅުތެރޭގައި ތޮށިގަނޑާ ކައިރިކޮށްފައި އޮތް ލޯންޗަކާއި އެސަރަހައްދުގައި އޮތް ޓެކްސީއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއަށް ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އިން މި އޮޕަރޭޝަން ހިންގާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއްގެ އިތުރުން 51 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މިމީހުންގެ ތެރެއިން 51 އަހަރުގެ މީހާއަކީ ބަނގްލަދޭޝް ފިރިހެނެކެވެ. ދެން ތިބި ހަތަރު މީހުންނަކީ ދިވެހިންނެވެ.

ފުލުހުން ބުނި ގޮތުގައި ލޯންޗް ބަލައި ފާސް ކުރި އިރު،މ ބަނގުރާ ފުޅިތަކެއް ހުރި 12 ފޮށިގަނޑު ފެނިފައިވެއެވެ. އަދި ޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި ތިން ފޮށި ގަނޑު ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިިރުކުރުމުން އެކަކުގެ ބަންދަށް 15 ދުވަސް ދީފައިވާއިރު، ދެމީހަކަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އަނެއް ދެމީހުންނަށްވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.