ޗައިނާގައި ނުކުޅެދުންތެރިކަން ހުންނަ އުމުރުން 79 އަހަރުގެ އަންހެނަކު ދިރިހުއްޓާ ބިންގަރާސްއެއެއްގައި ވަޅުލިތާ ގާތްގަނޑަކަށް ތިން ދުވަސް ފަހުން، ސަލާމަތްކޮށްފިއެވެ.

ޝާންޒީ ޕްރޮވިންސްގައި މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާ އެތަނުގައި ވަޅުލާފައި ވަނީ އޭނާގެ ދަރިފުޅެވެ. އެ އަންހެން މީހާ އެތަނުން ސަލާމަތްކޮށްފައި ވަނީ ފުލުހުންނެެވެ.

ވަންގް ނަމަކަށް ކިޔާ އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ، އޭނާގެ ދަރިއަކާއި އިނދެގެން އުޅޭ އަންހެނަކު ވަންގް ގެއްލިގެން ރިޕޯޓް ކުރުމުންނެވެ.

އޭނާ ފުލުުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ވަަންގް ގޮވައިގެން ފުރޮޅުލީ ގޮޑިއެއްގައި ވަންގް 58 އަހަރުގެ ފިރިހެން ދަރިފުޅު މާ ބޭރަށް ދިޔަ ފަހުން އެނބުރި ނާންނާތީ އެކަމާއި ކަންބޮޑުވެގެންނެވެ. މާ އެނބުރި ގެއަށް އޭގެ އަނެއް ދުވަހު އައިއިރުވެސް މަންމަ ގެއަށް އެނބުރި ނާންނަކަމަށް އޭނާ ބުނެފައި ވެއެވެ.

އެކަމާއި ފުލުހުން މާ އާ ސުވާލު ކުރުމުން މާ ވަނީ މަންމަ ވަޅުލާފައިވާކަން އެއްބަސްވެފައެވެ.

އަދި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، އެ ސަރަހައްދު ކޮންނުމުގެ މަސައްކަތް ފަށާފައެވެ. ފުލުހުންނަށް އެ މަސައްކަތަށް ފަސޭހަވެގެން ދިޔައީ މީހަކު ހަޅޭލަވާ އަޑު އިވެން ފެށުމުން ކަމަށް ވެއެވެ.

އެ މައްސަލާގައި މާ ވަނީ ހައްޔަރުކޮށްފައެެވެ. އަދި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލަން ނިންމާފައިވާއިރު، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ވެންގް އެ ވަޅު ތެރެއިން ނަގާ މަންޒަރު ފެނެއެވެ. ދެ ފުލުހުން ވެގެން ވަންގް ނަގާއިރު، އޭނާގެ މުޅި ގައިގައި ހުރީ ކިލާއެވެ.

އޭނާ އެއްޗެއް ނުކައި ނުބޮއެ އެތަނުގައި އޮންނަތާ ގާތްގަނޑަކަށް ތިން ދުވަސްވެދާނެ ކަމަށް ވެއެވެ.