ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުމުން އިންސާނާގެ ފުއްޕާމެއަށް ގެއްލުންދީ، ހަލާކުކޮށްލާ މިންވަރު ހާމަވާ ފޮޓޯތަކެއް، ފުރަތަމަ ފަހަރަށް ވާޗުއަލް ރިއަލިޓީ (ވީއާރް) ގެ އެހީގައި ނަގައިފިއެވެ.

އެމެރިކާގެ ޖޯޖް ވޮޝިންޓަން ޔުނިވާސިޓީ ހޮސްޕިޓަލުގެ ތަޖުރިބާކާރުން ނަގާފައިވާ މި ފޮޓޯތައް މިހާރު އާންމުކޮށްފައި ވާއިރު، މި ފޮޓޯތަކުން ފެންނަނީ ކޮވިޑް-19 ޖެހިގެން އެ ޔުނިވާސިޓީ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ފަރުވާދެމުންދިޔަ މީހާގެ ފުއްޕާމެއެވެ. މިދިޔަ މާރިޗު މަހު އެ ޔުނިވާސިޓީއަށް ގެންދިޔަ އުމުރުން 50 އަހަރުގެ އެ މީހާގެ ފުއްޕާމޭގެ ފޮޓޯތަކުން ވައިރަސްގެ އަސަރު ފުއްޕާމެޔަށް ކޮށްފައިވާ މިންވަރު ފެންނައިރު، ބައެއް ބައިތައް ހަލާކުވެފައި ހުންނަ މަންޒަރު ވެސް ފެނެއެވެ.

މިކަމާއި ގުޅޭގޮތުން ޔުނިވާސިޓީގެ ޑޮކްޓަރެއް ކަމަށްވާ، ޑރ. ކެއިތް މޯޓްމަން ބުނެފައި ވަނީ، ކޮވިޑް-19 ޖެހުމުން ގެއްލުން ލިބެނީ ފުއްޕާމޭގައި ވައިރަސް އަށަގަންނަ ސަރަޙައްދަށް އެކަނި ނޫންކަމަށާއި، މުޅި ފުއްޕާމެޔަށް ވައިރަސް ފެތުރިގަނެ ގެއްލުންދޭ މިންވަރު މި ފޮޓޯތަކުން ހާމަވާ ކަމަށެވެ. މިފަދަ ނުރައްކަލެއްގެ ސަބަބުން ފުއްޕާމެޔަށް ލިބޭ ގެއްލުމާއެކު ބަލި މީހާއަށް ދިމާވާނީ ނިއުމޯނިއާ އާއި "ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޮމް" ޖެހުމުން ދިމާވާފަދަ ހާލަތެއް ކަމަށް ޑރ. ކެއިތް ބުނެފައި ވެއެވެ.

"ކޮވިޑް-19 ޖެހުމުން ދިމާވަނީ ނިއުމޯނިއާ އާއި ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޮމް ފަދަ ބަލިތައް ޖެހުމުން ކުރިމަތިވާފަދަ ކަންކަން. އެގޮތުން ނޭވާލާން އުނދަގޫވެ ހަށިގަނޑުގެ ބައިތަކަށް އޮކްސިޖެން ލިބުމަށް ހުރަސް އަޅާ. އެހެން ބަލިތަކާއި އަޅާބަލާއިރު، ކޮވިޑް-19 ގައި މި ހާލަތަށް ހީވެސްނުކުރާހައި އަވަހަށް ދޭ. އެއާއެކު މީހާ ބަލިކޮށް، ފުރާނައަށް ވެސް ނުރައްކާ ކުރޭ،" ޑރ. ކެއިތް ބުނެފައި ވެއެވެ.

ޑރ. ކެއިތް ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ވެންޓިލޭޓަރަށް ބަލި މީހާ ގުޅަން ޖެހެނީ ބަލީގެ ސަބަބުން ފުއްޕާމެއިން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖެން ފޯރުކޮށް ނުދެވުމުންނެވެ. އޭނާ ބުނާގޮތުން ކޮވިޑް-19 ގެ ސީރިއަސް ހާލަތްތަކުގައި ވެންޓިލޭޓަރަށް ނުގުޅާނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމު އިތުރަށް ދެރަކޮށްލާ، އެނޫންވެސް އިތުރު ސިއްޙީ ނުރައްކާތެރި ހާލަތްތައް ކުރިމަތި ކުރުވައެވެ.

ޑރ. ކެއިތް އިތުރަށް ބުނެފައިވަނީ، މި ވައިރަސް ޖެހުމުން ފުއްޕާމޭއަށް ލިބޭ ދާއިމީ ގެއްލުންވެސް ބޮޑު ކަމަށެވެ. ކޮވިޑް-19 ޖެހުމަށްފަހު ބަލިން ރަނގަޅުވީނަމަވެސް ނޭވާލާން ދަތިވެ ދާއިމީގޮތެއްގައި އެ އުނދަގޫތަކާއި ކުރިމަތިވުމުގެ ފުރުސަތު އޮންނަނީ މި ސަބަބަށްޓަކައި ކަމަށް އޭނާ ބުނެއެވެ.

"އާންމު ގޮތެއްގައި މި ބަލި ޖެހޭ މީހުންނަށް ފެންނަނީ ކުޑަ އަލާމާތްތައް. ނުވަތަ އެއްވެސް އަލާމާތެއް ނުފެނޭ. ނަމަވެސް ބަލީގެ ނުރައްކާ ބޮޑުވެ އޭގެ އަސަރު، މި ބަލި ޖެހޭ 20 އިންސައްތަ މީހުންނަށް ނުރައްކާވާ މިންވަރަށް ކުރުމުގެ ފުރުސަތު އޮވޭ. މި ފޮޓޯތަކުން ހާމަވަނީ ވައިރަސްގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ މީހެއްގެ ފުއްޕާމޭ. އެހެންކަމުން މި ބަލީގެ ސީރިއަސް މިންވަރު މި ފޮޓޯތަކުން އެބަ ފެނޭ" ޑރ. ކެއިތް ބުންޏެވެ.

ޑރ. ކެއިތްގެ ޓީމުން މިހާރު އާންމުކޮށްފައިވާ ވީއާރް ފޮޓޯތަކުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ފުއްޕާމެޔަށް ކުރާ އަސަރު ހާމަވާއިރު، މި ފޮޓޯތައް ނެގި ބަލި މީހާ މިހާރު ވަނީ ހާލު ދެރަވެގެން ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާދޭން ފަށާފައެވެ. އޭނާގެ ފުއްޕާމެޔަށް މި ވައިރަސްގެ އަސަރު ކޮށްފައިވާ މިންވަރުގެ ސަބަބުން ބަލީގެ ގިނަ އަލާމާތްތައް ފެންނަމުން ދިޔަ ކަމަށް އެ ޓީމުން ބުނެފައި ވެއެވެ.