މިހާރު އެކްޓަރ ކަރަން ސިންގ ގްރޯވާއާ ކައިވެނިކޮށްގެން އުޅޭ އިންޑިއާގެ ފިލްމީ ބަތަލާ ބިޕާޝާ ބާސޫ، އޭނާގެ ކުރީގެ ލޯބިވެރިޔާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައި އިންސްޓަގްރާމް ކުރި ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން މި ވަނީ ލިބިފައެވެ.

ބިޕާޝާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ޑިނޯ މޮރެއާއެކު ނަގާފައިވާ ފޮޓޯއަކާއެކު އުފަންދުވަހުގެ ތަހުނިޔާ ކިޔުނުއިރު، އޭނާވަނީ ހާއްސަ މެސެޖެއްވެސް ދީފައެވެ.

"އުފާވެރި އުފަންދުވަހަކަށް އެދެން. އަބަދުވެސް އުފާވެރި ބާއްޖާވެރި ދިރިއުޅުމަކަށް އެދެން"

ބިޕާޝާ އާއި ޑިނޯ އާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން ވަރަށް ދުވަސް ވަންދެން އުޅުނެވެ. މި ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ ބިޕާޝާ ފިލްމީ ދާއިރާއަށް ނުކުތް ތަނާހެންނެވެ. ދެތަރިން އެކުގައި ފިލްމްތައް ކުޅުނުއިރު، އެ ފިލްމްތައް ބޮކްސް އޮފީހުގައިވެސް ވަރަށް ހިނގިއެވެ.

މި ދެ ލޯބިވެރިންގެ ގުޅުން ކެނޑުނު ނަމަވެސް، ދެ މީހުންގެ ގުޅުން ކެނޑިފައެއް ނުވެއެވެ. އެގޮތުން ޑިނޯ ބިޕާޝާ އާއި ކަރަންގެ ކައިވެނީގެ ހަފްލާއަށްވެސް ދިޔަ ކަމަށް ވެއެވެ. އަދި ޑިނޯ އާއި ކަރަންއާވެސް ގާތް ކަމަށް ވެއެވެ.

ކަރަން އާއި ބިޕާޝާ އާ ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަން މީސް މީޑިއާއިން ހާމަ ވެއެވެ.