އެމެރިކާގެ އެޓްލާންޓާ އަށް ނިސްބަތްވާ މޮނިކާ ކުކް ބަނޑަށް އަށް މަހުގައި ހޮސްޕިޓަލަށް ދިޔައީ ނޭވާ ލާން އުނދަގޫ ވާތީއެވެ. ވަގުތުން އޭނާ އެޑްމިޓްކޮށް ކޮވިޑް-19 އަށް ޓެސްޓް ކުރިިއެވެ. ޓެސްޓްގެ ނަތީޖާ ލިބުނުއިރު އޭނާ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މޮނިކާގެ ހާލަތު އިތުރަށް ބެލުމަށް ފަހު ޑޮކްޓަރުން ބުނީ ސިޒޭރިއަން ހަދައިގެން ދަރިން ނެހުން ފިޔަވައި އިތުރު އެއްވެސް ގޮތެއް ނެތް ކަމަށެވެ. ދެން ވީ ގޮތެއް މޮނިކާ އަކަށް ނޭނގެއެވެ.

މޮނިކާގެ ސިޒޭރިއަން ހަދަން އުޅެނިކޮށް އޭނާގެ ހާލަތު އިތުރަށް ގޯސްވެ ކޯމާއަކަށް ދިޔައެވެ. އޭނާ ހޭއެރީ އޭގެ ފަސް ދުވަސް ފަހުންނެވެ. އޭރު ސިޒޭރިއަން ހަދައި އެއްމާބަނޑު ދެކުދިން އޭނާ އަށް ވަނީ ލިވިފައެވެ.

ނަމަވެސް ފިރިމީހާ އާއި އެކު އެއުފާވެރި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތެއް މޮނިކާއަކަށް ނުލިބުނެވެ. އަދި ދަރިން ހަމަލޮލަށް ދެކިލުމުގެ އުފަލެއް ވެސް ނުލިބުނެވެ. ސަބަބަކަށްވީ އޭނާ އަށް ކޮވިޑް-19 ޖެހިފައި ވުމެވެ. ދަރިންގެ ފޮޓޯ ބަލާލައިގެން ފުއްދާލުން ފިޔަވައި ދެން ކުރެވޭނެ އިތުރު އެއްވެސް ކަމެއް އެވަގުތަކު ނެތެވެ.

މިހާރު މޮނިކާ ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ. މިހާރު މޮނިކާ އާއި އޭނާގެ ދެދަރިންނަށް ގެއަށް ވެސް ދެވިއްޖެއެވެ. އާއިލާ އަށް ވަނީ އަލުން އުފާވެރިކަން ލިބިފައެވެ.

ކޮވިޑް-19 ޖެހޭ މާބަނޑު އަންހެނުންނަށް ދިމާވާ ކަންތައްތައް އަދިވެސް ޑޮކްޓަރުން ގެންދަނީ ދިރާސާކުރަމުންނެވެ. ގިނަ ދިރާސާތަކަށް ބުރަވެ ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި މާބަނޑު އަންހެނަކަށް ކޮވިޑް-19 ޖެހުނު ނަމަވެސް ވަކި އިތުރު ނުރައްކަލެއް ނެތެވެ. ނަމަވެސް މިއީ އަލަށް ފެނިގެން އުޅޭ ބައްޔަކަށް ވާތީ އިތުރު ދިރާސާތައް ބޭނުންވާ ކަމަށް ޑޮކްޓަރުން ވެސް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވ

    މާޝާﷲ