އަފްޣާނިސްތާންގެ އަންހެނަކު އޭނާގެ ފިރިމީހާ ކައިރިން ވަރިއަށް އެދުމުން، ފިރިމީހާ ރުޅިއައިސްގެން އަނބިމީހާގެ ނޭފަތް ބުރިކޮށްލައިފިއެވެ.

އަފްޣާނިސްތާން ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ މިހާދިސާ ހިނގީ އެގައުމުގެ ޕަކްޓިކާ ޕްރޮވިންސްގައެވެ. އަނބިމީހާ އަށް ވަރަށް ގިނައިން އަނިޔާ ކުރަމުން ގެންދާ ފިރިމީހާގެ ކިބައިން ސަލާމަތް ވެގެން ދާން އަނބިމީހާ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެންމެފަހުން މިމަހުގެ ކުރީކޮޅު އަނބިމީހާ ވަނީ އޭނާ ވަރިކުރުމަށް ފިރިމީހާގެ ކިބައިން އެދިފައެވެ. އަދި ދެމަފިރިންގެ ހުރި ހަތް އަހަރުގެ ދަރިފުޅު ގޮވައިގެން ގެއިން ނިކުންނަން އަނބިމީހާ މަސައްކަތް ކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"ދެމަފިރިންގެ ހުރީ އެންމެ ދަރިއެއް. އެއީ ހަތް އަހަރުގެ ފިރިހެން ކުއްޖެއް. ދަރިފުޅު ގޮވައިގެން ގެއިން ނިކުންނަން ނިންމާފައި އަނބިމީހާ ބުނީ އޭނާ ވަރިކުރުމަށް. އެހިސާބުން ފިރިމީހާ ރުޅިއައިސްގެން ބަދިގޭގައި ގެންގުޅޭ ވަޅިއަކުން އަނބިމީހާގެ ނޭފަތް ވަނީ ބުރިކޮށްލާފައި." މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވިއެވެ.

ނޭފަތް ބުރިކޮށްލުން އެމައްސަލަ އަނބިމީހާ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ފުލުހުން މިހާރު ވަނީ ފިރިމީހާ ހައްޔަރު ކޮށްފައެވެ.

އަންހެން މީހާ އަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހަފްތާގައި ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އަފްޣާނިސްތާންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އެގައުމު ފުރަބަންދު ކޮށްފައި ވާތީ ގެވެށި އަނިޔާގެ މައްސަލަތައް ވަނީ އިތުރު ވެފައެވެ. މިހާރު އަފްޣާނިސްތާންގެ ސަރުކާރުން ވަނީ މެއި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފައެވެ.

އަފްޣާނިސްތާނަކީ އާއްމު ގޮތެއްގައި ވެސް ގެވެށި އަނިޔާގެ މައްސަލަތައް ގިނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޫ

    ތީ އަފްގާނިސްތާނެއްނު.