"ފިރާޝާއާ އިންނަން ބުންޏަސް މިހުރީ އިންނަން ވެސް ތައްޔާރަށް." ރާއިދު އަތް ހިއްލައިލަމުން ފިރާޝާގެ އިނގިލިތަކުގައި ހިފައިލިއެވެ.

ފިރާޝާއަށް ކުރެވުނު ކަންތައް އިޙްސާސްވީއިރު އެ މޫނަށް ލަދުވެތިކަން ފޭދިގެން ހިނގައްޖެއެވެ.

"އެކަމަކު ނޫން." އޭނާ އަވަސްއަވަހަށް އަތް ދަމައިގަންނަމުން އިސްޖަހައިލިއެވެ.

"އެނގޭ އެކަން." ރާއިދު ހީނލިއެވެ. "ބުނޭ. ކޮންކަމެއްކޮށްދޭންވީ."

ފިރާޝާ އެދުނީ ރީޝާ މާލެ ފޮނުވައިދިނުމަށެވެ. ރީޝާ ކިޔަވާ ނިމެންދެން ރާއިދުގެ ރައްޓެއްސެއް ނޫނީ އާޢިލާ މީހެއްގެ ގާތުގައި ނަމަވެސް ބަހައްޓައިދިނުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ. އެފަދަ މީހެއް ނެތްނަމަ ދަރިން ނުލިބޭ މީހަކަށް ރީޝާ ހިބައިން ދޭން ވެސް ފިރާޝާ ހުރީ ތައްޔާރަށެވެ. ކޮންމެގޮތެއް ހަދައިގެން ނަމަވެސް ވީ އެންމެ އަވަހަކަށް ރީޝާ އެ ރަށުން ފޮނުވައިލަން ފިރާޝާ ނުހަނު ބޭނުންވެފައި އިންކަން ރާއިދަށް އިޙްސާސްކުރެވުނެވެ. އޭނާ ހައިރާނެއްނުވެއެވެ. އެއީ މަޔަކު ދަރިއަކަށް ޓަކައި ވާ ޤުރުބާނީއެކެވެ. އެހެނަސް ފިރާޝާއާ ވަކިން ދިރިއުޅެން ރީޝާގެ ހިތް އެދޭނެބާއެވެ؟ ދަރިފުޅާ ވަކިން ދިރިއުޅޭނެ ހިތްވަރު ފިރާޝާގެ ކިބައިގައި ހުންނާނެ ހެއްޔެވެ؟ ނިހާދު އެކަމާ ޤަބޫލުވެދާނެ ހެއްޔެވެ؟ އޭނާގެ ހިތުގައި އުފެދުނު އެ ސުވާލުތައް ދުލުކުރިއާ ހަމައަށް ނުގެނެސް ނީނދެވުނެވެ.

"ރީޝާ ބޭނުންވޭތޯ ނުވޭތޯ އެއްނޫން ބަލަންވީ." ފިރާޝާ ކުޑަކޮށް ނުރުހިފައި ބުންޏެވެ. "އެ މުހިންމުކަމެއް ނޫން. އެޔަށްވުރެ ދަރިފުޅުގެ ސަލާމަތް މަށަށް މާ މުހިންމު. ދަރިފުޅާ ދުރުގައި ހުރެގެން މިހިތުގައި އަޅާނެ ވޭނަށްވުރެން މި ގެއިން އޭނާއަށް ލިބޭ އަނިޔާ ފެނިފައި ހިތަށް ކުރާ އަސަރާއި ވޭން ބޮޑު. އެއީ އަދި ކުޑަކުޑަ ކުއްޖެއް. އެކުއްޖާގެ މުސްތަޤުބަލް ހަލާކުކޮށްލާކަށް ނެތިން. އެހާ އަމިއްލަ އެނދުން ބޮޑު މީހެއްނޫން މި. މީ މަންމައެއް. އަންހެނެއް. އަހަންނަށް ކެތްކުރެވޭނެ. އެކަމަކު މި ގޭތެރެއިން އެ ލިބޭ އަނިޔާތަކަށް ބަލަހައްޓައިގެން ދެއަތް އުރައިލައިގެން ހުންނާކަށް އަހަންނަކަށް ކެތެއް ނުވާނެ. އަހަރެންގެ ސަބަބުން ރީޝާއަށް އެލިބޭ އަނިޔާއިން ސަލާމަތްކުރަން އަހަރެން ބޭނުން. ދެން ނިހާދުގެ ވާހަކަ. އޭނާއަށް ރަނގަޅުވާނީ އެ މަންޖެ މިގެއިން ވެސް ނުފެނުނިއްޔާ. އެ ޖަނަވާރު ހިތުގައި ކުޑަވެސް ލޯތްބެއްނެތް. އެކަން އަހަންނަށް ކަށަވަރުވެއްޖެ. އެވަރު މީހެއް ރީޝާ ނެތިގެން އެއްޗެއް ވެސް ހިތަކަށް ނާރާނެ. ރާއިދު ނޫނީ ނެތް މަށަށް މިކަމުގައި އެހީވާނެ މީހެއް. މިކަންތައް ކޮށްދީ ހެޔޮނުވާނެ. އާދޭސްކޮށްފައި މި ބުނަނީ."

"ފިރާ ނުޖެހޭނެ އާދޭސްކުރާކަށް." ރާއިދު ޖަވާބުދިނެވެ. "ފިރާއަށް ތި ވާހަކަ ދެއްކުނީވެސް ވަރަށް ރަނގަޅު ދަނޑިވަޅެއްގައި. މިއަދު އެބައުޅޭ މާލޭ ބަޔަކު އައިސްގެން."

ފިރާޝާގެ ހަނދާނަށް އައީ އެ ގެއިން ފެނުނު އަންހެންމީހާއެވެ. އިތުރު ވިސްނުމަކަށް ނުގޮސް ފިރާޝާ ވަގުތުން އެއްބަސްވިއެވެ. އޭނާގެ ހިތުގެ ހަމަޖެހުމާއި ދެލޮލުގެ ނޫރު އެމީހާއާ ހަވާލުކުރުމަށް ނިންމީ ރީޝާގެ އިޒުނަވެސް ހޯދުމެއް ނެތިއެވެ. ނަމަވެސް މަންމައާއި ރާއިދުބެގެ ހުރިހާ ވާހަކައެއް ރީޝާ ހުރީ އަޑުއަހާށެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ރީޝާ ކޮޓަރިއަށް ވަންއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

ރީޝާ މާލެ ފުރުވާލުމުގެ ހުރިހާ ތައްޔާރީތަކެއް މަންމަ ކުރަމުންދިޔައިރު ވެސް އޭނާ ހުރީ ހިމޭނުންނެވެ. މަންމައާ ވަކިވާން ބޭނުން ނުވި ނަމަވެސް ދެކޮޅަށް އެންމެ ބަހެއްވެސް ނުބުނެއެވެ. ބައްޕަ އެކަމަށް ހުރަސް އަޅާނޭކަމަށް ރީޝާ ހީކުރީއެވެ. އޭނާދެކެ ލޯބި ނުވިޔަސް މަންމަ ގާތުގައި ބެހެއްޓުމަށް ބާރުއަޅާނެކަމަށް އުންމީދުކުރެވުނެވެ. މަންމަ ނިންމި ނިންމުމަށް ބައްޕަ މަރުޙަބާ ކިޔުމުން، އެ އުންމީދު ވެސް ފުނޑުފުނޑުވެގެން ދިޔައީއެވެ.

"މަންމާ. ކޮއްކޮ މާލެ ދާކަށް ބޭނުމެއްނޫން. މަންމަ ނުފެންނަންޏާ ކޮއްކޮ ވަރަށް ދެރަވާނެ." ރީޝާއަށް އެހެން ބުނާނެ ހިތްވަރު ލިބުނީ ފުރަން އޮތް ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

"ދަރިފުޅުގެ ސަލާމަތަށް މަންމަ ކުރާކަމެއްމީ. ދަރިފުޅުދެކެ ލޯބި ނުވާތީއެއްނޫން ފޮނުވައިލަން މިއުޅެނީ. އެކަން އެނގޭދޯ ދަރިފުޅަށް؟" ފިރާޝާ ވިސްނައިދޭ ކަހަލަ ރާގެއްގައި ބުނެލިއެވެ.

މަންމަގެ މަޖުބޫރީ ހާލަތު ރީޝާގެ ޅަ ސިކުނޑިއަށް ވިސްނެއެވެ. މަންމަ އޭނާދެކެ ލޯބިވާ މިންވަރާމެދުވެސް ކުޑަވެސް ޝައްކެއް އެ ހިތަކު ނުވެއެވެ.

"އެ ދައްތަ އެއީ ވަރަށް ރަނގަޅު ދައްތައެއް." ފިރާޝާ އިތުރަށް ބުންޏެވެ. "އެ ދައްތަ ދަރިފުޅަށް ލޯބިދޭނެ. އަނިޔާއެއް ނުކުރާނެ. ބިރެއްނުގަންނުވާނެ. ބައްޕަ ކަހަލަ ގޯސްމީހުން އެގޭގައި ނޫޅޭނެ. އެގޭގައި އުޅޭނީ ރިޒްމައްތަ. އެއީ ވަރަށް ރަނގަޅު ދައްތައެއް. ދެން އުޅޭނީ ޝިހާމްބޭ. އެއީ ވެސް ވަރަށް ރަނގަޅު ބޭބެއެއް. މަންމަ މިހާރު އެ ދައްތަ ގާތުވެސް ބުނެފިން ކޮއްކޮ ރަނގަޅަށް ބަލައްޗޭ. ކޮއްކޮއަށް ކިޔަވައި ދެއްޗޭ. ދެން ކޮއްކޮ ކިޔަވައި މޮޅު ކުއްޖަކަށް ވެގެން މަންމަގެ ގާތަށް އަންނާނީ. އެދުވަހަކުން މަންމަ ވަރަށް އުފާވާނެ."

"މަންމަވެސް ކޮއްކޮއާއެކު ހިނގާދާން." ފިރާޝާގެ ދެއަތުގައި ހިފައިލަމުން ރީޝާ ބުންޏެވެ. "އޭރުން ބައްޕައަށް މަންމައަކަށް ވެސް އަނިޔާއެއް ނުކުރެވޭނުން. ކޮއްކޮ މިރަށުން ދިޔައީމަ މަންމަ ބަލަން ހުންނާނީވެސް ކާކު؟ ބައްޕަ މަންމަ މަރާލައިފިއްޔާ ކޮއްކޮއަށް ދެން ނުވެސް ފެންނާނެ. މަންމަވެސް ހިނގާދާން. ބައްޕަ އެކަނި ބަހައްޓައިފަ ފިލައިގެން ހިނގާދާން. މަންމައަށް އަނިޔާކުރާތަން ފެނުނީމަ ކޮއްކޮ ވަރަށް ދެރަވޭ."

ރީޝާ ވާހަކަތައް ހުއްޓުމަކަށް އައީ ދެލޮލަށް ބާރުވާން ފެށުމުންނެވެ. ދެން ކުއްލިއަކަށް ރޯން ފެށިއެވެ. އޭރު ފިރާޝާގެ ދެލޯވެސް ވަނީ ކަރުނުން ބަރާވެފައެވެ. ފިރާޝާއާމެދު ރީޝާ ވިސްނާ މިންވަރު އިޙްސާސްކުރެވުނު ވަގުތެއް އެނޫނީ ނުދެއެވެ. އޭނާ ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ރީޝާ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ.

"މަންމަވެސް ކޮންމެވެސް ދުވަހަކުންދާނަން." ކުރެހިފައިވާ އަޑަކުން ފިރާޝާ ބުންޏެވެ. "ދަރިފުޅު ވަރަށް ބަސްއަހައިގެން އުޅޭތި. ކިޔަވައިގެން މޮޅު ކުއްޖަކަށްވާތީ. ދުރުގައި ހުއްޓަސް މަންމަ ގުޅާނަން. ދަރިފުޅުގެ ހާލު ބަލާނަން."

ފުރުން ހަމަޖެހިފައި އޮތީ އެ ދުވަހުގެ ހަވީރެވެ. ރީޝާގެ ހިތުގެ ކެކުޅުން ލަފްޒުތަކަކުން ބަޔާންނުކުރި ނަމަވެސް އެ މައުސޫމު ދެލޮލުން މަންމައާ ވަކިވާން ހިތް ނޭދޭކަން އަންގައިދިނެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ބޮޑެތި ކަރުނަތައް އެކަމަށް ހެކި ދިނެވެ. އެ މަންޒަރު ދުށުމަށް ފިރާޝާގެ ހިތަށް އުނދަގޫވިއެވެ. އެހެނަސް އޭނާ ތަކުރާރުކޮށް ރީޝާއަށް ވިސްނައިދިނީ އެ ނިންމުމުގެ ބޭނުމަކީ ރީޝާގެ މުސްތަޤްބަލް އުޖާލާކުރުންކަމުގައެވެ. ރީޝާ ވެއްޓެމުންދިޔަ ނާމާން ވަޅުގަނޑުން ސަލާމަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައެވެ. އެ އުންމީދާއެކު ރީޝާ މާލެ ފޮނުވައިލީ ފިރާޝާގެ ހިތްމަތީގައި ހިލަގަނޑެއް ބާއްވައިފައެވެ.

ނިހާދުގެ ވަކިތަކުން ރީޝާ މިންޖުކޮށްދެވުމުން ފިރާޝާގެ ނަފްސަށް ހަމަޖެހުން ލިބުނެވެ. އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް ފިރާޝާއަށް ނޭނގުނު ހަޤީޤަތަކީ ރީޝާގެ ހަޔާތަށް ބަދުނަސީބުގެ ހިޔަނި އެޅިފައިވާކަމެވެ. އޭނާގެ ދަރިފުޅުގެ ބޯ މަތީގައި އިހުނަށްވުރެ ބިރުވެރި އަނދިރި ބަނަ ވިލާގަނޑެއް އޮތްކަމެވެ.

****

ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހައިލި އަޑަށް ރީޝާއަށް ސިހުމެއް ލިބުނެވެ. އޭނާގެ ނިތަށް ރޫ އަރުވައިލަމުން ދޮރާ ދިމާއަށް ނަޒަރު ބަދަލުކޮށްލިއެވެ. ދެން ފޯނު ނަގައި ބަލައިލީ ގަޑިންވީ އިރެކެވެ. މެންދަމުން އަލިވެ 02 ޖެހީއެވެ. މިގަޑީގައި ދޮރުގައި ޓަކިޖަހަނީ ކާކުހެއްޔެވެ؟ އެ ސުވާލު ހިތަށް އެރި ވަގުތު ދެވަނަ ފަހަރަށް ޓަކީގެ އަޑު އިވިއްޖެއެވެ. ލެޕްޓޮޕް ލައްޕައިލުމަށްފަހު ކުޑަދޮރާ ކައިރިވެލިއެވެ. ދޮރުފޮތިގަނޑު ދުރުކޮށްލައިގެން ދޮރުމަތީހުރި މީހެއް ފެނޭތޯ ކުރި މަސައްކަތް ވީ ބޭކާރެވެ. ބޭރުތެރެއަށް ފޭދިފައިވާ ކަނު އަނދިރީގެ ސަބަބުން ތަންދޮރު ވަކިވާ ވަރެއްނުވެއެވެ.

"ކާކު؟" ރީޝާ ސުވާލުކުރީ 03 ވަނަ ފަހަރަށް އެމީހަކު ޓަކި ޖަހައިލީމައެވެ.

"ނަވީލް." ވައި އަޑަކުން ޖަވާބު އަޔެވެ. ރީޝާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލީ ހިތްހަމަނުޖެހިފައި ހުރެއެވެ. އެއީ ރާއިދުބޭގެ ދަރިފުޅެވެ.

"ކީއްކުރަން ތި އައީ؟" ދޮރު ތަންމިނަށް ހުޅުވައިލަމުން، ރީޝާ އެހިއެވެ.

ރީޝާ ބުނި އެއްޗެއް ނަވީލަށް އިވުނުކަމަކަށް ނުހެދިއެވެ. އޭނާ ކޮޓަރިތެރެއަށް ވަދެ ދޮރުލައްޕައިލިއެވެ.

"ކީއްކުރަންހޭ ތި އައީ؟" ރީޝާ ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އިހުނަށްވުރެ ބާރަށް ބުނެލިއެވެ.

މީހަކަށް އަޑު އިވިދާނެތީ ބިރުން އުޅޭ ފަދައަކުން ނަވީލް ފަހަތަށް ބަލައިލިއެވެ. އަދި އަތުގެ އިޝާރާތުން މަޑުން ވާހަކަ ދެއްކުމަށް އެދުނެވެ. ރީޝާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. އޭނާގެ ކޮޓަރިތެރެއަށް ވަދެ، އޭނާއަށް އަމުރުކުރަން މީ ކާކު ހެއްޔެވެ؟ އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެ ވަގުތު ނަވީލް ކުރިޔަށް ޖެހިލައި އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ.

"ނުނިދިގެން މި އައީ." ނަވީލް މަޑުމަޑުން ބުނެލިއެވެ.

ރީޝާގެ މެޔަށް ފިނިވެގެން ދިޔައެވެ. އެއީ ފިރިހެންވަންތަ ބަރު އަޑެކެވެ. އެ އަޑުގައި ގޮތް ނޭނގޭ ކަހަލަ ޖާދޫއެއް ހުއްޓެވެ.

"މަށަށް ނޭނގެ މިވާގޮތެއް. ރީޝާ ފެނުނު ފަހުން މަށަށް މަގޭ ހިތުގެ މައްޗަށް ބާރެއް ނުފޯރުވޭ." ނަވީލް ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.

އެ ވާހަކަތައް އިވިފައި ރީޝާގެ ހިތުގައި ފޫހިކަން އުފެދިގެން ދިޔައެވެ. އޭނާގެ ރުޅި އިހުނަށްވުރެ ގަދަވިއެވެ. ނުނިދިގެން ރީޝާގެ ކޮޓަރިއަށް އައިސް ވަންނަން އެއީ ނިދާ ބޭސް ގުޅައަކީ ހެއްޔެވެ؟ ރީޝާގެ ހިތަށް އެހެން އެރިއިރު، ނަވީލްގެ އަތް ތިރިކޮށްލަމުން އެ ސުވާލު ދުލުކުރިޔާ ހަމައަށްވެސް ގެނެވިއްޖެއެވެ. ނަވީލް ސަކަ ގޮތަކަށް ހީލިއެވެ. ނަމަވެސް ކުއްލިއަކަށް ރީޝާގެ މޫނަށް ބަލާލައިފައި ހުނުން މައިތިރިކޮށްލިއެވެ. ދެން އޭނާ ގޮސް އިށީނީ އެނދުގައެވެ.

"ރީޝް އަދިވެސް ބަދަލެއް ނުވޭދޯ؟" ރީޝާއަށް ބަލަމުން ވަރަށް ހަމަޖެހިލައިފައި ނަވީލް ބުންޏެވެ. "މީގެ އެއް އަހަރުކުރިން މާލެއިން ފެނުނު ރީޝް އަދިވެސް ތީ."

ރީޝާއަކީ ނަވީލްގެ އަލަތު ލޯތްބެވެ. ނުލިބުނު ލޯތްބެވެ. އެއީ ނަވީލްގެ އެއްވެސް އިޚްތިޔާރެއްނެތި، ފުރަތަމަ ނަޒަރުން ވެވުނު ލޯތްބެކެވެ. އޭގެ ކުރިން އެގޮތަށް ލޯބިވެދާނެކަމަކަށް ޚުދު ނަވީލް ވެސް ޤަބޫލެއް ނުކުރެއެވެ. ރީޝާގެ ފުރަތަމަ ފެނިލުމުން ވެސް ނަވީލްގެ ހިތް ދޫވެގެން ދިޔައީ ނަވީލަށް ވެސް އެނގުމެއް ނެތިއެވެ. ބޭއިޚްތިޔާރުގައެވެ.

"ބޭކާރު ވާހަކަ ނުދައްކާ! މަ ފަހަތުން އަޅައިގަނެ ނެއްޓެން ނޭނގިގެން ތިއުޅެނީ ކީއްވެގެންތަ؟" ރީޝާ ރުޅި އައިސް ހުރި ނަމަވެސް ވީހާވެސް މަޑުން ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ.

"ރީޝް ރީތިކަމުން." ނަވީލް ވަގުތުން ޖަވާބު ދިނެވެ. "ރީޝްއަށް އެނގޭތަ ރީޝްއަކީ ހަތްރީތި ލިބިގެންވާ ކުއްޖެއްކަން. ތިހިރަ ހިތިފަތު ބުމައާއި ކުރަނގި ދެލޮލާއި، އިހި ކަނދުރާއާއި، ތުނިޔަ ނިޔަފަތިތަކާއި، ގިއުޅުއަތުކުރިއާ އަންނާރު އޮށު ދަތްޕިލަ. ދެން ކޮންމެވެސް ވައްތަރެއްގެ ކުއްތާއެއްގެ ބަނޑެއް ދޯ އޮންނަނީ. އެހެންތަ ބަނޑު ހުންނަނީ."

"މަޖަލެއް ނޫނޭ." ރީޝާ ލޯ އަޅައިލިއެވެ.

"އަސްލުވެސް ރީއްޗޭ." ނަވީލް އެނދުން ތެދުވިއެވެ.

ޙަޤީޤަތުގައި ނަވީލް ކުރީ ސަމާސާއެއް ނޫނެވެ. ރީޝާގެ އައިބެއް ނުވާ އެ މޫނުގައި ވަނީ ކުރަނގި ދެލޮލާއި ހިތިފަތު ބުމައެއްކަމަށް ނަވީލް ޤަބޫލުކުރެއެވެ. ހިނގުމުގައި ހުންނަ ރަނޑުކަމާއި ވާހަކަ ދެއްކުމުގައި ގެންގުޅޭ ހަރުކަށި ގޮތްގަނޑަކީ ވެސް ނަވީލަށް ވަރަށް ކަމުދާ ސިފަތަކެކެވެ. ބަލާބެލުމަށް ރީޝާ ފެންނަނީ ވެސް އުމުރަށްވުރެ ހަރު މީހެއްގެ ގޮތުގައެވެ. އެ ހުރިހާ ސަބަބުތަކާ ހުރެ ރީޝާ ވެފައިވަނީ ނަވީލަށް ވަރަށް ޚާއްސަ ކުއްޖަކަށެވެ.

"ރީޝް ތީ ކޮންމެ ފިރިހެނަކުވެސް ބޭނުންވާނެ ކަހަލަ ރީތި ކުއްޖެއް. އެކަން ޤަބޫލުކުރަންތަ؟" ނަވީލް އެހިއެވެ.

"ބޭކާރު ވާހަކަ ދެއްކުން ހުއްޓައިލާ. ކީއްކުރަންހޭ މިގަޑީގައި ތި އައީ. ކޮންކަމެއް ބޭނުންވެގެން ހޭ ތި އައީ؟" ރީޝާގެ ގާތަށް ވަރަށް ރުޅިއައެވެ. "މަމީ ތި ހީކުރާ ކަހަލަ އަންހެންކުއްޖެއް ނޫނޭ! ކަލޭމެން ފިރިހެނުންނަށް އަންހެނަކު ފެންނައިރަށް ހުންނަނީ ހޭބަލިވެފަތަ؟ ހިޖުރަ އޮޅިފަތަ؟ ބޮލަށް އަރައިގެން އައިސް މިގެޔަށް ވަންނަން ތީ ކާކު؟"

ނަވީލްގެ މޫނުމަތިން ސަމާސާ ކުލަވަރު ކެނޑުނެވެ. އެ މޫނަށް އަބުއިކަން ފެތުރިގެން ދިޔަލެއް އަވަސްކަމުން، ރީޝާއަށް ބުނެވުނު އެއްޗަކާމެދު ވިސްނާލަން މަޖުބޫރުވިއެވެ. ނަވީލްގެ ބޮލުގައި މި އެޅުވުނީ ކޮންފަދަ ބޮޑު ތުހުމަތެއް ހެއްޔެވެ؟

"ތިހެން ނުބުނޭ. ތި ހީކުރާ ކަހަލަ ނުބައި ނިޔަތެއް އޮވެގެނެއްނޫން މިއައީ." ނަވީލް ވަރަށް ދެރަވެފައި ހުރެ ބުންޏެވެ. "ރީޝް ރަށަށް އައިންސުރެއް މި ބަލަނީ މަގެއް މަތިން ވެސް ފެނޭތޯ. އެކަމަކު ހަފްތާއެއް ވެގެން ދިޔައިރުވެސް މި ކޮޓަރިން ބޭރަށްވެސް ނިކުތްހެނެއް ހިޔެއްނުވޭ. ވަރަށް މަސައްކަތުން ފޯނު ނަންބަރު ހޯދައިގެން ގުޅީމަވެސް ފޯނު ނުނެގީމަ މި ނޫން ގޮތެއް ނެތުނީ. މިގަޑީގައި އަންނަން މަޖުބޫރުވީ ރީޝްގެ ބައްޕައަށް ނުފެނި އަންނަން ވެގެން. ރީޝްއަށް ވެސް އެނގޭނު އަހަރުން ބައްޕައަކީ ރީޝް ބައްޕަގެ ޒަމާނީ ދުޝްމަނެއްކަން. ސޮރީ މިގަޑީގައި އާދެވުނީތީ. މާދަމާ ބައްދަލުކޮށްލަން އަންނާނަން. އެންމެ ރަނގަޅުތަ؟"

ރީޝާގެ ޖަވާބަކަށް އިންތިޒާރުކޮށްގެން، އެ ދެލޮލަށް ބަލަހައްޓައިގެން ނަވީލް ހުއްޓެވެ. ރީޝާ ހިތްހަމަނުޖެހިފައި ހުރިވަރުން އެންމެ ލަފްޒެއް ވެސް ދުލުން ބޭރުކުރާ ހިތެއް ނުވިއެވެ. ނަވީލަށް ކުޑަވެސް އުންމީދެއް ދޭކަށް ރީޝާ ބޭނުމެއް ނުވިއެވެ. އެއްވެސް ފިރިހެނަކަށް އިތުބާރުކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން ތުންފިއްތާލައިފައި ނަވީލްގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އަދި ހަލުވި ހިނގުމެއްގައި ގޮސް ދޮރު ހުޅުވައިލިއެވެ. އެނބުރި ނަވީލަށް ބަލައިލިއިރު، އެ މޫނުން ފެނުނީ މޮޅިވެރިކަމެވެ. ދެލޮލުން ފެންނަނީ އާދޭހެވެ. އެވަރުންވެސް ރީޝާގެ އަޒުމަކަށް ބަދަލެއް ނައެވެ. ނަވީލަށް ޖެހުނީ މޮޅިވެރިކަމުގެ ސާލު އޮޅައިލައިގެން ކޮޓަރިން ނުކުންނާށެވެ.

"ޒިލޭބީގަސްދޮށުގެ" ރަށުގެ ގިނަ މީހުންނަށް ފެންނަނީ ނާސިގެއެއް ގޮތުގައެވެ. ދަންވަރުގެ ވަގުތުގައި އެކި އުމުރުގެ ފިރިހެނުން އެގެއިން ނުކުންނަ ވާހަކަ އެއީ ރަށު އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. ނަވީލްގެ ކަންފަތަށް ވެސް ވަނީ އެ އަޑުތައް އިވި ބާވެފައެވެ. އެ ގެއަށް ވަދެ ނުކުމެ އުޅޭ މީހުންގެ ބޮލުގައި ބޮޑު ތުޙުމަތެއް އެޅޭކަން ވެސް ނަވީލަށް އެނގެއެވެ. އެހެނަސް އެ ތުޙުމަތު އޭނާގެ ބޮލުގައި އެޅޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ އެ ގޯތިތެރެއިން ނުކުތީ ނިކަން ސިއްރުސިއްރުންނެވެ. އޭނާ ހިތުން އެއްވެސް މީހަކަށް ނުފެނިއެވެ. އޭރު ނަވީލް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އެހެން މީހަކު ހުރި ކަމެއް އޭނާއަކަށް ނޭނގެއެވެ. ގެއާ ދިމާއަށް މިސްރާބު ޖެހީވެސް ނިކަން ރަނގަޅަށް މަގުގެ ދެކޮޅު ބަލާފައެވެ.

ފާރައަށް ހުރީ ފުލުހެކެވެ. އޭނާ ހުރީ ޖެހިގެން އޮތް ގޯޅީގެ ކަންމަތީގައެވެ. ރަށުތެރޭގެ ކަންކަން ބެލުމަށް ނުކުމެ އުޅެނިކޮށް ނަވީލް އެގެއަށް ވަން މަންޒަރު ފެނުމުން އެތަނުގައި މަޑުކުރުމަށް އޭނާގެ ހިތް އެދުނީއެވެ. ނަވީލް ނުކުންނާނެ އިރަކަށް އިންތިޒާރުކުރަން ވެސް ބޭނުންވީއެވެ. އޭނާ ދުވެފައި ގޮސް ނަވީލްގެ ކޮނޑުގައި ހިފައިގަތެވެ. ނަވީލް ދިޔައީ ސިއްސައިގެންނެވެ.

"މި އޮތީ ވަގު ކަލޭގެ އަތުލައި ގަނެވިފަ." އޭނާ ނިކަން ބާރަށް ބުނެލިއެވެ. އެ އަޑު ޖެހުމާއެކު އެއީ ކާކުކަން ނަވީލަށް ދެނެގަނެވުނެވެ. އެއީ އަކްޝަމެވެ. ނަވީލްގެ ގާތް މިތުރެކެވެ. ނަވީލް ހަމަޖެހުމުގެ ފުން ނޭވައެއް ދޫކޮށްލަމުން އެނބުރުނެވެ.

"ކަލޭ މަށަށް ފާރަލަނީތަ؟" ނަވީލް ހިތްހަމަނުޖެހޭ ގޮތް ދައްކަމުން އެހިއެވެ.

"އާނ. ކަލޭމެން ކަހަލަ ވަގު ކުރުނބާ ބޯ މީހުންނަށް ފާރަލުމަކީ އަހަރުމެންގެ މައްޗަށް އޮތް ވާޖިބެކޭ. ތި ކަހަލަ މީހުން ރުކަށް އަރާ އޮއްވައި ނުފެންނާތީ ދެރައީ. އެހެންނޫންނަމަ މި ބިޑި ބޭނުންކޮށްލާނެ ފުރުޞަތެއް ލިބުނީސް." އުނަގަނޑުގައި އަޅުވައިފައި އޮތް ބިޑީގައި އަތް ޖަހައިލަމުން އަކްޝަމްގެ ޖަވާބު ދިނެވެ. "ހަވަރުތުންފުހި ފިރާޝާ ހަމަ އެހާވެސް މޮޅީތަ؟"

އަކްޝަމް ހުރީ މަޖާވެފައެވެ. އެ އަޑުގައި ވަނީ ޖޯޝެވެ. އެހެނަސް ނަވީލަށް އެ ސަމާސާ ކަމަކު ނުދިޔައެވެ.

"ބައްޔެއްނު." ނަވީލަށް ބުނެވުނެވެ. "ކަލެޔަށް ހަމަ ރަނގަޅަށް އެނގޭނެ މަ އެގެއަށް މިވަނީ ތި ކަހަލަ ނިޔަތެއްގައި ނޫންކަން. ރީޝްގެ މަންމައާ މަށާ އަޅުވައި ކިޔަން ކަލޭ ލަދު ނުގަންނަކަން؟"

ރީޝާ މަންމައާ ބެހޭ ގޮތުން އެފަދަ މުޑުދާރު ވާހަކައެއް އަކްޝަމްގެ ދުލުން އިވުމުން ހަޤީޤަތުގައި ވެސް ނަވީލް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.

"އޭ. އޭ. ހަމަޖެހިބަލަ." އަކްޝަމްގެ ރާގު ބަދަލުވިއެވެ. "ހާދަ އަވަހަކަށޭ ރޭސް ތި އަރަނީ. އެ މަޖަލަކަށް ބުނި އެއްޗެކޭ."

"ސަމާސާކުރަންވެސް ހުންނާނެ ވަކި ކަހަލަ ކަންތައްތަކެއް." ނަވީލް ގެއަށް ދިޔުމަށް ހިނގައިގަތެވެ. އޭނާ ހުރީ ސަމާސާ ކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އަކްޝަމް ވެސް ނަވީލާއި އެއް ހަމައެއްގައި ހުރެ ހިނގަން ފެށިއެވެ.

"އޯކޭ. އެ ނުދައްކާ ވާހަކައެއް. މިގަޑީގައި އެ ގެއަކަށް ތި ވަނީ ކީއްކުރަންތަ؟" އަކްޝަމް އެހިއެވެ. ނަވީލް ބަހެއް ނުކިޔައެވެ. ނަވީލް އެގެއަށް ވަންނާނީ ކޮން ބޭނުމެއް އޮވެގެންކަން އަކްޝަމަށް އެނގޭނެކަން ނަވީލަށް އެނގެއެވެ. ނަވީލްގެ ހުރިހާ ސިއްރުތަކެއް އެނގޭ މިތުރެއްކަމުގައި އަކްޝަމްވީތީއެވެ.

"އެއްވެސް ކާމިޔާބެއް ލިބުނުތަ؟ ރީޝް ވާހަކަ ދެއްކިތަ؟" ދެން ވެސް ވާހަކަ ދެއްކީ އަކްޝަމެވެ.

ނަވީލް ގޮސް ގޭ ދޮރު މަތީގައި ހުރި ޖޯލިފަތީގައި އިށީނެވެ. އަކްޝަމްގެ ސަބަބުން ހިތްހަމަނުޖެހުނު ނަމަވެސް ރީޝާގެ މަތިން ހަނދާންވުމާއެކު އެ ހިތްހަމަނުޖެހުން އޮބިގެން ހިނގައްޖެއެވެ. ނުތަނަވަސްކަން އެކަމުގެ މައްޗަށް ގަދަވެގެން ދިޔައީއެވެ. އަކްޝަމް ގާތުގައި އިށީނުމުން ނަވީލް ފިނި ނޭވާއެއް ބޭރުކޮށްލިއެވެ. އަދި ކަންތައްވެގެން ދިޔަ ގޮތް ވަރަށް ތަފްސީލްކޮށް އަކްޝަމަށް ކިޔައިދިނެވެ.

"ތި ހާދަ ކެތްތެރިކަން ކުޑަ އިންސާނެކޭ ދޯ؟ ދަންވަރު ދަޅައިގައި ހަމަ އެގެއަށް ގޮސް ވަންނަން ޖެހޭތަ؟ ތި ގޮތަށް ކަންތައްކުރީމަ މަ ނަމަވެސް ހީކުރާނީ ރީޝްވެސް ހީކުރި ގޮތަށް. އޭނަވާ ރުޅި މަޑު. ތަންގަނޑު މީހުން އެއްވާ ވަރަށް ހަޅޭލަވައި ފަޟީޙަތް ނުކުރިކަމަށް ޓަކައި ވެސް ޝުކުރުކުރަންޖެހޭ. މަ ވެސް އަޖައިބުވި ތިވަރުގެ ވިސްނޭމީހެއް މިގަޑީގައި ގޮސް އެގެއަށް ވަން ތަން ފެނުނީމަ. ނަވީލް ކޮންމެ ނިޔަތެއްގައި އެކަން ކުރިޔަސް. ތި މަންޒަރު ފެންނަ މީހުން ދެކޭނީ އެހެން ގޮތަކަށް. ވަރަށް މުޑުދާރު ތުޙުމަތެއް ތި ބޮލުގައި އެޅޭނީ. އަނެއްކޮޅުން ރީޝާއަކީ ޤާނޫނުގެ ކުރިމަތީގައި އަދިވެސް ކުޑަކުއްޖެއް. އެހެންވެގެން ނަވީ ނުކުންނާނެ އިރަކަށް ފާރައަށް މަ މި ހުރީވެސް. މަ ބޭނުމެއްނޫން ނަވީއަށް ދެރައެއް ލިބޭކަށް. ބޮޑު ފިރިހެނަކަށް ވެ ހުރެ ތި ކަންތައްކުރި ގޮތް އެއްގޮތަކަށް ވެސް ރަނގަޅެއްނޫން." އަކްޝަމަށް ލިބުނު ފުރުޞަތުގައި އޭނާ ބުނަން ބޭނުންވި ހުރިހާ ވާހަކަތަކެއް ކިޔައިލިއެވެ.

"ދެން މަ ކިހިނެއްތަ ހަދަންވީ؟" ނަވީލް މާޔޫސްވެފައި އިނދެ ބުންޏެވެ. "މަށަކަށް އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވޭ. ނުއެއް ކެވޭ. ނުއެއް ނިދޭ. މޮޔައެއް ހެން ރީޝް ފެނޭތޯ މުޅި ހިސާބުގައި އެނބުރުން ނޫން ކަމެއް ނުކުރެވޭ. ދުވާލު ގޮސް އެގެއަށް ވަންނާކަށް ނުކެރޭ. ފޯނު ކުރިޔަސް ފޯނެއް ނުނަގާ. ދެން މި ބަސްނާހާ ހިތަށް ހަމަޖެހުން ގެނުވަން މިނޫން އިތުރު ގޮތެއް އެބައޮތްތަ؟"

"އެބަ އޮތް ގޮތެއް. އެއް ފަހަރުން ބޮންތީގައި ހިފަން މަސައްކަތް ނުކޮށްބަލަ. ކުރީ ފަހަރުވެސް ނަވީއަށް ކާމިޔާބުނުވީ ތިހެން ލައިނުގަނެގެން އުޅެން ހަދައިގެން. އެންމެފުރަތަމަ ކުރަންވީ ކަމަކީ އޭނަގެ އިތުބާރު ހޯދައި ގާތް ރައްޓެއްސަކަށް ވާންވީ. އަބަދަކު އޭނައަކަށް ވެސް ހަރަކު އެ ނޯވެވޭނެ. ކޮންމެވެސް ދުވަހަކުން ބޭރަށް ވެސް ނުކުންނާނެ. އެ ދުވަހަކަށް އިންތިޒާރުކޮށްބަލަ. ނޫނީ އެ ނިހާދު ނޫޅޭ ވަގުތަކު ވެސް ދެވިދާނެ. ގޮތްގޮތް ހުންނާނެ. ސިކުނޑިން ވިސްނާ." އަކްޝަމްގެ ސިކުނޑިއަށް އައި ޚިޔާލުތައް އެކުވެރިޔާއާއި ހިއްސާކުރިއެވެ.

ނަވީލަކީ ކެތްތެރިކަން ކުޑަ މީހެއްކަން ޚުދު އޭނާ ވެސް ޤަބޫލުކުރެއެވެ. އެހެނަސް އޭނާގެ އަމިއްލަ ގަދަރަށާއި އިއްޒަތަށް ވިސްނާނެއެވެ.

"ތޭންކްސް. ލޯތްބަކީ މީ ހާދަ ވޭންދެނިވި އެއްޗެކޭ." ނަވީލް ބުނެލިއެވެ.

ނަވީލްގެ ސަބަބުން ރީޝާގެ ޠަބީޢަތުވެސް ވަނީ ގޯސްވެފައެވެ. ވާހަކަ ލިޔުމުގެ ޝަޢުޤުވެސް ނެތިގެން ދިޔައެވެ. ނަވީލްގެ ޚިޔާލުތަކުން އޭނާގެ ސިކުނޑި ހާސްކުރަން ފެށުމުން އޭނާ ގޮސް އޮށޯތެވެ. އެނދުގެ އަރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ހުރި ބޮކި ނިއްވާލި ވަގުތު ކޮޓަރީގެ ކަނުން ކަޅުކަޅު ހިޔަންޏެއް ފެނުނުހެން ރީޝާއަށް ހީވިއެވެ. ފުންމައިގެން ތެދުވެ ބޮކި ދިއްލާލިއިރު އެއީ ހަމަ އޭނާއަށް ހީވި ހީވުމެކެވެ. އެތަނުގައި އެއްވެސް އެއްޗެއް ނެތެވެ. ދެން ބޮކި ނިއްވައިލާކަށް ރީޝާއަކަށް ނުކެރުނެވެ. ދެލޯ މަރާކަށް ވެސް ނުކެރުނެވެ. ދެލޯ މަރައިލާއިރަށް ފަހަތުން މީހަކު އައިސް ހުއްޓި ހުންނަކަމުގެ އިޙްސާސްތަކެއް އެ ހިތުގައި އުފެދެން ފަށައެވެ. އެނބުރިލާއިރު އެވަނީ ހަމަ ވަހުމަކަށެވެ. ކުއްލިއަކަށް އޭނާގެ ހިތުގައި ވަކި ހިއްޕާލި ގޮތް ނޭނގޭ ބިރުވެރިކަމުގެ ސަބަބުން މުޅި ރޭ ހޭދަކުރަން ޖެހުނީވެސް ލޮލުފިޔަ ނުޖަހައެވެ.

އިރު އުދަރެހުން އަރައިގެން އައިސް ބިންގަނޑު ހޫނުކުރަން ފަށައިފިއެވެ. މީހުން ހޭލަމޭލަވެ ދުވަހުގެ ވާޖިބުތައް އަދާކުރުމުގައި މަޝްއޫލުވާން ފަށައިފިއެވެ. ކުޑަކުދިން މަގުމަތީގައި ހޯބޯ ލަވަނީއެވެ. ދުވެނަގާ ސަކަރާތް ޖަހަނީއެވެ. ގޯތިދަށް ކުނިކަހާ މީހުން ކުނި ކަހަނީއެވެ. އިލޮށިފަތީގެ ބަދަލުގައި އަތްގަނޑުން ފަތްތައް ފުނިޖަހަނީއެވެ. އެއްކޮށްފައި ހުރި ކުނިކޮޅު ބަރޮލަށް އަޅައިލުމަށްފަހު ފިރާޝާ ގެއަށް ވަނެވެ. އަދި އެބާރު މިނުގައި ގެއިން ބޭރަށް ނުކުތެވެ.

"ރިޝާމް. ރިޝާމް. ދަރިފުޅާ ރިޝާމް." ފިރާޝާ ނިކަން ބާރަށް އޭނާގެ ފިރިހެން ދަރިފުޅަށް ގޮވަންފެށިއެވެ.

"ލައްބަ. މަންމާ. މި ހުރީ ބޭރުގައޭ." އުމުރުން 06 އަހަރުގެ ރިޝާމް ދުވެފައި އައިސް ގެއަށް ވަނެވެ.

"މަންމަ ބުނީމެއްނު. ބޭރަށް ނުނިކުންނާށޭ. ހަމަ މިހާރު ވަދޭ ގެއަށް." ފިރާޝާ އަމުރުވެރި ރާގަކަށް ބުނެލުމާއެކު ރިޝާމް ދުވެފައި ގޮސް ގެއަށް ވަދެއްޖެއެވެ.

ފިރާޝާ ބަދިގެއަށް ވަދެ ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ފެށިއެވެ. އެކަމުން އަވަދިވީތަނުން ނިހާދު އައިސް ވަނެވެ. އޭނާގެ ރަސްމީ ބަހުރުވައިން ސައި ހެދުމަށް އަމުރުކުރިއެވެ. ފިރާޝާ އަތްމަތި އަވަސްކޮށްލިއެވެ. މޭޒު މަތީގައި ތަށިތައް އަތުރައިލިއެވެ.

"މިހާރު ރީޝާއާ އެވާހަކަ ދައްކައިފިންތަ؟" ފިރާޝާ ސައިތަށި ގިރަން ހުއްޓައި ނިހާދު އެހިއެވެ.

ފިރާޝާއަށް ޖަވާބެއް ނުދެވުނެވެ. ހިތުގައި އޮތްގޮތަށް ބުނެފިނަމަ ނިހާދު ރުޅި އަތުވެދާނެތީ ހިމޭން ޖަވާބަކުން ފުއްދައިލީއެވެ.

"ނުދައްކަންދޯ؟" ނިހާދުގެ ރާގުގަނޑު ހަރުކަށިވިއެވެ.

"ޖަވާބު ދީބަލަ؟" ފިރާޝާގެ ޖަވާބެއް ނުލިބުމުން މިފަހަރު ނިހާދު އެހީ ކުރިޔަށްވުރެ ބާރަށެވެ.

ރީޝާ އެހާއަވަހަށް މާލެ ފޮނުވައިލާކަށް ފިރާޝާ ބޭނުމެއްނޫނެވެ. ރީޝާގެ ކިޔެވުން ވަނީ ނިމިފައެވެ. އޯލެވެލް ނަތީޖާ ލިބެންދެން ރަށުގައި ބަހައްޓަން ފިރާޝާ ބޭނުންވެއެވެ.

"އަދި އެމަންޖެ ރަށަށް އައިފަހުން މިވީ އެންމެ ހަފުތާއެއް. އެހާ އަވަހަށް މާލެ ފޮނުވައިލާކަށް." ފިރާޝާއަށް ބުނެވުނީ އެވަރަށެވެ.

"ކަލެޔަށްތަ އެނގޭނީ." ނިހާދު ހަޅޭއްލަވައިގަތެވެ. "މަ ކަލޭ ގާތުގައި އޭނަ މާލެ ފޮނުވަން ބުނީމަ ފޮނުވަންވީ. އެވާހަކަ އޭނަ ގާތުގައި ބުނާށޭ ބުނީމަ ބުނަންވީ. މަ ނިންމާ ނިންމުންތަކަށް ފާޑުކިޔަން ކަލޭތީ ކާކުތަ؟ އެ ހައްޤު ކަލެޔަށް ދިނީ ކާކުތަ؟ މީމަގޭ ގެއެއް. އެކަން ހަނދާން ނައްތައި ނުލައްޗޭ. މިގޭގައި އުޅެވޭނީ މަ ބޭނުންވާ މީހަކަށް. އަޑު އިވިއްޖެތަ؟"

ފަހު ޖުމްލަ ނިހާދު ބުނީ ނުހަނު ބާރަށެވެ. އެ އަޑުތައް ވަރަށް ސާފުކޮށް ރީޝާއަށް އިވުނެވެ. އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ. އޭނާގެ ދެލޯ ކުރިމަތީގައި މަންމަގެ ގޮތްހުސްވެ، ބިރުގެންފައިވާ މޫނު ވިދައިގަތެވެ. އެޔާއެކު ރީޝާގެ ހިތުގައި ބައްޕަގެ މައްޗަށް އޮތް ނަފުރަތު އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އަށް އަހަރު ދުވަސް ފާއިތުވެ، މަންމައާއި ބައްޕައަށް އިތުރު ކުއްޖަކު ލިބުނުއިރު ވެސް ބައްޕަގެ މިޒާޖަށް ކުޑަވެސް ބަދަލެއް ނާދެއޭ އޭނާގެ ހިތަށް އެރިއެވެ.

ރިޝާމް ލިބުނުފަހުން، ނިހާދުގެ އުޅުން ބަދަލުވެއްޖެކަމަށް ރީޝާ ގާތު ފިރާޝާ ބުނެފައިވެއެވެ. އެއީ ނުހަނު ބޮޑު ދޮގެއްކަމަށް ރީޝާއަށް އޭރުވެސް އޮތީ ޝައްކުވެފައެވެ. މިއަދު އޭނާއަށް އެކަން ޔަޤީންވެސް ވެއްޖެއެވެ. މަންމަ އަދިވެސް ދިރިއުޅެމުން އެދަނީ ބައްޕަގެ އަޅަކަށް ވެގެންނެވެ. ބައްޕަ ހެދިހާ ގޮތެއް ވަރިހަމަކޮށްލައިގެންނެވެ. މަންމަ އެކަމުން ނަޖާކުރުމަށް ރީޝާ ބޭނުންވެއެވެ. އޭނާ އަޒުމެއް ކަނޑައެޅިއެވެ.

"މަންމައަށް ކުރިން އެހީނުވެވުނު ނަމަވެސް މިއަދު މަންމަ ތި ނަރަކައިން އަހަރެން ސަލާމަތްކޮށް ދޭނަން. އަންހެނުންނަކީ ފިރިހެނުން ޖަހާހާ ބެރަކަށް ނަށަށް ތިބޭ ބައެއްނޫން. އަހަރުމެންނަށް ވެސް މިނިވަންކަމާއެކު ނޭވާލުގެ ޙައްޤު ލިބިގެންވޭ. އެ ހައްޤު ލިބެންޖެހޭނެ. ރުހުމުގައި ނުލިބިއްޖެނަމަ ގަދަކަމުން ނަމަވެސް." ރީޝާ ހިތާހިތުން ކިޔައިލިއެވެ. އޭރު އެ ދެލޮލުން ފެންނަނީ ނުރައްކާތެރިކަމެވެ. ޖެހިލުންކުޑަކަމާއި ނުގުޑާފަދަ އަޒުމެވެ. (ނުނިމޭ)