ޕިއްޒާ އަކީ އިޓަލީ މީހުންގެ ފަޙުރޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން އެންމެން ކަހަލަ ގޮތަކަށް ޕިއްޒާ ކެއުމަށް ލޯބި ކުރި ނަމަވެސް، ދާދި ފަހުން ކިވީ ޕިއްޒާ އުފެއްދި މީހާ އަށް އިޓަލީ އިން މިވަނީ މަރުގެ އިންޒާރެއް އައިސްފައެވެ.

ސްވިޑެން އަށް ނިސްބަތްވާ ސްޓެލަން ޖޮހަންސަން އަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. މިހެން އުޅެނިކޮށް އޭނާގެ ބޭބެ އެއް ވަނީ ހަދިޔާ އެއްގެ ގޮތުން ސްޓެލަން އަށް 10 ކިލޯގެ ކިވީ ބަސްތާއެއް ދީފައެވެ. އެ ކިވީތައް ގިނަކަމުން އެކި ގޮތްގޮތަށް ސްޓެލަން ކިވީގެ ކެއުންތައް ތައްޔާރުކުރަމުން ވަކި ހިސާބަކުން އޭނާ ވަނީ ކިވީ މަތިން ފޫހިވާން ފަށާފައެވެ.

ނަމަވެސް، އަތުގައި އަދިވެސް ގިނަ އަދަދަކަށް ކިވީ ބާކީވެފައި ހުރުމުން ސްޓެލަން ގަސްތުކުރީ ކިވީ ޕިއްޒާ އެއްގެ އަޖުމަ ބަލައިލުމަށެވެ. މިގޮތުން އޭނާ ވަނީ ގެ ކައިރީ ހުންނަ ޕިއްޒާ ހަދާތަނާއި ކިވީތައް ހަވާލުކުރުމަށް ފަހުގައި އޭނާ ބޭނުންވިގޮތަށް ކިވީ ޕިއްޒާ ތައްޔާރުކޮށްދޭން އެދިފައެވެ.

ސްޓެލަން އަށް އެ ޕިއްޒާ ވަރަށް ކަމުދިޔައިރު، ޕިއްޒާ ވިއްކާ ތަނުންވެސް އެ ޕިއްޒާ އަށް ބޮޑު ޑިމާންޑެއް ލިބެން ފެށިއެވެ. އަދި ސްޓެލަން އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

މިއާއިއެކު އިޓަލީ އަށް ނިސްބަތްވާ މީހުން ވަރަށް ރުޅިގަދަވެގެން ސްޓެލަން އަށް ވަނީ އެތައް ފަހަރެއްގެ މަތިން މަރުގެ އިންޒާރުވެސް ދީފައެވެ. އެމީހުން ވަނީ ޕިއްޒާ އެއް ތެރެއަށް ކިވީ އަޅާނީ ކޮން ކަހަލަ މޮޔައެއްތޯ ސުވާލުކޮށް ސްޓެލަން އިޓަލީ އަށް ނިސްބަތްވާ ޕިއްޒާގެ ހުރުމަތް ކަނޑާލައިފި ކަމަށެވެ.

ސްޓެލަން އަށް މަރުގެ އިންޒާރުތައް ލިބުނު ނަމަވެސް މިހައިތަނަށް އޭނާ އަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ގިނަ ބަޔަކަށް ކިވީ ޕިއްޒާ ކަމުގޮސްފައިވުމުން ދެން ކިވީ ޕިއްޒާ އުފެއްދުން ނުހުއްޓުވޭނޭކަމަށް ގިނަ ބަޔަކު ދެކެއެވެ.