ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރަކީ ފިލްމީ ދާއިރާގައި ކުޅަދާނަ އެކްޓަރެއް ފަދައިން މީހުންގެ ހިތްތައް ދަމައިގަތުމުގައި ވެސް ދެވަނައެއް ނެތް މީހެކެވެ. ފިލްމީ ހަޔާތަށް އޭނާ އަލަށް ވަތް ދުވަހުން ފެށިގެން އެތައް ބަޔަކާއި ލޯބީގެ ގޮތުން ގުޅިގެން އޭނާ އުޅެފައި ވެއެވެ. އެހެންކަމުން ރަންބީރަކީ ބޮލީވުޑްގެ ބައެއް އެހެން ތަރިންނާއި ތަފާތު މީހެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި، އާލިއާ ބަޓް އާއި މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އުމުރުން 37 އަހަރުގެ ރަންބީރު ވަނީ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި އޭނާ ކުޑައިރު ހިނގައިދިޔަ ކަމެއްގެ ވާހަކަ ހިއްސާކޮށްފައެވެ. މި ވާހަކަ މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވާއިރު ރަންބީރު ބުނީ އެކަން ހިނގާފައިވަނީ އޭނާގެ އުމުރުން އެންމެ 8 އަހަރުގައި ކަމަށެވެ.

"އެދުވަހު އިނގިރޭސި ޓީޗަރު ކްލާހަށް އައިސް ގޮނޑީގައި އިށީން އިރު އަހަރެން އޮތީ މޭޗު ދަށަށް ވަދެ. ސްކާޓެއް ލައިގެން ސްކޫލަށް އަންނާނީ އެ ޓީޗަރު އެކަނި. އަހަރެން މޭޒުދަށަށް ވަނީ ޓީޗަރުގެ ފައި ބަލަން. އެހެން އޮއްވައި ޓީޗަރަށް އަހަރެން އެތަނުގައި އޮތްކަން އެނގިގެން ނެރެ ކްލާހުންވެސް ބޭރުކޮށްލި. އެއަށްފަހު އަހަރެންގެ މަންމަ އާއި ވެސް ބައްދަލުކުރި،" ރަންބީރު ބުންޏެވެ.

ރަންބީރު ބުނިގޮތުގައި އެދުވަހު ކަންހިނގައި ދިޔަގޮތް އޭނާވެސް ހުއްޓައި ޓީޗަރު ވަނީ އޭނާގެ މަންމައަށް ކިޔައިދީފައެވެ. އެކަމާއި މަންމަ ހުރީ ބުނާނެ އެއްޗެސްވެސް ނޭނގި ވަރަށް ލަދުން ކަމަށް ރަންބީރު ބުންޏެވެ. އެ ދުވަހަކީ ދުވަހަކުވެސް ހިތުން ފިލައި ނުދާނެ ދުވަހެއް ކަމަށް އޭނާ ބުންޏެވެ.

ރަންބީރު ބުނިގޮތުގައި ކްލާސްތެރޭގައި ސަކަރާތްޖަހާތީ ވަރަށް ގިނަ ދުވަހު އެ ޓީޗަރު އޭނާއަށް އަދަބުދޭ ކަމަށެވެ. ނަމަވެސް އެ އަދަބުތަކުން ޓީޗަރު ދެކެވާ ލޯތްބައް އެއްވެސް ބަދަލެއް ނާންނަ ކަމަށް ރަންބީރު ބުނެފައި ވެއެވެ.

ރަންބީރު ކުޑައިރު ތައުލީމް ހާސިލްކޮށްފައި ވަނީ މުމްބާއީގެ ކޭމްޕިއަން ސްކޫލުންނެވެ. އެ ސްކޫލުގައި ކިޔެވިއިރު ވެސް ރަންބީރު ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެއަށްފަހު ސްކޫލް ދައުރު ނިންމާލުމަށްފަހު އެމެރިކާއިން ޑިގްރީވެސް އޭނާ ހާސިލްކޮށްފައި ވެއެވެ.

މީގެ ކުރިން ކެޓްރީނާ ކައިފް އާއި ދީޕިކާ ޕަދުކޯން އާއި މަހީރާ ޚާން ފަދަ މަޝްހޫރު އެތައް ތަރިންނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރަންބީރު މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓް އާއިއެކު އުޅޭތާ ދެ އަހަރު ވެއްޖެއެވެ. މި ދެތަރިން މިއަހަރުގެ ފަހުކޮޅު ކައިވެނިކުރަން އުޅޭކަމުގެ އަޑުތައްވެސް އަންނަނީ ފެތުރެމުންނެވެ.