ހޯމަ ދުވަހު ރެކްޓަރ މިންގަނޑުން 5.8 މެގްނެޓިއުޑް ބާރުމިނުގައި ނިއު ޒިލޭންޑަށް ބިންހެލުން އައިއިރު، އެ ގައުމުގެ ބޮޑުވަޒީރު ޖެސެންޑާ އާޑެން ހުންނެވީ ޓީވީ އިންޓަވިއުއެއްގައެވެ. އެ ބިންހެލުމުގެ އަސަރު އެ ޓީވީ އިންޓަވިއު ކުރިއަށްދިޔަ އިމާރާތަށްވެސް ކުރިއެވެ. އެ ކަން މިހާރު މީސް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ.

ވެލިންގޓަންގައި ހެނދުނުގެ ނިއުސް ޕްރޮގްރާމެއްގައި އެކަމަނާ ވާހަކަދައްކަވަމުންދިޔަ ވަގުތު އައި އެ ބިންހުލުމާއެކު ކުއްލި ސިހުމެއް އެކަމަނާއަށް ލިބިވަޑައިގެންނެވިއެވެ. އަދި އެގަޑީގައި ސްކްރީންވެސް ތަޅުވާލިއެވެ. އެހެންނަމަވެސް އާޑެން ވަނީ އެއްވެސް ހާސްކަމެއް ނެތި ވަހަކައިގެން ކުރިއަށް ވަޑައިގެންފައެވެ.

އާޑެން ވާހަކަދައްކަވަމުން ވިދާޅުވީ، ފުދޭވަރަކަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ. އެގޮތަށް ވިދާޅުވެފައި އާޑެން ވަނީ ވާހަކަތަކައިގެން ކުރިއަށް ވަޑައިގެންފައެވެ.

5.8 މެގްނެޓިއުޑް ބާރުމިނުގައި އައި އެ ބިންހެލުމުގެ އަސަރު ބޮޑު ސަރަހައްދަކަށް ކުރި ކަމަަށް ރިޕޯޓްތައް ބުނެއެވެ. އެ ބިންހެލުން އައިސްފައި ވަނީ 37 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުން އައި ވަގުތު އާޑެންގެ މޫނު މައްޗަށް އެއައި ބަދަލު އަންނަ ވީޑިއޯ މިހާރު މުޅި މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެ ބިންހެލުން އައި ނަމަވެސް އެކަމަނާ އެ އިންޓަވިއު ތެރޭގައި ހަމަޖެހިލައިގެން ވާހަކަދައްވަކަމުން ދިއުމުން އެތައް ބަޔަކު ވަނީ އެކަމަނާއަކީ މޮޅު އަދި ގާބިލް ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އާޑެން އަކީ މީގެ ކުރިންވެސް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ލީޑަރެކެވެ. އެގޮތުން ނިއުޒިލެންޑްގެ ކްރިސްޗާޗްގައި ދިން ނިރުބުވެރި (ޓެރަރިސްޓް) ހަމަލާ އަށް ފަހު މުސްލިމުން ހިތްތަކުން އެކަމަނާ ވަނީ ޖާގަ ހޯއްދަވާފައެވެ.