ބުޅަލުގެ ޒަރިއްޔާއިން ވެސް ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާ އާއި ޖަޕާނުގެ 12 ދިސާރާވެރިންގެ ޓީމަކުން ކުރިޔަށްގެންދިޔަ މި ދިރާސާގައި ބުނެފައި ވަނީ، ކޮވިޑް-19 އިން އިނފެކްޓުވެފައިވާ ބުޅަލެއްގެ ފަރާތުން، އިންސާނަކަށް މި ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

ކޮވިޑް-19 ޖެހިފައިވާ ބަޔަކާއެކު ބުޅާތަކެއް ބައިތިއްބައިގެން ކުރިޔަށްގެންދިޔަ މި ދިރާސާގައި ތިން ބުޅާ ބައިވެރިކޮށްފައި ވެއެވެ. އެ ބުޅާތަކަށް ބަލި ޖެހިފައިވާ މީހުންގެ ފަރާތުން ދެ ދުވަސް ތެރޭ ބަލި ފޯރިކަން ދިރާސާއިން ވަނީ ހާމަވެފައެވެ. އެހެންކަމުން ހަމަ މިގޮތަށް ބުޅަލުގެ ފަރާތުން އިންސާނުންނަށްވެސް ބަލި ޖެހިދާނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

ބުޅަލަށް ކޮވިޑް-19 ޖެހުނު ނަމަވެސް އޭގެ ފަރާތުން ކޮވިޑް-19 ޖެހުމުން އިންސާނުންނަށް ފެންނަފަދަ އަލާމާތްތައް ނުފެންނަކަން ދިރާސާއިން ފާހަގަކުރެވިފައި ވެއެވެ. އެގޮތުން ހަށިގަނޑުގެ ފިނިހޫނުމިނާއި ބަރުދަން ލުއިވުމާއި ލޯ ރަތްވުންފަދަ އަލާމާތެއްގެ އަސަރުވެސް އިންފެކްޓުވި ބުޅާތަކުގެ ފަރާތުން ނުފެންނަ ކަމަށް ދިރާސާވެރިން ބުނެފައި ވެއެވެ.

ބުޅަލުގެ ޒަރިއްޔާއިން އިންސާނުންނަށް ކޮވިޑް-19 ޖެހޭކަން ހާމަވެފައި ވާއިރު، މީގެ ކުރިން އެމެރިކާގެ ޒުލެއްގައި ގެންގުޅުނު މިނިކާވަގުތަކެއް މި ބައްޔަށް ފައްސިވެފައި ވެއެވެ. އެ ޖަނަވާރުތަކަށް ބަލި ޖެހުނީ، ޒުލުގައި މަސައްކަތް ކުރާ މީހަކަށް ބަލި ޖެހުނު ފަހުން ކަމަށް ވެއެވެ. އެހެންކަމުން އެ މިނިކާވަގުތައް އިންފެކްޓުވެފައިވަނީ އޭނާގެ ފަރާތުން ކަމަށް ވަނީ ބެލެވިފައެވެ.

މިނިކާވަގުތަކެއްގެ އިތުރުން ނިއުޔޯކުން މީގެ ކުރިން ބުޅަލެއްވެސް މި ފައިރަސް އަށް ފައްސިވެފައި ވެއެވެ. ގެއެއްގައި ގެންގުޅޭ އެ ބުޅާ ކޮވިޑް-19 އަށް ފައްސިވިނަމަވެސް، އެގޭގައި ދިރިއުޅޭ އެހެން ބަޔަކަށް ބަލި ޖެހިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ. އެހެންކަމުން އޭރު ބޮޑަށް ބެލެވިފައި އޮތީ، ބުޅަލުގެ ޒަރިއްޔާއިން އިންސާނުން މި ބައްޔަށް އިންފެކްޓު ނުވާނެ ކަމަށެވެ.