ކައުބޮއި ތޮފި އަޅައިގެން ތިބި ކޮތަރުތަކެއް އެމެރިކާގެ ލަސްވެގަސް އިން ފެނިއްޖެއެވެ.

ލަސްވެގަސް އިން ފެނިފައިވާ އެ ދެކޮތަރުތަކުގެ ވީޑިއޯއެއް އާއްމުންގެ ބަޔަކު ވަނީ މީސްމީޑިއާގައި އާއްމު ކޮށްފައެވެ. ގިނަ ބަޔަކަށް މި ވީޑިއޯ ފެނުމުންވަނީ ހައިރާންކަމެއްގެ ތެރޭގައެވެ. އަދި ބައެއް ފަރާތްތަކަށް އެކަން ވެފައިވަނީ މަޖާ ކަމަކަށެވެ.

ބައެއް ފަރާތްތަކުން ވަނީ އެކޮތަރުތައް ތޮފި އަޅައިގެން ތިބުމުން ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެގޮތަށް އެ ޖަނަވާރުތަކަށް ހެދުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މި ކޮތަރުތައް ފެނިފައިވަނީ ލަސްވެގަސްގެ މެކަރެން އެއާޕޯޓާއި ނެވޭޑާގެ ޔުނިވާސިޓީއެއް ކައިރިންނެވެ.

ޖަނަވާރުތައް ބަލަހައްޓަމުން އަން ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ މާރިއާ ހިލްމަން ބުނެފައިވަނީ އެ ކޮތަރުތަކުގެ ބޮލުގައި ތޮފި ވަނީ ކޮންމެވެސް ކަހަލަ ތެރަހެއް ބޭނުން ކޮށްގެން ކަމަށެވެ. އަދި އެގޮތަށްވުމުން ކޮތަރުތަކުގެ ފިޔަވެސް ނައްޓަައިގެން ގޮސްފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން އޭނާ ވަނީ ކުއްވެރިކޮށްފައެވެ.

މި ދެކޮޔަރުގެ ވީޑިއޯ ޓްވިޓާގައި އާއްމު ކުރުމުން 2 މިލިއަނަށްވުރެ ގިނަ ފަރާތްތަކުންވަނީ ބަލާފައެވެ. ބައެއް ފަރާތްތަކުންވަނީ އެއަށް ނަންވެސް ދީފައެވެ. އެގޮތުން ދީފައިވާ ނަމަކީ ކްލަކް ނޮރިސް އާއި ކޫ ލަމިޓީ ޖޭންއެވެ.

ކްލަކް ނޮރިސް ވަކިވެގެންދަނީ އޭގަ އަޅުވާފައިވާ ރަތް ކުލައިގެ ތޮފިންނެވެ. އަދި ޖޭން ވަކި ވަނީ ފިޔާތޮށި ކުލައިގެ ތޮފިންނެވެ.