މިއީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހޮސްޕިޓަލަށް މިދިޔަ އަންގާރަ ދުވަހު ދިން ހަމަލާގައި ސަލާމަތްވެފައިވާ ތުއްތު ކުއްޖެއްގެ ވާހަކައެވެ.

"އޭއެފްޕީ" ނޫހަށް މައުލޫމާތު ދެމުން ކުއްޖާ ވިއްސުމުގައި ހަރަކާތްތެރިވި މީހަކު ބުނެފައިވަނީ އެ ހާދިސާއަކީ އިންސާނިއްޔަތުކަން ކުޑަ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި ހާދިސާގައި ސަލާމަތްވެފައިވާ މީހުންނާއި ކުޑަކުދިންނަކީ ނަސީބު ވެރިން ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެ ހޮސްޕިޓަލުގައި މާބަނޑު އަންހެނަކު ވަނީ ވިހާފައެވެ. އެ މާބަނޑު އަންހެން މީހާ ދަރިފުޅު ވިހެއި އިރު އޭނާ ހުރީ ބިރުން ރޫރުއަޅާ ގޮތް ވެފައެވެ. އޭނާ ބޮޑަށް ބިރު ގަތީ ބަޑި ހިފައިގެން އޭނާގެ ގާތަށް މީހަކު އަތުވެދާނެތީއެވެ.

"އެ ވޭނުގައި އެއްވެސް ކަހަލަ އަޑެއް ބޭރުކޮށްފައެއް ނުވޭ. އަދި ދަރިފުޅު ވިހެއި ގަޑީ މާ ގަދަޔަށް ރޯތީވެ ވަނީ ދަރިފުޅުގެ އަނގަޔަށް އިނގިލި ވައްދާފައި. މިގޮތަށް ހެދީ ހަމަލާ ދޭން ތިބި މީހުންނަށް ދަރިފުޅުގެ އަޑު އިވުނަ ނުދޭން ވެގެން" އެ އަންހެން މީހާ ވިއްސުމުގައި ހަރަކާތްތެރިވި މީހަކު ކިޔައިދިނެވެ.

ކާބުލް އަށް ދިން މި ހަމަލާފައި ކުޑަކުދިންނާއި ނަރުހުންގެ އިތުރުން ކުދިންގެ މަންމައިން ހިމެނޭ ގޮތަށް 24 މީހަކު ވަނީ މަރުވެފައެވެ. މި ހަމަލާ ދިން ވަގުތު އެ ހޮސްޕިޓަލުގައި 26 މަންމައިން ތިބި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. މީގެ ތެރެއިން 11 މީހަކު ވަނީ މަރުވެފައެވެ.

މި ހަމަލާގައި 6 ތުއްތު ކުދިން ސަލާމަތްވެފައިވާއިރު، އެކުދިންގެ މަންމަމެން ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.

އަފްޣާން އިންޓީރިއާ މިނިސްޓްރީން ވަނީ އެ ހަމަލާ ނިމުމަކަށް އައީ އެގައުމުގެ ފުލުހުން އެ ތިން މީހުންގެ ގަޔަށް ބަޑި ޖަހާ މެރުމުން ކަމަށް ބުނެފައެވެ.