ހަޤީޤަތެއްނެތް ޚިޔާލީ މަންޒަރުތައް ލޯމައްޗަށް ސިފަވުމަކީ، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ އަލާމާތަކަށް ވެދާނެ ކަމަށް އޮސްޓްރޭލިއާގެ ދިރާސާވެރިންތަކެއް ބުނެފިއެވެ.

ކޮވިޑް-19 އާއި މީގެ ކުރިން ދުނިޔޭގައި ފެތުރުނު ބައެއް ބަލިބަލީގެ މަޢުލޫމާތު އެއްކޮށްގެން އެ ދިރާސާވެރިންގެ ޓީމުން ކުރިޔަށްގެންދިޔަ ދިރާސާއިން ހާމަވެފައިވާ ގޮތުގައި، ކޮވިޑް-19 ގެ އިތުރުން މި ބައްޔާއި އެއްގޮތް ސާސް ވައިރަސް އަދި ސްވައިންފްލޫ ޖެހުމުންވެސް މި އަލާމާތް ފެންނަކަން ކުރީގެ ހޯދުންތަކުން ސާބިތުކޮށްދެއެވެ.

ދިރާސާވެރިން ބުނާގޮތުން، ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ޚިޔާލީ މަންޒަރުތައް ސިފަވުމުގެ މި އަލާމާތްތައް ފެންނަނީ ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ. އެގޮތުން މިއީ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 4 އިންސައްތަ މީހުންނަށް ދިމާވާ ހާލަތެއް ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

"މި އަލާމާތްތައް ފެނި، ބަލީގެ ނުރައްކަލާއި ކުރިމަތިވާ މީހުންނަށް އިތުރު އެހީތެރިކަން ބޭނުންވާނެ. އައިސޮލޭޝަން ގައިވެސް އެކަނިވެރިކޮށްގެން ނުވާނެ. އެހެން ނޫނީ އިތުރު ސިއްޙީ ނުރައްކާތައް އެފަދަ މީހުންނަށް ކުރިމަތިވެދާނެ. ނުވަތަ ނަފްސާނީ ގެއްލުމެއްވެސް ލިބިދާނެ،" ދިރާސާގެ އިސް ތަކުރިބާކާރަކު ބުނެފައި ވެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން، ހަޤީޤަތެއްނެތް ޚިޔާލީ މަންޒަރުތައް ލޯމައްޗަށް ސިފަވުމަކީ ބައެއް ހާލަތްތަކުގައި އެކަމުގެ ސަބަބުން އެ ހާލަތު ދިމާވާ މީހަކަށް ބޮޑު ވޭނަކަށްވެސް ވެދާނެ ކަމެއް ކަމަށެވެ. އަދި އެކަމަކީ ސިއްޙީ ނުރަނގަޅު އެތައް އަސަރަކާއި ގުޅިފައިވާ ކަމަކަށްވެސް ވެދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.