މީގެ މަހެއްހާ ދުވަސް ކުރިން ނެވާޑާގެ ސިޓީއެއް ކަމަށްވާ ލަސްވެގަސް އިން، ތޮފި އަޅައިގެން ތިއްބާ ފެނުނު 3 ކޮތަރުގެ ތެރެއިން އެއް ކޮތަރު މަރުވެއްޖެ ކަމަށް އެގައުމުގެ ޖަނަވާރުންނާއި ބެހޭ އިދާރާއިން ބުނެފިއެވެ.

އެއިދާރާއިން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ އެކޮތަރުތަކުގެ ތެރެއިން މަރުވެފައިވަނީ އަންހެން ކޮތަރު ކަމަށާއި މަރުވުމުގެ ކުރިން އޭގެ ހާލު ވަރަށް ދެރަކަމަށެވެ. އޭނާ ބުނެފައި ވަނީ، ފަށެއް ޖަހާފައިވުމުގެ ސަބަބުން އެ ކޮތަރަށް ކޮޅަށްވެސް ނުހުރެވޭ ކަމަށެވެ. އެފަރާތުން ބުނެފައިވަނީ ކޮތަރު މަރުވެފައިވަނީ ސީދާ ތޮފީގެ ސަބަބުން ކަމަށް ބުނެދޭކަށް ނޭނގޭ ކަމަށާއި އެކަމާއިވެސް ގުޅުން ހުރެދާނެ ކަމަށެވެ.

ރަތް ކުލައިގެ ތޮފި އަޅައިގެން ތިއްބާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެނިފައިވަނީ 3 ކޮތަރެވެ. ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ އެކަން ކޮށްފައިވާ ފަރާތްތަކުން އެކަން އެކަން ކޮށްފައިވަނީ ތެރަސް ބޭނުން ކޮށްގެން ކަމަށާއި އެކަމުގެ ސަބަބުން އެ ކޮތަރުތަކަށް ވަރަށްވެސް އުނދަގޫ ތަކެއް ދިމާވެފައިވާ ކަަމަށެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ ކޮތަރަކީ ވަރަށް ނާޒުކު ދޫންޏަކަށް ވުމުން އެ ތޮފި ނައްޓަން ޖެހިފައިވަނީ އެ ކޮތަރުގެ ފިޔަތައް ކޮށައިގެން ކަމަށެވެ.

މިދިޔަ މަހު ތޮފި އަޅައިގެން ތިބި ކޮތަރު ފެނިފައިވަނީ ލަސްވެގަސްގެ މެކަރެން އެއާޕޯޓާއި ނެވޭޑާގެ ޔުނިވާސިޓީއެއް ކައިރިންނެވެ. ކޮތަރު ތަކުގެ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައިވާއިރު އަދިވެސް އެކަން ކޮށްފައިވަނީ ކޮންބައެއް ކަމެއް އެއްވެސް ފަރާތަކަށް ސާފުވެފައެއް ނުވެއެވެ.

ވީޑިއޯ އާންމުވި ހިސާބުން ބައެއް ފަރާތްތަކުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އަނެއްބަޔަކަށް އެކަން ވެފައިވަނީ މަޖާ ކަމަކަށެވެ.