ކޮވިޑް-19 ފެތުރެމުންދާ ހަލުވި މިނުގެ ސަބަބުން ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރި، ބަލި މީހުން އެޑްމިޓް ކުރާނެ ޖާގަ ހުސްވެ، އިތުރު އެތައް ދަތިކަމެއް ކުރިމަތިވަމުން އަންނައިރު މިކަމަށް ހައްލެއް ގެންނަން އެކި ގައުމުތަކުން އެކި ވިސްނުންތައް އަންނަނީ ކުރިއަށް ނެރެމުންނެވެ. ނަމަވެސް ކޮލަމްބިއާ އިން މިހާތަނަށް ކުރިއަށް ނެރުނު ފަދަ ވިސްނުމެއް އަދި އެހެން ގައުމަކުން ބޭނުން ކޮށްފައެއް ނުވެއެވެ.

ކޮލަމްބިއާ ކުންފުންޏެއް ކަމަށްވާ އޭބީސީ ޑިސްޕްލޭ އިން މިވަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް ހާއްސަ އެނދެއް އުފައްދާފައެވެ. މިއެނދުގައި ބަލި މީހާ ބާއްވާ ބައިގެ އިތުރުން ސަންދޯކެއް ވެސް ހިމެނެއެވެ. ބަލި މީހާ މަރުވުމާއި އެކު އެނދު ބަދަލު ވެގެން ދަނީ ސަންދޯކަކަށެވެ.

ކުންފުނީގެ މެނޭޖަރު ރޮޑޮލްފޯ ގޯމޭސް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މި އެނދު އުފެއްދުމުގެ ވިސްނުން އައީ އަވައްޓެރި އިކްއެޑޯގެ ހާލަތު ފެނުމުންނެވެ. އިކްއެޑޯގައި ކޮވިޑް-19 ޖެހުނު އެތައް ބަޔަކު މަރުވެގެން ވަޅު ނުލެވި މަގުމަތީގައި ހަށިގަނޑުތައް ގިނަވެފައިވާ ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓް ކޮށްފައި ވެއެވެ.

ކޮލަމްބިއާގެ ކުންފުނިން ސަންދޯއް ހިމެނޭ ގޮތައް އުފެއްދި އެނދު ގައި ބޭނުން ކޮށްފައި ވަނީ ބޯކަރުދާހެވެ. ސަބަބަކީ ލަކުޑިން އެނދު ހަދައިފި ނަމަ އަގުބޮޑުވުމެވެ. ކޮލަމްބިއާގައި ކޮވިޑް-19 ޖެހިގެން މަރުވި ބައެއް މީހުން ވަޅުލުމަށް ލަކުޑި ސަންދޯކެއް ގަންނާނެ ފައިސާ ނެތިގެން ބައެއް އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. މިއެނދަކީ ލަކުޑި ސަންދޯކަކަށް ވުރެ ހެޔޮ އަގުގައި ލިބެން ހުންނާނެ އެއްޗެކެވެ. އެނދެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 85 ޑޮލަރަށެވެ.

އެނދު އުފެއްދި ކުންފުނިން މިހާރު ވަނީ މިބާވަތުގެ 10 އެނދު ކޮލަމްބިއާގެ ސިއްހަތާއި ބެހޭ ވުޒާރާ އަށް ވެސް ހަދިޔާ ކޮށްފައެވެ. ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހާލު ދެރަ ބަލި މީހުންނަށް ފަރުވާ ދޭނީ މިއެނދު މަތީގައި ބާއްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ކުޑަ ތަންކޮޅެއް އެޑްވާންސް ކޮށްލާ! ވަޅުލާފަ ފަރުވާ ދޭން ފަށައި!

    2
    1
  2. ކާޕެޓް ވަގު

    އަދި ވިސްނާލާ... ކަށްވަޅުގަ ފަރުވާދިނުން ބެސްޓް ވާނެ...